ޓުވިޓާ ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ޕާސްވޯޑު ބަދަލު ކުރުމަށް އެކުންފުނިން އެދެފި

ޓުވިޓާ ޔޫޒަރުން ޕާސްވޯޑު ބަދަލު ކުރުމަށް އެކުންފުނިން ވަނީ އެދިފައި -- ފޮޓޯ: ގެޓީ

ޓުވިޓާގެ 330 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން އެމީހުންގެ އެކައުންޓުތަކުގެ ޕާސްވޯޑު ބަދަލު ކުރަން އެކުންފުނިން އެދެފި އެވެ.

ޓުވިޓާއިން އިއްޔެ ކުރި ޓުވީޓުތަކެއްގައިވާ ގޮތުން ސޮފްޓްވެއާ ބަގެއްގެ ސަބަބުން، އެކުންފުނީގެ އިންޓާނަލް ސިސްޓަމެއްގައި ޕާސްވޯޑުތައް ފެންނަ ގޮތަށް ރައްކާ ކުރެވިފައިވާ ކަން ދާދި ފަހުން ވަނީ ފާހަގަ ކުރެވިފައި އެވެ.

އަދި މިހާރު އެމައްސަލަ ހައްލުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެއްވެސް ޕާސްވޯޑެއް ވަގަށް ނަގައި އެހެން ބަޔަކު ބޭނުންކޮށްފައިވާ ކަމުގެ ހެއްކެއް ނުފެންނަ ކަމަށް ޓުވިޓާއިން ބުންޏެވެ. ނަމަވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ހުރިހާ ޔޫޒަރުންވެސް ޕާސްވޯޑު ބަދަލު ކުރުން ރަނގަޅު ކަމަށް އެކުންފުނިން ބުންޏެވެ.

ޓުވިޓާގެ ސިސްޓަމްތަކުގައި އާއްމުކޮށް ޕާސްވޯޑު ރައްކާ ކުރަނީ 'ހޭޝިން' ކިޔާ ޕްރޮސެސްއެއްގެ ދަށުން، އަސްލު ޕާސްވޯޑުގެ ބަދަލުގައި ނަމްބަރުތަކަކާއި އަކުރު ތަކެއްގެ ގޮތުގައި އެވެ.

ނަމަވެސް ސޮފްޓްވެއާ މައްސަލައެއްގެ ސަބަބުން ބައެއް ޕާސްވޯޑުތައް ރައްކާކުރެވިފައި ވަނީ ހޭޝިން ޕްރޮސެސް ފުރިހަމަ ނުވަނީސް ކަމަށް ޓުވިޓާއިން ބުންޏެވެ. އަދި މިހާރު އެކުންފުނިން ދަނީ މުސްތަގުބަލުގައި އެފަދަ މައްސަލައެއް ދިމާ ނުވާނެކަން ޔަގީން ކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން ކަމަށް ޓުވިޓާއިން ފާހަގަ ކުރި އެވެ.

comment ކޮމެންޓް