ފުޓްބޯޅަޔާ ގުޅުންހުރި ގޮވެލިތަކާއެކު އުރީދޫގެ ތަފާތު ވައިބާ ސްޓިކާ ޕެކެއް!

އުރީދޫ އިން ވައިބާއަށް ތައާރަފްކުރި "ފުޓްބޯޅަ" ސްޓިކާ ޕެކްގެ ޕޯސްޓަރެއް --- ފޮޓޯ/ އުރީދޫ

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓްބޯޅަޔާ ގުޅުންހުރި ގޮވެލިތައް ހިމަނައިގެން ވައިބާ ސްޓިކާ ޕެކެއް އުރީދޫއިން ތައާރަފްކޮށްފި އެވެ.

މިއީ އުރީދޫއިން ރާއްޖެއަށް ހާއްސަކޮށްގެން ނެރުނު ތިން ވަނަ ވައިބާ ސްޓިކާ ޕެކެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް ބުރޭންޑް ހުސެއިން ނިޔާޒު ވިދާޅުވެފައިވަނީ، ފުޓްބޯޅައަކީ ދިރިއުޅުމުގެ ބައެއް ކަމުން، "ފުޓްބޯޅަ" ސްޓިކާ ޕެކް މެދުވެރިކޮށް، ފުޓްބޯޅައާ ގުޅުވައިގެން ދިވެހިން އާންމުކޮށް ބޭނުންކުރާ ބަސްތަކެއް ވައިބާ އަށް ގެނެސްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އަދި އެ ސްޓިކާތަކުގެ ސަބަބުން ފުޓްބޯޅައިގެ ވާހަކަތައް ވަރަށް ތަފާތު ގޮތަކަށް ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ކުޑައިރު އާއިލާ އާއި އެކުވެރިންނާއި އެކު މަގުމަތީފައި ފުޓުބޯޅަ ކުޅެން އުޅުނު ޒަމާނުން ފެށިގެންގޮސް، ތަފާތު ފުޓުބޯޅަ މެޗުތަކުގައި ބައިވެރިވި ހިނދުގައި، އަދި ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅައިގެ މުބާރާތްތަކާއި ލީގުތައް ކުރިޔަށް ދާ ގޮތް ކައިރިން ބަލަމުންދާ އިރުގައިވެސް އަޅުގަނޑުމެން ދިވެހިން އާންމުކޮށް ބޭނުންކުރާ ބަސްތަކެއް އެބަހުރި. "ފުޓުބޯޅަ" ސްޓިކާ ޕެކް މެދުވެރިކޮށް، ވައިބާ އަށް މި ބަސްތައް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫން ނެރުނު ބަޔާނުގައިވެއެވެ.

އެއްވެސް އަގަކާ ނުލައި ވައިބާ ސްޓިކާ މާކެޓުން ޑައުންލޯޑް ކޮށްލެވޭނެ، އުރީދޫއިން މިފަހަރު ތައާރަފްކުރި ފުޓްބޯޅާ ސްޓިކާ ސެޓް ވެސް މައިގަނޑު ގޮތެއްގައި ފަރުމާ ކުރެއްވިފައިވަނީ ދިވެހި ބަހުންނެވެ.

އޭގެ ތެރޭގައި "ގޯލް"، "ހިނގާ ކުޅެން ދާން؟"، "އަދި ޖަހާނެ"، "ފައިބާ"، ބޮޑު ބޯޅަ" އަދި "ތަށި ނަގާނަން މިފަހަރު" ފަދަ ލަފުޒުތައް މިފަހަރުގެ އުރީދޫ ވައިބާ ސްޓިކާ ޕެކްގައި ހިމެނެއެވެ.

އުރީދޫން ބުނީ، މަގުބޫލު ޑިޖިޓަލް ޕުލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓު ހިމެނުމަކީ އެ ކުންފުނިން ވަރަށް ވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން ވައިބާ އަދި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން، ދިވެހި ރަހަތައް ބައިނަލްއަގްވާމީ ޕުލެޓްފޯމްތަކަށް ގެނައުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީސްމީޑިއާގައި ހިދުމަތް ފޯރުކޮށްދޭ އުރީދޫގެ ސުމޭކީ މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް ވެސް ވަނީ ދާދި ފަހުން ވައިބާގައި ތައާރަފް ކޮށްފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕުލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޯބައިލް ކަސްޓަމަރަކަށް ވެސް، ފޭސްބުކް މެސެންޖާ އަދި ވައިބާ ފަދަ މީސް މީޑިއާގައި އުރީދޫއާ ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް ހިދުމަތް ހޯދޭނެއެވެ.

comment ކޮމެންޓް