ގާކޮށިނބީއާއި ހިރުނދޫގައި ހެދި ރިސޯޓު ހުޅުވައިފި

ބ ހިރުނދޫގައި ތަރައްގީކުރި ޑްރީމްލޭންޑް "ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ" --- ފޮޓޯ: ޑްރީމް ލޭންޑް

ށ. ގާކޮށި ބީގައި ތަރައްގީކުރި ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓާއި ބ. އަތޮޅު ހިރުނދޫގައި ތަރައްގީކުރި ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓު ހުޅުވައިފި އެވެެ.

ސިއްރު ފެންފުށި ރިސޯޓު ހުޅުވާފައި ވަނީ ލަގްޒަރީ ފެންވަރުގެ 120 ވިލާއާ އެކު އެވެ. އަދި އެ ރިސޯޓުގައި ރާއްޖޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ދާރުލްއާސާރު ވެސް ވަނީ ގާއިމް ކޮށްފަ އެވެ.

ށ. ގާކޮށިބީގައި ތަރައްގީކުރި ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓު -- ފޮޓޯ/ ދަ ލަގްޒަރީ އެޑިޓަރ

އެ ދާރުލްއާސާރުގެ ކްރިއޭޓަރަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އާޓިސްޓް ޖޭސަން ޑެކެއަސް ޓޭލާ އެވެ.

ސިއްރު ފެންފުށި ރިސޯޓަކީ އާއިލާތަކަށް ވެސް ޚާއްސަކޮށްގެން ޚިދުމަތްތައް ފޯރުކޮށްދޭ ލަގްޒަރީ ރިސޯޓެއް ކަމަށް އެ ރިސޯޓު ހިންގާ ފެއާމޮންޓް ހޮޓެލްސްއިން ބުނެ އެވެ.

އާ ބާވަތެއްގެ ލަގްޒަރީއެއް ފޯރުކޮށްދޭން ތައްޔާރަށް ހުރި ފެއާމޮންޓުން ބުނީ، ސިއްރު ފެންފުށި ރިސޯޓުން ޚިދުމަތް ދޭނީ ޚިދުމަތްތަކާއި ގުދުރަތާއި މުޖުތަމައާ ވަރަށް ބޮޑަށް ގުޅުވައިގެން ކަމަށެވެ.

ފެއާމޮންޓް ހޮޓެލްސްގެ ބްރޭންޑުގެ ދަށުން ދުނިޔޭގެ ގިނަ ހޮޓެލްތަކާއި ރިސޯޓު ހިންގަ އެވެ. އޭގެ ތެރޭގައި ނިއު ޔޯކްގައި ހުންނަ މަޝްހޫރު "ދަ ޕްލާޒާ" ހޮޓެލް އާއި ލަންޑަނުގެ "ދަ ސެވޯއި" ހޮޓެލުގެ އިތުރުން ޝަންގްހާއީގެ ފެއާމޮންޓް ޕީސް ހޮޓެލާއި ކެނެޑާގެ ކެބެކް ސިޓީގައި ހުންނަ ފެއާމޮންޓް ލެ ޝެޓޫ ފްރޮންޓެނަކް ހިމެނެ އެވެ.

ބ. ހިރުނދޫގައި ތަރައްގީކުރި ޑްރީމްލޭންޑް "ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ" --- ފޮޓޯ: ޑްރީމް ލޭންޑް

ބ. ހިރުނދޫގައި ތަރައްގީކުރި ޑްރީމްލޭންޑް "ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ" އަކީ ފެހިކަން ގަދަ ރިސޯޓެކެވެ. ހިތްގައިމު ރީތި މަންޒަރުތައް ފެންނާނެ މި ރިސޯޓަކީ އާދަޔާ ޚިލާފު އިހުސާސެއް ކުރުވައިދޭނެ ތަނެއްކަމަށް އެ ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

މި ރިސޯޓުގައި ދެ ރެސްޓޯރެންޓް ހިމެނޭއިރު އެއް ރެސްޓޯރެންޓަކީ ކުޅީގެ ހިތްގައިމު މަންޒަރު ފެންނަގޮތަށް ކާން ތިބެވޭނެ ރެސްޓޯރެންޓެކެވެ. ދެވަނަ ރެސްޓޯރެންޓަކީ މޫދުގެ ރީތި މަންޒަރުތަކާ އެކު ހިތްގައިމު މާހައުލެއްގައި ރިސޯޓުގެ ފަސް ތަރީގެ ކެއުން ތައްޔާރުކުރާ ޝެފްގެ ކެއުންތަކަށް އިންސާފުކުރެވޭނެ ރެސްޓޯރެންޓެވެ.

މި ރިސޯޓަކީ އަންގިރި ރިސޯޓްސް މެނޭޖްމެންޓުން ހިންގަމުން އަންނަ ރިސޯޓެކެވެ. އެ ކުންފުންޏަކީ އަންގަގާ އައިލެންޑް ރިސޯޓްސް އާއި ސަފާރީ އައިލެންޑް ރިސޯޓްސް އަދި ތުޅާގިރި އައިލެންޑް ރިސޯޓު ވެސް ހިންގާ ކުންފުންޏެވެ.

comment ކޮމެންޓް