ތޫފާން ފްލެމްބޮޔަންގެ ސަބަބުން އެކި ހިސާބުތަކަށް އުދައަރާފާނެ، ސަމާލުވޭ: މެޓް

މޫސުން ގޯސްވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައްޑު އަތޮޅުގެ އިރު ދެކުނުން ގާތްގަނޑަކަށް 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ތޫފާން ފްލެމްބޮޔަންގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށަށް އުދައަރާފާނެ ކަމަށް ލަފާކޮށް ސަމާލުވާން މޯލްޑިވްސް މީޓްރިއަލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތޫފާނުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

އެހެންކަމުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވާން ވަނީ އިލްތިމާސްކޮށްފައެވެ.

އުދައަރާނެ ކަމަށް ލަފާކުރާ ދުވަސްތައް

  • އުތުރުގެ އަތޮޅުތަކަށް އުދައަރާނެ ކަމަށް ލަފާކުރަނީ މިރޭ މެންދަމު 12 ޖަހާއިރު، މާދަމާ މެންދުރު 13:55، ތިނެއް މޭ މެންދަމު އެކެއް ޖަހާއިރު އަދި އެދުވަހުގެ މެންދުރު 14:28ގައި
  • މެދުތެރޭގެ އަތޮޅުތަކަށް އުދައަރާނެ ކަމަށް ލަފާކުރަނީ މިރޭ މެންދަމު 1:54، އަދި މާދަމާ 14:34، އަދި ތިނެއް މޭ 2:21 ގެ އިތުރުން އެދުވަހުގެ މެންދުރު 15:04ގައި
  • ދެކުނުގެ އަތޮޅުތަކަށް އުދައަރާނެ ކަމަށް ލަފާކުރަނީ މިރޭ މެންދަމު 2:37ގައި އަދި މާދަމާ މެންދުރު 15:11ގައި އޭގެ އިތުރުން ތިނެއް މޭގެ މެންދަމު 3:03ގައި އަދި މެންދުރު 15:04 ގައިވެސް އުދައަރާނެ ކަމަށް ވަނީ ލަފާކޮށްފައި.

އެހެންކަމުން ހާއްސަކޮށް އެގަޑިތަކުގައި ރަށްރަށުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ވ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ވިއްސާރަކުރާނެ އަދި ގުގުރުންވެސް އެކަށީގެންވޭ.
  • އެހެން ހިސާބުތަކުގެ މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ.
  • ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
  • އެހެން ހިސާބުތަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
  • ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަަށް މަޑުވާނެ.
  • ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއް.

މިއަދު ރާއްޖޭގެ އެކިސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާ ގަޑިތައް.

  • އުތުރުގެ ސަރަހައްދުތަކަށް 13:21ގައި
  • މެދުތެރޭގެ ސަރަހައްދުތަކަށް 14:03ގައި
  • ދެކުނުގެ ސަރަހައްދުތަކަށް 14:42ގައި
comment ކޮމެންޓް