ސެންޓޭއާއި ދަގަނޑޭގެ ލަނޑުތަކުން އަބަހާނީ ބަލިކޮށް، ނިއުއިން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕްގައި އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ދެ ލަނޑާއެކު ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބަލިކޮށް، ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އީ'ގެ މެޗުގައި އަބަހާނީ އަތުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުއާ އެންމެ ގާތުން ވާދަކުރާ އިންޑިއާގެ ބެންގަލޫރު އެފްސީން ކޮންމެ ނަތީޖާއެއް ނެރުނު ނަމަވެސް، މިމަހުގެ 16 ވަނަ ދުވަހު، ރަށުން ބޭރުގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ކުޅޭ މެޗުން ނިއު މޮޅުވެއްޖަ ނަމަ، ނިއުއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާނެއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ކުރީކޮޅުގައި އަބަހާނީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އަބަހާނީގެ އެމެކާ އޮނުއޮހާ އާއި އެމްޑީ އެމޮން މަހްމޫދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެމެކާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައިނުވި އިރު، އެމޮން ފޮނުވާލި ހަމަލާ ނިއުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 16 ވަނަ މިނެޓުގައި އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް އެންޑޫކަކޫ އުޑޯކާ އެލިސަން ކުރި ފައުލަކާ ގުޅިގެން ނިއުއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ނިއުއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސެންޓޭއެވެ.

ނިއުއިން ލީޑު ހޯދުމަށް ފަހުވެސް އެޓީމުން ރަނގަޅު ކުޅުމެއް ދައްކައި، އަބަހާނީޣެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. އެގޮތުން ދަގަނޑޭއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ދަގަނޑޭ ފޮނުވާލި ފުރަތަމަ ހަމަލާ އަބަހާނީގެ ޑިފެންޑަރުން ދިފާއުކުރި އިރު، ދެވަނަ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އަބަހާނީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަކްރަމް އަބްދުލްޤަނީ (އަކޫ) އަތުން ބޯޅަ ހޯދުމަށްފަހު، ސާދް އުދިން ނަގައިދިން ހުރަހަކުން ނިއުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޖަޕާނު ފޯވަޑް ކޮޖީމާ ސެއިޔާ ފޮނުވާލި ހަމަލާ، ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްތެރޭ އަބަހާނީން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނިއުގެ ޕެނަލްޓީ އޭރިއާގެ އަރިމަތިން ފޮނުވާލި ބާރު ހަމަލާއަކުން އަބަހާނީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާނު ފޯވަޑް ސެއިޔާއެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު އިމްރާނު މުހައްމަދުގެ އަތުގައި ޖެހިފައެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަބަހާނީން ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓުތެރޭ ނިއުއިން ވަނީ އަލުން ލީޑު ހޯދައިފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ބޯޅަ ހިފައިގެން އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ސެންޓޭއެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ސެންޓޭ ވަނީ އިތުރު ލަނޑެއްޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ދަގަނޑޭ ދިން ބޯޅައަކުން ސެންޓޭ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ، އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ހެޓްރިކާއެކު ސެންޓޭ ވެގެންގޮސްފައިވަނީ އޭއެފްސީ ކަޕްގައި ހެޓްރިކެއް ފުރިހަމަކުރި ދެވަނަ ދިވެހި ކުޅުންތެރިޔާއަށެވެ. ސެންޓޭގެ އިތުރުން ދެން ހެޓްރިކެއް ފުރިހަމަކުރި ދިވެހި ކުޅުންތެރިޔަކީ ދަގަނޑޭއެވެ.

އޭއެފްސީ ކަޕްގައި ނިއުއާއި އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 5-1ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެންޓޭ ހެޓްރިކް ފުރިހަމަކުރިތާ މިނެޓެއްތެރޭ ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ނިއުގެ ކެޕްޓަން ދަގަނޑޭއެވެ. އަބަހާނީގެ ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ހަމަލާ، އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ނިއުގެ ފަސްވަނަ ލަނޑު ފެނިގެންދިޔައެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ، ވަރަށް ރީތިކޮށް ކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

އެ ގްރޫޕުގައި އައިޒޯލްއާ ދެކޮޅަށް މިރޭ 7:30ގައި ބެންގަލޫރު ނުކުންނާނެއެވެ. ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ބެންގަލޫރަށް އެ މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ. އަބަހާނީއާއި އައިޒޯލްއަށް ވަނީ މުބާރާތުން ކުރިއަށް ދިއުމަށް ފުރުސަތު ގެއްލިފައެވެ.

comment ކޮމެންޓް