ވައިޓް ހައުސްގެ ސައެންސާ ބެހޭ މުސްތަޝާރުކަން ގަބޫލު ކުރެއްވުމަށް ބިލް ގޭޓްސް ދެކޮޅު ހައްދަވައިފި

ވޮޝިންޓަން (މޭ 01): ވައިޓް ހައުސްގެ ސައެންސާއި ޓެކްނޮލޮޖީއާބެހޭ މުސްތަޝާރުކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވުމުން މައިކްރޯސޮފްޓް ކުންފުނީގެ ވެރިޔާ އަދި އެމެރިކާގެ އެންމެ މުއްސަނދި އެއް މަހުޖަނު ބިލް ގޭޓްސް އެކަމަށް ދެކޮޅު ހައްދަވައިފިއެވެ.

ބިލް ގޭޓްސްގެ އަރިސް ބޭފުޅަކު ވިދާޅުވީ ސައެންސާއި ޓެކްނޮލޮޖީއާ ބެހޭ މުސްތަޝާރުކަމުގެ މަގާމެއް ވައިޓްހައުސްގައި އުފެއްދުމަށް ޓްރަމްޕް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެން އެމަގާމު އުފެއްދެވުމަށްފަހު އެމަގާމަށް ބިލް ގޭޓްސް އައްޔަން ކުރަން ހުށަހެޅުއްވުމުން ގޭޓްސް އެކަމާ ދެކޮޅު ހައްދަވާފައިވާކަމުގައެވެ.

ޓްރަމްޕްވަނީ މިދިޔަ މާޗްމަހުގެ ފަނަރަ ވަނަދުވަހު ގޭޓްސްއާ ވައިޓް ހައުސްގައި ބައްދަލުކުރައްވާފައެވެ.

އެބައްދަލުކުރެއްވުމަށްފަހު ގޭޓްސް ގެންދަވަނީ އެބައްދަލުކުރެއްވުމުގައި ޓްރަމްޕް ދެއްކެވި ބައެއް ވާހަކަތައް އޭނާގެ ގާތްބޭފުޅުން މެދުވެރިކޮށް މީޑިޔާއަށް ހާމަކުރައްވަމުންނެވެ. މިގޮތުން ގޭޓްސްއާއި އޭނާގެ އަނބިކަނބަލުންގެ ފައުންޑޭޝަނުން ދުނިޔޭގެ ފަގީރު ގައުމުތަކުގެ ތަރައްގީއަށާއި އަދި ޚާއްސަކޮށް އެގައުމުތަކުގެ ސިއްޙީ ދާއިރާތައް ތަރައްގީ ކުރުމަށް އެފައުންޑޭޝަނުން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ޓްރަމްޕް އޮޅުންފިލުއްވިކަން ގޭޓްސް ވަނީ ހާމަކުރައްވާފައެވެ.

ގޭޓްސް ގެންދަވަނީ ބައެއް ބަލިތަކަށް ވެކްސިން އީޖާދުކުރުމަށް ސައެންސްވެރިން ކުރާ ސައެންޓިފިކް ރީސާޗް ތަކަށްވެސް ބޮޑެތި ޚަރަދުތަކެއް ކުރައްވަމުންނެވެ. މީގެތެރޭގައި އިންފްލުއެންޒާއަށް ވެކްސިން އެއް ތައްޔާރު ކުރުމަށް ސައެންސްވެރިން ކުރާ މަސައްކަތްތައް ހިމެނެއެވެ.

ސައެންސާއި ޓެކްނޮލޮޖީއާ ބެހޭ މުސްތަޝާރުކަމުގެ މަގާމެއް ވައިޓްހައުސްގައި އުފެއްދުމަށް ޓްރަމްޕް މަސައްކަތް ކުރެއްވީ އޭނާއަކީ ސައެންސާއި ޓެކްނޮލޮޖީއާ ބީރައްޓެރި އަދި ސައެންސްގެ ބައެއް ހަގީގަތްތައް ގަބޫލުނުކުރައްވާ ބޭފުޅެއްކަމަށް ލޭބަލް ވެފައިވާތީ ޓްރަމްޕްގެ އިމޭޖް ރަނގަނޅު ކުރުމުގެ ގޮތުންކަމަށް ޚަބަރުތައް ބުނެއެވެ.

ވައިޓް ހައުސްގެ ސައެންސާއި ޓެކްނޮލޮޖީއާ ބެހޭ މުސްތަޝާރުކަމުގެ މަގާމު ބިލްގޭޓްސް ގަބޫލު ނުކުރެއްވީ ކޮން ސަބަބަކާ ގުޅިގެންކަން ގޭޓްސް ހާމަކުރައްވާފައެއް ނުވެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުދަނާކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެތެރެއާއި ބޭރުގައިވެސް އޭނާއަށް ދަނީ ޖޯކާއި މަލާމާތް ރައްދުވަމުންނެވެ.

މީގެއިތުރުން އެމެރިކާގެ ބައިމަދު ނަސްލުތަކުގެ މީހުންނާ އަދި މުސްލިމުންނާ ދެކޮޅަށް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކާއި އުސޫލުތަކަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)

comment ކޮމެންޓް