ތަފާތު ލޯތްބެއް -2

މާކަސްގެ ނިންމުމަށް ކައިޒާން ހިތާހިތުން މަރުހަބާކީ ނަމަވެސް ކޮންމެވެސް ކަމަކާއި ހިތް ނުތަނަވަސްވެއެވެ. އެހެންވާންވީ ސަބަބެއްވެސް ނޭގެއެވެ. ހިތާއި ސިކުނޑި އަރައިރުންވާއިރު ގަދަވާނީ ކޮންކޮޅެއްކަމެއް ނޭގެއެވެ. އެންމެފަހު ވަގުތުވެސް އޭނަގެ ޚިޔާލު ބަދަލުވެދާނެއެވެ.

ކޮޓަރިއަށް ވަދެފާ ޖޫލްގެ ޑައިރީ ނަގައިގެން ކިޔަންފެށިތަނާހެން ފޯނު ރިންގުވުމުން އޭނަ ނެގިއެވެ. ދެވަނަފަހަރަށްވެސް އޭނަގެ ބައްޕަ ގުޅީއެވެ. ވިޔަފާރިއައި ބައިވެރިވާން އެދުމުގެ ބަދަލުގައި މިފަހަރު ކުރީ އަމުރެވެ. ނޫނީ ކައިޒާން އަށް އޭނަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަމުގައި ބުނެ އިންޒާރުދިނެވެ. އާއިލާއާއި ވަކިން އުޅުނުކަމުގައި ވިޔަސް ކޮލެޖް ނިމެންދެން އޭނަގެ ބައްޕަ ވަނީ އެހީތެރިކަން ދީފައެވެ. ސިޓީއާއި ދުރުގައިވާ ގެވެސް ކައިޒާންއަށްޓަކާ ދޫކޮށްފައި ހުންނަތާ އެތައް އަހަރެކެވެ. ވީއިރު ހުރިހާ އެއްޗެއް ނިގުޅައިގެންފިއްޔާ ވާނެ އުދަގޫތަކާއިމެދު އޭނަ ވިސްނަން ޖެހޭނެއެވެ. ވަޒީފާއަށް ގޮސް މީހުންނާއި ކުރިމަތިލާނެ ހިތްވަރެއް އަދި އޭނަގެ ނެތެވެ.

"ބައްޕާ. އަޅުގަނޑު ރާއްޖެއަށް ދާންވެގެން ޓިކެޓް ބުކްކޮށްފިން. މަންތެއްގެ ތެރޭ އަންނާނަން....." ކައިޒާން ވާހަކަދެއްކީ އިހުތިރާމްއާއިއެކުގައެވެ.

"ކީއްކުރަން ރާއްޖެ ދާންވީ. ކައިޒާންއަށް އެންމެ އަކުރެއްވެސް ދިވެހި ބަހުން ކިޔާކަށް އެނގެނީއެއްނޫން. މަންމަ ހާފް މޯލްޑިވިއަންއަކަށް ވިއޭ ކިޔާފައި އެ ގައުމާއި މިހާރު އޮތީ ކޮން ގުޅުމެއް. އެކޮޅުގައި ކައިޒާންގެ މަންމަގެ ފެމިލީ ބަޔަކު އުޅެންޏާވެސް އެންމެން އެހެން ތަންތަނަށްގޮސް ސެޓްލް ވެ ނިމިއްޖެ. މެޕްގައި ޑޮޓެއްހެން އޮންނަ ތާކަށް ދާނެކަމެއްނެތް. އެހެންމީހުންނަށް ސުވަރުގެ ވިޔަސް އެއީ ހުރަގެއެއް. ނަރަކަ..............." ކައިޒާންގެ ބައްޕަ އަހުމަދު މައިކަލް ރާއްޖެ ދެކެ ވާ ފޫހި އަންގާލަދީފިއެވެ.

"އެކުވެރިއެއްގެ ދައުވަތަކަށް ދަނީ...." ކައިޒާން ކުޑަކޮށް އަޅައިގެންފާ ކިޔައިލިއެވެ.

"އެންމެ ރަގަޅު. އެއްމަސް ވާއިރު އެމެރިކާގައި ހުންނާތި ދަރިފުޅާ. ތިގޮތަށް ފެމިލީއާއި ވަކިން ބިޒިނަސްއާއި ދުރުން އަބަދަށް ހުންނާކަށް ނުވާނެ. މާޒީ ގައި ހިފަހައްޓައިގެން ތާއަބަދަކު ނުހުރެވޭނެ. މާފުދިނުމަކީ ރީތި ސިފައެއްކަން ކައިޒާންއަށް ބައްޕަ އެތައްފަހަރު ބުނެދީފިން. އެކަން އަންޑަސްޓޭންޑް ނުވާވަރުގެ ކުޑަކުއްޖެއް ނޫން ދޯ މިހާރު..." ކައިޒާންގެ ބައްޕަ މައިކަލްގެ ބަރު އަޑު ފޯނުން ވެސް ގުގުމާލާފައިވިއެވެ. ކުޑައިރުއްސުރެ ކައިޒާން އޭނަގެ ބައްޕަ މައިކަލްދެކެ ބިރުގަނެއެވެ. އިހުތިރާމްކުރެއެވެ. އެހެން ފިރިހެންދަރިންނާއި ބައްޕައާއި ދެމެދު އޮންނަފަދަ ގާތް ގުޅުމެއް އެދޭތެރެއަކު ނޯވެއެވެ. އޭނަވަނީ ފަރުވާތެރިކަމާއިއެކު އެދޭތެރޭގައި ރޮގެއް އަޅާފައެވެ. އެރޮގުން ބޭރަށް ދާކަށް އޭނަގެ ހިތަކުނެތެވެ. ބައްޕަގެ މުއްސަދިކަމުން ދަރިއަކަށް ލިބޭނެ ފައިދާތަކާއި އެ ހައްގުތައް އޭނަ ހޯދިޔަސް އެވިޔަފާރީގައި ޝާމިލްނުވާން އޭނައަށް ވެވުނުހާ މަސައްކަތެއްކުރާނެއެވެ.

އެމިރޭޓްސް ފްލައިޓް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަންއައިއިރު ވިއްސާރަވެ ބޯޓަށް ލޮޅުންތައް އެރިއެވެ. ފްލައިޓް ޖައްސަން އުޅެނީ ރަންވޭގެ ބަދަލުގައި މޫދުގައިހެން ހީވިކަހަލައެވެ. ކައިޒަންގެ ސިކުނޑިއަށް ބާރުކޮށްފައި ރިއްސައިލިއެވެ. ކައިޒަން ވަގުތުން ޖޫލްއަށް ސަމާލުކަންދިނުމުން ނަސީބަކުން ޕެނިކްއެޓޭކެއް ނުޖެހި ސަލާމަތްވިއެވެ. ނަމަވެސް ސިކުނޑިއަށް ލޮޅުން އަރައިފިއެވެ. އޭރުވެސް އަތްތިލައިގާ ތުރުތުރެއް ހުއްޓެވެ. ބޯޓުގް ފުރޮޅުތައް ރަންވޭގައި ޖެއްސިވަގުތު ޖޫލް މަޖާވެފައި ހަޅޭއްލެވިއެވެ. މަންޒަރު ރީތިކަމުން މާކަސް އިނީ ފޯނު ހުޅުވާލައިގެން ފޮޓޯނަގާށެވެ.

"ހެލޯ މޯލްޑިވްސް...." މާކަސް ބުނެލިއެވެ.

"އާ ޔޫ އޯލްރައިޓް؟ " މާކަސް ކައިޒަންގެ ކޮނޑުގައި އަތް ޖައްސާލައިފިއެވެ.

ކައިޒާން ފުންނޭވައެއް ދޫކޮށްލާފައި ތެދުވާން އުޅުމުން ޖޫލް ބޭނުންވީ އުރުވާށެވެ. މާކަސް ކައިޒަންގެ ބެކްޕެކް އަޅުވާލަދިނެވެ.

"މާ ފަސޭވާނެކަން ނޭގޭ ބައްޕަކައިރީ ބުނެފަ ޕްރައިވެޓް ޖެޓުގައި އާދެވުނުނަމަ. ހާދަ ދިގުދަތުރެކޭ ދޯ. ދެފައި ފާޅުވެއްޖެ. އެންޑް އައިމް އޯލްރެޑީ މިސިން ފީލިކްސް................" ފައި ގޮތްގޮތަށް ދަމާލުމަށްފަހު އޭނަ ކޮޅަށް ތެދުވެއްޖެއެވެ. ބިޒިނަސް ކްލާހަށް ވީތީ އެނދެއްފަދަ އަރާމު ގޮނޑި ލިބުނަސް ފްލައިޓްގައި ވުމުން އޭނަ ވަރުބަލިވީ މާ ބޮޑަށެވެ.

"ފީލިކްސްއާއިމެދު ނުވިސްނާ. ހީޒް އިން ގުޑް ހޭންޑްސް. ކައިޒާންއަށްވުރެ މާ ރަގަޅަށް އެމީހުން ބަލާނެ...." މާކަސް ބުނެލިއެވެ.

ޖޫލް އުރާލުމުން ކޮނޑުގައި ބޯ އަޅައިލިގޮތަށް އޮތީ އިނގިލި ލޮވެލަ ލޮވެލައެވެ. ރައްކާތެރިކަމާއި ހިމާޔަތް ލިބުމުން ހިތްހަމަޖެހިފައިވާކަމަށް އެ ވިދުންގަދަ ދެލޯ ހެކިދެއެވެ. މަޑުމަޑުން ކައިޒާންއާއި އެކުވެރިވެ ގާތްކޮށް އުޅެން ޖޫލްއަށް އާދަވެއްޖެއެވެ. ޕެސެންޖަރުންގެ ބަރު ލަގެޖްތައް ގެންގުޅޭއިރު ޖޫލްއަށް އަނިޔާއެއްވެދާނެތީ ކައިޒަން ހުރީ ވިސްނައިގެންނެވެ. މާކަސް އައީ އެމީހުންގެ ފަހަތުންނެވެ. މާކަސް ގެ އިސްކޮޅުން ދިގުކަމާއިއެކު އާމީ މީހެއްހެން އިސްތަށިގަނޑު ކޮށާލާފައި ހުރުމުން ވައްތަރީވެސް އެޖެންޓަކާއެވެ. ބަރާބަރަށް ޖިމަށްގޮސް އުޅޭތީ ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއްވެސް މެއެވެ. އެވަރުންވެސް ކައިޒަންއާއި އަޅުވާ ކިޔޭނެހެނެއް ހިޔެއްނުވެއެވެ. ގުދުރަތީގޮތުން ކައިޒަންއަށް ލިބިފައިވާ ރީތިކަމާއި އެއްވަރެއް ނުވިޔަސް އޭނައަކީވެސް އަންހެންކުދިންގެ ނަޒަރުގައި އަޅައިގަންނާނެ މީހެކެވެ.

ކަސްޓަމްސް ކްލިއަރެންސް ނިންމާލާފައި އެރައިވަލް ހޯލުން ނުކުންނަން އައިއިރު ޕޯސްޓްކާޑެއްހެން އޮތް އުޑުމަތީގައި ވިލާ އެއްވަމުންގޮސް އަނދިރިކަން ގަދަވީ ބަސްބުނާ ހިނދުކޮޅުތެރޭގައެވެ. ވައި ބާރުވެލުމާއެކު ވާރޭގެ ތިކިތައް އެކި ދިމަދިމާލަށް ބުރުއްސައިގެންދާން ފެށިއެވެ. އެތައް ހާސް ވާރޭ ތިކިތައް ރާޅުތަކާއި މައްލަވަކުރަމުން ދާއިރު ކަނޑު ހަލަބޮލިވެ ކެކެމުންދާތަނީ އެކަމަށް ކެތްނުވެގެންނެވެ. ކަނޑުފެނި ކައިޒާންގެ ނިތްކުރިން ފިނިދަލެއް ހިއްލާލައިފިއެވެ. އެމަންޒަރުން ޓޫރިސްޓުންގެ ހިތްތައް އާޝޯޚުކުރުވިއިރު ކައިޒަން ހުރީ ނުތަނަސްވެފައެވެ. އޭނައަށް ކަނޑު ފެނުނީ އިންސާނުން ދިރުވާލަން އަނގަ ހުޅުވާލައިގެން އޮތް ބިރުވެރި މަޚުލޫގެއް ފަދައިންނެވެ.

"ޕޫލަށް އެރެން...." ޖޫލް ބުނެލީ ކުރިމަތިން ފެންނަން އޮތް މޫދަށް އިޝާރާތްކޮށްލާފައެވެ.

"ސްވީޓްހާޓް. ވާރޭވެހެނީ އެހެންވެ އެއްވެސް މީހަކު މޫދަށް ނޭރެއެއްނު. ފަހުން އެރޭނީ. ވާރޭ ވެހޭއިރު މޫދަށް އެރުނީމަ ޖޫލް ބަލިވެދާނެ......."

"ވާރޭ ހުއްޓާލާނީ ކޮންއިރަކު. މޫދަށް އެރުނީމަ ބަލިވަނީ ކީއްވެ............" ޖޫލް އެކި ސުވާލުތައް އޮއްސަންފެށިއެވެ. ކައިޒާން ނޫނީ މާކަސް ޖަވާބުދިނެވެ.

"އަންކަލް ކައިރީ ޖޫލް މަޑުކޮށްލައްޗޭ އިނގޭ.... ފައިވް މިނިޓްސް...." ޖޫލް ބިންމަތީ ބަހައްޓާފައި މާކަސްގެ ކޮނޑުގައި ޖަހާލަމުން އޭނަ މަޑުމަޑުން އެއްޗެކޭ ކިޔައިލިއެވެ. އެއާއިއެކު ހިނގައިގަތީ ފާޚާނާ ބަރި ހުރި ދިމާލަށެވެ. މާކަސް އިންތިޒާރުގައި ހުރެ އިރުއިރުކޮޅާ އަތުކުރީގައިވާ ގަޑިއަށް ބަލައިލައެވެ. ކައިޒާންގެ މިޒާޖަށް އައިސްދާނެ ބަދަލެއް ނޭގޭތީ މާކަސް ހުރީ ކަންބޮޑުވެފައެވެ. ނުވީތާކަށް އަދި ކައިޒާން އެދިޔައީ ބެކްޕެކް ބަހައްޓާފައެވެ. މާކަސް އަވަސްއަރުވާލާފައި ދަބަސް ހުޅުވާލައިގެން އެތެރެއަށް ބަލާލުމާއިއެކު އޭނަގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

ކެމީލާ ކޮލެޖަށްދާން ތައްޔާރުވިތަނާ ވާރޭވެހިގަތުމުން ކަންބޮޑުވިއެވެ. މިގަޑީގައި ކާރެއްވެސް ލިބޭނީއެއް ނޫނެވެ. ކޮންމެ ކޮންމެ ކާރަކަށް އަރަންވެސް އޭނަ ޖެހިލުންވެއެވެ. މީހުންނަށް އިތުބާރުކުރަން ފަސޭހަ ނޫނީއެވެ. އައިސްބްލޫ ޖިންސަކާއިއެކު ގަޔަށް ދޫކޮށްއޮތް މަޑު ޕީޗްކުލައިގެ ހެދުން އޮތީ ކަކުލާއި ހަމަޔަށް ދިގުކޮށެވެ. އަޅާފައި ހުރި މަޑުނޫ ކުލައިގެ ޝިފޮން ޝޯލްގެ ސަބަބުން މާތް ވައްތަރުޖަހައެވެ. ޖިންސްފޮތީގެ ބެކްޕެކް އަޅުވާލައިގެން ހުރިއިރު އަތުގައި ދެތިން ފޮތްއޮތެވެ. ގަޔަށް ދޫކޮށް އޮތް ހެދުމެއްލައިގެން ހުއްޓަސް އޭނަގެ ލޫޅާފަތިކަން މުޅިއަކުން ނުފޮރުވެއެވެ. ތުނިކޮށް ވާރޭވެހުނަސް ކުޑައަޅައިގެން ކޮލެޖާއި ހަމަޔަށް ފޯރޭނެކަމުގެ އުއްމީދުގައި ބިސްމި ކިޔާފައި އެޕާޓްމެންޓުން ނުކުތެވެ.

ކުޑަ ތަންކޮޅަކަށް ހިނގައިގަތްތަނާ ވާރޭ ބޯކޮށްލައިފިއެވެ. ކެމީލާގެ ކުޑައަކަށްވެސް އޭނަ ހިމާޔަތްކޮށްދެވޭހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ ވައިގެ ހަމަލާތައް ވަރުގަދައެވެ. އެންމެފަހުން ކުޑަ އަނެއް ފަރާތަށް ފުރޮޅިގެން ދިޔުމާއިއެކު އޭނަ އަޅައިގެން ހުރި ޝޯލްވެސް އުދުއްސާނުލީ ކިރިޔާއެވެ. ބޯ ވާރޭގެ ތިކިތައް އެއްފަހަރުން އޭނަ ތެންމާލައިފިއެވެ. ދެއަތުން ޝޯލްގައި ހިފަހައްޓަމުން ދުއްވައިގަނެވުނީ ކުޑައިގެ ފަހަތުންނެވެ. އެވަގުތު އަރާ ހަމަ ވި ކާރެއް ބްރޭކް ޖައްސާލިނަމަވެސް ކުޑަކުޑަކޮށް އޭނަގެ ގައިގާ ކޭއްތުނެވެ.

"ޑޫ ޔޫ ވޯންޓް ޓު ޑައި؟ " އެ ޒުވާނާ ހަޅޭއްލަވައިގަތެވެ.

ކެމީލާ ޗަކަ ފެންކޮޅެއްގެ ތެރޭގައި ޖެހުނުގޮތަކުން ފައިތިލައަށް ތަދެއް އެރިއެވެ. އެވަރުންވެސް ތެދުވެ ކާރުގައި ކޮޅުފައިން ޖެހިއެވެ. އޭނަ ކިތަންމެ ބާރަށް ފައިން ވީއްލިޔަސް އެކާރުގައި އެންމެ ކޫރުމެއް އެޅުނީއެއް ނޫނެވެ. ނަމަވެސް އެމަންޒަރު ފެނިފައި ކާރުގެ ޑްރައިވަރު ފައިބައިގެން އައެވެ.

"ޔޫ ހާޓް މައި ބޭބީ......" އެ ޒުވާނާ ކާރުގައި ބީހިލީ ނިކަން ލޯބިންނެވެ. އިންސާނެއްގެ ފުރާނަޔަށްވުރެ ވެސް އެ ކާރުގަނޑު މުހިއްމުވިޔަސް އެންމެ ރަގަޅެވެ. އެބުނި އެއްޗެއް ކެމީލާއަކަށް ރަގަޅެއްނުވިއެވެ. ކާރާއި އިންސާނަކު ޖެހިގަތީމަ އެކާރުގަނޑު ފަށްފަށްވާން ނާޒުކީ ކާރު ނޫނީ އޭނަ ހެއްޔެވެ. ބޮޑާ ފޮނި އިންސާނުންވެސް އޭނަ ދެކެއެވެ. މިވަރެއް ނޫނެވެ. ކެމީލާ އެމީހެއްގެ މޫނަށް ބަލައިލުމެއްނެތި ތެމިފައިވާ ފޮތްތައް ނަގަން އުޅުނުއިރު އެޒުވާނާ އެތަނުން އެއްފޮތް ޖަހައިގަތެވެ. ކެމީލާ ރުޅިމައިތިރި ކުރަން މަސައްކަތްކުރިއެވެ. ކާރައި ހެދި އޭނަގެ ފޮތްތައް ތެމުނުއިރު އަދި މި މީހާ ފޮތެއް ފޭރިގަންނަން ޖެހިއްޖެއެވެ. ކެމީލާ ދުރުގައި ވަޔާއި ކިރިލަ ކިރިލާ އޮތް ކުޑަވެސް ނެގިއެވެ. ކޮރަކަށް ޖަހަމުން ހިނގައިގަތެވެ. އެ ޒުވާނާ އެވަރުން ދޫކޮށްލާކަށް ނޫޅުނެވެ. ފަހަތުން އައި ގޮތަށް އަތުގެ ހިކަނދި މަސްގަނޑުގައި ހިފުމުން ކެމީލާއަށް ހަޅޭއްލަވައިގަނެވުނެވެ.

"މޮޔަވީތަ. ގަޔަށް އަތް ނުލާ ދުރުގައި ހުރޭ ޕްލީޒް....." ކެމީލާގެ ހިތަށް ކޮންމެވެސް ވަރަކަށް ބިރުވެރިކަން ވަނެވެ. މިގޮތަށް ލަދެއް ހަޔާތެއްނެތި ރޯމާ ދުވާލު އަންހެންކުދިންގެ ގަޔަށް އަތް ފޯރުކުރަން ކެރޭނީ ބޮއިގެން ހުރި މީހަކަށް ނޫންހެއްޔެވެ. އަތްދަމާފައި މޫނުމަތީ އެތިފަހަރެއް ޖަހަން ބޭނުންވިއެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ.

"ދެން ކީއްކުރަންށޯ ކާރުގެ ކުރިއަށް އެރީ. އަހަންނަށް އެނގޭހާ އެއްޗަކީ ސިކުނޑި ހަމަޔަށް ހުރި މީހަކު އަމިއްލަ ފުރާނައަށް ބެލުމެއްނެތި ފަސްރުފިޔާގެ ކުޑައެއް ފަހާ ނުދުވާނެކަން......މަގުމަތި މިއޮތީ ހިތަކަށް ދީފައެއް ނޫން ވިއްޔަ. ހިނގާ ހޮސްޕިޓަލަށް. ސައިކޭޓްރިކް ހޮސްޕިޓަލަކަށް....." އެ ޒުވާނާ ކެމީލާގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ.

"ފަސް ރުފިޔާއަކަށް ނޫން ގަތީ. ސަތޭކަ.........."

"ހަހަ.....ސީރިޔަސްކޮށްތަ. ސަތޭކަ ރުފިޔަ ވެއްޖެއްޔާ އަގުބޮޑުކަމުން ހަމަ މިހިރީ ޝޮކް ޖެހިފައި. ވާރޭކޮޅެއް ޖެހިލާއިރަށް އުއްޑުން ޖެހިފައި އެއޮތީ ސަތޭކަ ރުފިޔާގެ އަގުބޮޑު ކުޑަ.................." ޒުވާނާގެ ހުނުމުގައި ހުރި ގޮތަކުން ކެމީލާގެ ރުޅި ހައްތަހާ އިތުރުވިއެވެ. މަލާމާތްކުރިޔަސް މިވަރު ތަންކޮޅެއް ބޮޑު ނޫންހެއްޔެވެ. ކެމީލާ ނުވިސްނާ ހުއްޓާ ކުއްލިއަކަށް އޭނަގެ އަތުގައި ހިފައިގެންގޮސް ކާރުގެ ކުރީ ސީޓަށް ލާން އުޅުނެވެ. ބިރުންގޮސް މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. މި މީހާއަކީ މޮޔައެއް ހެއްޔެވެ. ގޮތެއްފޮތެއް ނެތް މަގުމަތީގައި އުޅޭ އާވާރާއެކެވެ.

"އަހަންނަކީ ނުދަންނަ މީހަކު ބުނެލާއިރަށް ކާރަށް އަރާ މީހެއް ނޫނޭ......." ކެމީލާ ހިންދިރުވައިލިއެވެ.

"އަހަންނަކީ ޖޯން......އެންޑް ޔޫ އާ........." ޖޯން ކެމީލާގެ ފޮތް ހުޅުވާލާފައި ނަން ބަލައިލުމަށްފަހު ބުމަ އަރުވައިލިއެވެ. "ތީ ކެމީލާ........މިހާރު އެނގިއްޖެއެއްނު. ނުދަންނަ މީހަކަށް ނުވި.................."

ކެމީލާ ދޮރުހުޅުވަން މަސައްކަތްކުރަން އިންދާ ޖޯން ކާރުގެ ޑްރައިވަރު ސީޓަށް އެރިގޮތަށް ބާރުބާރަށް ކާރު ދުއްވާލުމުން ކެމީލާއަށް ރޮވޭވަރުވިއެވެ. އޭސީގެ ފިނިން އިތުރަށް ހީކަރުވާގޮތްވެ ދަތްދޮޅިއަށް ދާންދެން ރޫރޫ އަޅައިގަތެވެ.

"ޕްލީޒް ޕްލީޒް އާދޭސްކޮށްފައި މިބުނަނީ ހަމަ މިހާރު ހުއްޓާލާ......."

"ތީ މީހުން އާދޭސްކުރާގޮތްތަ. މިއަދު ތިހިރީ ކުށެއްކޮށްފައި. އަހަރެންގެ ކާރުގެ ކުރިމައްޗަށް ދުވެފައި ނުކުތީ. އެކަމުގެ އިނާމަކަށް ކާރުގައި ހިލޭ ދަތުރެއް. ގޭގެ ނަން ބުނޭ އަހަރެން ގެންގޮސްދީފާނަން...." ޖޯން ކާރުގެ ދުވެލި ބާރުކޮށްލިއެވެ.

"ހެޔޮނުވާނެ. ތިހާ ބާރަށް ނުދުއްވާ...." ކުއްލިއަކަށް ގޯޅިން ނުކުތް ސައިކަލެއް ފެނިފާ މޫނުގައި ދެއަތް އެޅުމާއިއެކު ކެމީލާގެ ކަރުތެރެއިން ތޫނުހަޅޭކެއްގެ އަޑު ކާރުތެރޭގައި ހިފައިލިއެވެ. ތަކުރާރުކޮށް މެދުނުކެނޑި ހަޅޭއްލެވުމުން ޖޯންއަށް ވީ މަޖާކަމަކަށެވެ. ހީހީފައި އެކި މަގުތަކުން ކާރު ދުއްވަންފެށިއެވެ. ޓްރެފިކް ލައިޓަށް ހުއްޓިޔަސް ކާރު ތަޅުލާފައި ހުރުމުން ފޭބޭނީ ކިހިނެއްހެއްޔެވެ. އެހެން މީހެއްގެ އެހީއަކަށް އެދޭކަށްވެސް ނުކެރުނެވެ. ޖޯން ގުދުގުދުލައްވާފައި ކާރުދުއްވުމުގެ ސަބަބުން އޭނައަށްވަނީ ބޮޑުވަރުވެފައެވެ. ބޮލަށް އެނބުރުން އަރާ މޭނުބައިކޮށް ހަމަ ދެންމެ ދެންމެ ހޮޑު އަނގަޔަށް އައިސްދާނެކަހަލައެވެ.

"ހޮޑުލެވެނީ...." ކެމީލާއަށް ކެތްނުކުރެވުނެވެ. އޭރު ކޯތާފަތް މަތިން ކަރުނައިގެ ރޮގެއް ތިރިއަށް ދެމެނީއެވެ.

"ދެން ލާންވީނު. މަށެއް ނުހިފަހައްޓަމޭ ކްރޭޒީ..." ޖޯންއަށް މަޖާވިއެވެ.

"މިކާރުން ފައިބަން ބޭނުމީ......." ކެމީލާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ރުޅި އަންނަންވެސް އެނގޭ ދޯ...." ޖޯން ކާރުގެ ދުވެލި ކުރިއަށްވުރެ ބާރުކޮށްލުމާއިއެކު ކެމީލާ ޖޯންއާއި ދިމާލަށް އެނބުރިލާފައި ހޮޑު ދުއްވާލައިފިއެވެ. އެއާއިއެކު ކާރުގެ ބްރޭކް ޖައްސައިލާފައި އެދިމާލަށް އެނބުރުނެވެ. ކެމީލާއަށް ފުރަތަމަ ފަހަރަށް އޭނަގެ މޫނަށް ބަލައިލެވުނެވެ. ލޮލުގައި އަވި އައިނެއް އަޅާފައި ހުރުމުން އެ ދެލޮލުގެ ޝުއޫރު ނުފެނުނަސް އޭނަ އިނީ ދަތްތައް ޖައްސާ ބާރުކޮށްލައިގެން ކަން އެނގުނެވެ. އެނިމޭޓެޑް ތަސްވީރަކާއި ވައްތަރު ފުރިހަމަ މޫނެއްކަން އެންމެ ނަޒަރަކުން ފާހަގަވިއެވެ. އެ ގަދަ ބުމައާއި ތުންފަތް އެހާ ރީއްޗެވެ. އިސްތަށިގަނޑު އޮތީ ލޯމައްޗަށް ފައިބާފައެވެ. ކަނދުރާގައި އަޅާފައިވާ ކަޅުކުލައިގެ ފަށްވެސް ކެމީލާގެ ނަޒަރުގައި އަޅައިގަތީ ކުޑަ ސިކުންތުކޮޅެއްގެ ބެލުމަކުންނެވެ. ދެން އޭނަގެ ނަޒަރު ތިރިއަށް ދަތުރުކުރިއެވެ. އޭނަ ހޭވި ހަޑިއަށެވެ. ޖޯން ލައިގެން އިން ކަޅު ޓީޝާޓާއި ޖިންސް ތެމިފައިވަނީ ހޮޑުންނެވެ. އޭނަ ދުއްވައިލި ހޮޑުންނެވެ. އެ ފެނިފާ އަނެއްކާ ކެމީލާގެ މޭ ނުބައިކޮށް އޯކަށް ދަމަންފެށުމުން ޝޮކެއްގައި އިން ޖޯންއަށް ދިރުމެއް ލިބުނުފަދައެވެ. އަވަސް ހަރަކާތަކާއިއެކު ވަގުތުން އޭނަގެ ގައި ކައިރިން ލާފައި ދޮރު ހުޅުވާލާފައި ފައިބަން އަމުރުކުރުމުން މިފަހަރު ކެމީލާ ހޮޑު ލީ ކާރުން ބޭރަށް ބޯ ނެރެގެން އޮވެއެވެ.

"އައްޗީޑި......" ޖޯން އަނގަޔަށް ވައްތަރެއް ޖައްސައިލާފަވެސް މަޖާވެގެން ހެވެން އުޅުނެވެ. އޭނަ ޓިޝޫ ފޮށިން އެތައް ޓިޝޫއެއް ކެމީލާގެ އުނގަށް ލާދިނެވެ. ލިބުނު ވަގުތު ބަލާފައި ކެމީލާ ވާރޭގެ ތެރެއަށް ނުކުތްތަން ފެނުމުން ޖޯންފަހަތުން ދުވެގޮސް އަރާ ހަމަކުރިއެވެ. އަދި ކެމީލާގެ ކުރިއަށް އެރިގޮތުން ކެމީލާގެ މޫނު ޖެހުނީ އޭނަގެ މޭގައެވެ. ކޮޅަށް ހުއްޓާ ފެނުމުން އެނގުނީ އިސްކޮޅުން ދިގުކަމާއި ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއްކަމެވެ. ކެމީލާ ވަގުތުން އަނެއް ފަރާތަށް އެނބުރުނުއިރު ޖޯން އޭނަގެ ބެކްޕެކްގައި ހިފެހެއްޓިކަން އެނގުނެވެ.

"ކީއް ތިކުރަނީ. ހެޔޮނުވާނެ. އަހަރެން ދޫކޮށްލާފައި ދާކަށް ނުވޭތަ. ތީ ކާކު. ކީއްވެ އަހަންނަށް އުދަގޫކުރަނީ. އަހަރެން މިދަނީ ކޮލެޖަށޭ..."

"ތި ހާލުގައި ހުރެ ކޮލެޖަކަށް ނޫން ދާނީ...." ޖޯންހިނިގަނޑެއް ޖަހައިލިއެވެ.

ދުރުގައި ހުރި މީހަކަށް އެމަންޒަރު ފެނި ކެތްނުކުރެވިގެން އައިސް އެކުއްޖާގެ ހިމާޔަތަށް އެއްޗެކޭ ބުނެލައިފިއެވެ.

"ކަލޭ ކޮން ފާޑުވައްތަރު ހުންނަނީ. އެކުއްޖާ ނުރުހެނީ. ކަލޭ ދުރުގައި ހުންނަނީ. މަ ޕޮލިހަށް ގުޅަނީ...." ބަންގްލާދޭޝް ޒުވާން ފިރިހެންކުއްޖާ އެމީހުން ދިވެހިން ވާހަކަދައްކާ ބަހުރުވައިން އިންޒާރުކުރުމުން ޖޯން ނުލަފާ ފާޑަކަށް ހޭންފެށިއެވެ.

"ކަލޭ ކޮން ފާޑު ވައްތަރު ބިރު ދައްކަނީ. މަ ބިރުން ހުން އަންނަނީ............" ޖޯން މަޖާވެލާފައި ހަމަ އެ ރާގަށް ވާހަކަދެއްކިއެވެ. އަދި ކައިރިއަށް ޖެހިލާފައި އައިނު ތިރިކޮށްލަމުން އެ ކުއްޖާއަށް ބަލައިލިގޮތަކުން އޭނަގެ ގައިން ހީބިހިނެގިއެވެ. މޫނު ހުދުވިއެވެ. އެބެލުމުގައި ހުރި ތޫނުކަމަކުން އެއީ އިންސާނެއްކަމާއިމެދު ޝައްކުވިއެވެ. އޭނަ ވަގުތުން މޫނު އަނބުރައިލިގޮތަށް ދެފަޔަށް ލެވުނުހާ ބާރެއްލާފައި އެންމެ ކުރިން ޖެހުނު ގޯޅިންގޮސް ލޯމަތިން ގެއްލުނެވެ. ޖޯންއަށް ނޭގުނީ އެ ބަންގާޅީ ކުއްޖާގޮސް އޭނަގެ އެކުވެރިން ކައިރީ ޖިންނިއަކާއި ދިމާވިއޭ ކިޔާފައި ވާހަކަދައްކާނެ ކަމެވެ. އޭރުވެސް ވާރޭ ހުއްޓާނުލާ ވެހެމުންދިޔައެވެ. ޖޯން ދަބަހުން ނެގި ވޮލެޓް ނަގައިގެން ކާރާއި ދިމާލަށް ހިނގައިގަތުމުން ކެމީލާ އަށް މަޖުބޫރުވީ އޭނަގެ ފަހަތުންދުވާށެވެ. މިއީ ކޮންފަދަ މުސީބާތެއް ހެއްޔޭ ހިތަށް އެރިއެވެ. މިމީހާއާއި ހެދި ކޮލެޖުން އެއް ދުވަސް ގެއްލުނީއެވެ. އޭނަގެ މުޅި ދުވަސް ޚަރާބުވެއްޖެއެވެ. ބަލިވެސް ވެއްޖެއެވެ. ޖޯން ކާރަށް އެރިގޮތަށް އެ ވޮލެޓް ހުޅުވާލާފައި އައިޑީ ކާޑު ނެގުމުން އޭނަ އަތުލާން މަސައްކަތްކުރުމުން މާ ކައިރިވެވެން ފެށުމުން ދުރަށް ޖެހެން މަޖުބޫރުވިއެވެ. މި ފަދަ ޒުވާނެއް ހަޔާތުގައި ފެނިފައެއްނުވެއެވެ. އޭނައަކީ ފިރިހެނުންނާއި ދުރުން އުޅެން އާދަވެފައިވާ ކުއްޖެކެވެ. ކޮލެޖުން ގެއަށް ދެން އޮފީހަށް ނޫނީ އޭނަ ގޮސްފައެއް ނުވެއެވެ. މިޖެހުނީ ދުވަހަކު ދިމާވެފައި ނުވާފަދަ ބިރަކާއެވެ. އޭނަ ހިތާހިތުން ދުޢާކުރަން ފެށިއެވެ.

"ދެމީހުންވާނެ އަދި ޑޭޓަކަށް ދާން. މިހާރު މަގޭ ގައިން ހޮޑު ވަސްދުވާއިރު ރެސްޓޯރެންޓަކަށް ވަންނާކަށް ނުވާނެ. ގާލްސް ޝުޑް ސްމެލް ފްރެޝް އޭޒް އެ ރޯޒް. ހޮޑު ވަސް ދުވާ އަންހެންކުއްޖަކާއި ކައިރިއެއް ނުވާނަން. ސޯ ގޭގެ އެޑްރެސް ބުނެދީ. ނޫނީ ހަތަރު ދަމު މިކާރުގައި އިންނަން ޖެހޭނީ. އައިޑީވެސް ނުދޭނަން......" ޖޯން ގެ އަޑުވެސް އޭނަފަދައިން ހިތްގައިމެވެ.

"ވައި އާ ޔޫ ޑުއިން ދިސް ޓު މީ...." ކެމީލާ މާޔޫސްވިއެވެ.

"އެނގެއެއްނު ސަބަބު. ކާރާއި ތޮޅުނީމަ........" ޖޯން ބުނެލިއެވެ.

"މަޖަލެއްނޫނޭ....." ކެމީލާ ދަތްތަކަށް ބާރުލާފައި ބުނެލިއެވެ.

"ދެންވެސް ތިކުއްޖާގެ އެޑްރެސް ބުނޭ. ނޫނީ އަހަރެންގެ ގެއަށް ދާންވީތަ. އެއީ ދޯ ބޭނުންވެގެން އުޅޭ ކަމަކީ. އަންހެންކުދިން ވަރަށް މަކަރުވެރި. ހިތާހިތުން މަށަށް މޮޔަވާއިރުވެސް ބޭރުފުށުން ރުޅި ދައްކަން އެނގޭނީ. ކެމީލާއަށްވެސް އަހަރެންދެކެ ލޯބިވެވިއްޖެ. ފޭކް ރުޅިއާއި ފޭކް ކަޅިއެޅުން އަހަރެން ގަބޫލެއްނުކުރާނަން. ޔޯ އައިސް ސޭ އިޓް އޯލް.............."

މަޖުބޫރުވެގެން ގޮސްހުސްވީވަރުން ކެމީލާއަށް ޖެހުނީ އޭނަގެ އެޑްރެސްވެސް ޖޯން ކައިރީ ބުނާށެވެ. އެފަހަރު ނަސީބަކުން ގެއާއި މާދުރެއްނޫނެވެ. ގެއާއި ހަމަޔަށް ދެވުނުއިރު ކެމީލާގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރުފެނުނެވެ. ޖޯން އަދި އެހިސާބުން ނިންމައިލީއެއް ނޫނެވެ. އޭނައާއިއެކު އެގޭގެ ފުރަތަމަ ފްލޯރަށްވެސް އެރިއެވެ. ދޮރުމައްޗަށް އަރާފައި ކެމީލާ އައިޑީ ދޭން އެދުމުން ޖޯން ނުލަފާ ގޮތަކަށް ހީލިއެވެ.

"ސޮރީ ކެމީލާ. އަދި އެހާ ފަސޭހައިން ނުދޭނަން. މިއަންނަ ހުކުރުދުވަހު ރޭ ނުވައެއް ޖަހާއިރު އަހަރެން ބަލާ އަންނާނަން. ޑިނާއަކަށް ދާން. އެރޭ ކާޑު ލިބޭނެ...." ކެމީލާ ޝޮކެއްގައި ހުއްޓާ ޖޯން ސިޑިބަރިން ދުވެލާފައި ދިޔައީ އޮމާން ތަނަކުން ދުވާނެހާ ފަރިތަކޮށެވެ. ކެމީލާ ހުރީ ހުއްޓުން އަރާފައެވެ. ރުޅިގަދަވެގެންގޮސް އެތެރެ އެތެރެއިން ހަޅޭއްލެވިއެވެ. ނަމަވެސް އަޑު ބޭރެއްނުވިއެވެ. ދޮރުގައި ޓަކިދޭން ފެށުމުން މަންމަ ތަމަންނާ ދޮރު ހުޅުވާލައިފިއެވެ. ތަމަންނާގެ ބޮޑާކަމާއި ފޮނިކަމުން އަވަށްޓެރިއަކާއި އަނގައިން ބުނެލުންވެސް އޭނައަށްވަނީ ދަށު ދަރަޖައިގެ ކަމަކަށެވެ.

"ކަމީލާ ތީ ކުޑަކުއްޖެއްތަ. ދެންމެ މޮޕްކޮށް ނިންމައިލާފާ މި ޖައްސައިލީ. ދެން ވާރޭތެރޭ ޗަކައިގާ އުޅެފައި ތި ބޫޓުގަނޑާއިގެން ނިކަންވަދެ މި މުށިތައް ހަޑިކޮށްބަލަ ދެފައި ބިންދާލާނީ. ކޮލެޖަށް ނުދާން ވަގުހަދަންވެސް ފެށީ. ކޮން ވަހެއް ދުވަނީ..." ތަމަންނާ ނޭފަތް ގުރުޑުކޮށްލިއެވެ. ކެމީލާގެ ދޮންމޫނުމަތިން ރުޅިވެރިކަމެއް ނުފެނެއެވެ. ދެރަވެފައި އިންފަދައެވެ. ގުދުވެ އޭނަ އަރައިގެން ހުރި ސްނީކާސް ބާލަންފެށިއެވެ. އެންމެ ބޫޓެއް އޮތްވާ އެނުލަފާ އިންސާނަކާއިހެދި ބޫޓާއި ހެދުންވެސް ހަޑިވެއްޖެއެވެ.

"އޯކޭ މަންމާ. އަހަރެން" ކެމީލާ އެއްޗެކޭ ބުނަން އުޅުނެވެ.

"ކޮން އޯކޭއެއްތަ. އޯކޭ ނުވާނެއްނު. މޮޕްކުރޭ. މޮޕް ކުރޭ...ދެން މިކުއްޖާގަނޑު އުޅޭ ވައްތަރެއް........." ތަމަންނާ ކަޅި އަޅާލާފައި ގޮސް ސޯފާއަށް ވެއްޓި ހަނގު އަންހެންދަރި އުލާ އާއިއެކު ޑްރާމާ ބަލަން އިށީނެވެ. އުލާ ފޯރި ހިފާފައި އިންވަރުން ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތެވެ. ބައެއްފަހަރު މަންމަގެ އަމަލު ހުންނަނީ ދޮންމަންމައެއް ފަދައިންނެވެ.

އެގޭގައި ހުންނަނީ ތިން ކޮޓަރިއެވެ. އޭނައާއި މާމަ އަދި އުލާ އެއްކޮޓަރިއެއްގައި އުޅޭއިރު ބައްޕަ ޔާސިރުއާއި ތަމަންނާ އުޅެނީ ޖެހިގެންހުރި ކޮޓަރީގައެވެ. އެކުދިންގެ ދޮންބެއަށް އެންމެ ކުޑަ ކޮޓަރިއެވެ. އެކަނިއުޅޭ މީހަކަށް އެވަރު ގޯހެއްނޫނެވެ. ކެމީލާ ކޮޓަރިއަށް ވަދެ ބަލައިލިއިރު މާމައޮތީ ދެލޯ މަރާލައިގެންނެވެ. ސްޓްރޯކެއް ޖެހުމުގެ ސަބަބުން ހަށިގަނޑުގެ އެއް ފަޅިން ވާގި ދިޔުމަށްފަހު އަބަދު އުޅެނީ ބަލިކޮށެވެ. މާމަގެ އުމުރުން އަދި އެހާ ދުވަހެއްނުވެއެވެ. ފިކުރުތަކާއި ޚިޔާލުތައް ގިނަވުމުން މާމަ ޒުވާންއިރު މުސްކުޅި އަޖޫޒަކަށް ހަދައިފިއެވެ. އެހެންމީހުންގެ އެހީތެރިކަން ނެތި އަމިއްލަ އެއްވެސް ކަމެއް ނުކުރެވޭވަރު ވެއްޖެއެވެ. މާމަ ފެނުމުން ކެމީލާގެ ހިތަށް އަސަރުކޮށް ރޮވޭވަރުވެއެވެ. ފާޚާނާއަށްވަދެ ފެންވަރާ ހަދާލައިގެން ހިކި އެއްޗެހިލައިގެން ނުކުތްއިރު މާމަ އޮތީ ކުކުރާލަ ކުކުރާލައެވެ. ކެމީލާ މާމަގެ ގައިގާ ރަޖާގަނޑު އަޅާލަދިނެވެ. ފައި މޮޑެދޭން އިށީނދެފައި ބަލައިލިއިރު މާމައޮތީ ފެންކަޅިވެފައެވެ. ކެމީލާ މާމަ ހެއްވަން ކޮންމެވެސް ވާހަކައެއް ކިޔާދޭންފެށިއެވެ.

ކައިޒާން އާއި މާކަސް ޖޫލްގެ އަތުގައި ހިފައިގެން ބީޗްގައި އުޅުނުއިރު އެތައްބަޔެއްގެ ނަޒަރު އެމީހުންނަށް ހުއްޓުނެވެ. ބަޔަކު ފެންނައިރަށް ހަގީގަތް ނުބަލާ ކުށް ހީކުރުމަކީ ބައެއް އިންސާނުންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. މާކަސް ސީދާ ޔޫރަޕްމީހެއްކަން އެނގޭފަދަ ސިފަތައް ހުރިއިރު ކައިޒާންގެވެސް ދިވެހިގޮތެއް ނެތެވެ. ކަޅުކުލައިގެ އިސްތަށިގަނޑެއްލިބިފައި ވިޔެއްކަމަކު އިސްކޮޅުން ދިގުކަމާއި ޓޭން ކުލަ ވެރިވެފައިވާ ހަމުން އޭނަވެސް ބޭރު މީހަކާއި ތަފާތެއް ނެތެވެ. މާކަސްއާއި އެއްވަރެއްގެ އިސްކޮޅެކެވެ. ދެމީހުން ވާހަކަދައްކަނީ އިނގިރޭސިންނެވެ. ވީމަ އެންމެންވެސް ހީކޮށްގެން ތިބީ އެންމެ ނުބައި ގޮތަށެވެ. ޖޫލް ކުޅެން ދޫކޮށްލާފައި ހުރުމުން ވަރަށް އުފާވެ ދުވެ ދުވެފައި އުޅުނެވެ. އޭރުވެސް އަތުގައިވާ ކަފަ ބުދުން ދޫކޮށެއްނުލައެވެ. ދެމީހުން ޕޮޕްކޯން ގަނެލައިގެންގޮސް ހިލަ ގޮނޑިއެއްގައި ޖައްސައިލިއެވެ.

"ރޭގައިވެސް ކިހާ ވަރަކަށް ޖޫލް ރުއީ. ނެނީއެއް ނުހޯދާ ވާކަށް ނެތެއްނު......" މާކަސް މިފަހަރު ވާހަކަދެއްކީ ފްރެންޗްބަހުންނެވެ. އެހެން މީހުންނަށް އެނގޭނެތީ އިގިރޭސިން ވާހަކަ ނުދައްކަންވެގެންނެވެ. ނަޒަރު ދަތުރުކުރީ އެހިސާބުގައިވާ އަންހެންކުދިންނަށެވެ. ދިވެހި ކުދިންގެ ގައިގާ އަޅައިގަންނަގޮތް ހުރެއޭ ބުނާ އަޑު އޭނަ އަހައެވެ. އެއީ ދޮގެއްނޫނެވެ. ބާރު ހެދުންތައް އަޅައިގެން ތިބޭއިރު ހިތާއި ކުޅެލާވަރުގެ ކުދިން އެބަފެނެއެވެ.

"ނެނީއެއް...." ކައިޒާން ކިޔައިލިއެވެ.

"އަހަރެމެންނާއިއެކު އެމެރިކާއަށް ދާކަހަލަ ނެނީއެއް ކިހިނެއްވާނެ...." މާކަސް ލާނެތް ހިންޏަކާއިއެކު އަހައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް