ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމާ، ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނަށް ނުބުނެވޭނެ: ހަސަން ލަތީފް

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުބުނެވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމު ކޯޓުގައި ހިނގަމުން ދަނިކޮށް އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ދަނީ ގޮތް ނިންމަމުން ކަމަށެވެ. ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ ގޮނޑި ގެއްލިފައިވާކަމަށް ބުނާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައިވަނިކޮށެވެ.

ހަސަން ލަތީފް ވިދާޅުވީ ވީހާވެސް އަވަހަކަށް 12 މެންބަރުންގެ މައްސަލަ ބަލައި ނިންމައިދިނުމަށް ސުޕްރީމު ކޯޓުގެ ކިބައިން އެދޭ ކަމަށެވެ.

"ހާލަތުއް ޟަރޫރާ މެދުވެރިވެފައި ހަގީގަތުގައި މިއޮތީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ނުލައި އެ ޖަލްސާތައް މަޖިލީހުގައި ނުހިންގާ ހާލަތަށް ގޮސްފައި. 60،000 އަށް ވުރެ ގިނަ ރައްޔިތުން ތަމްސީލުކުރާ މެންބަރުން ބޭރުގައި ބައިތިއްބައިގެން މަޖިލީސް ހިންގީމަ، ގާނޫނުގައި ބުނާ ރައްޔިތުންގެ މަޖިލީހެއް ނޫން އެ ހިންގެނީ،" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީގައި ބުނާގޮތަށް، އެ މެންބަރުންނަކީ މަޖިލީހުގެ މެންބަރުން ކަމުގައި ކަނޑައަޅަން ގޮވާލާ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އާމިނަތު ނާދިރާ ވިދާޅުވީ ގޮނޑިގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންނަށް "މަޖިލީހަށް ވަނުމުގެ ހައްގު އެބައޮތް" ކަމަށެވެ. އެ މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް ބުނެ ބައި އިލެކްޝަން ބޭއްވުމުގެ ހައްގު އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސައިން ރަޝީދު ހަސަން ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނަނީ އެ މެންބަރުން ގާނޫނީ ކުށެއް ކޮށްގެން ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައި މެންބަރުކަން ގެއްލޭނެ ކަމަށް ބުނާ ހަލަތުވެސް އެ މެމްބަރުންނަށް މެދުވެރި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވީ މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން، އަދި ގެއްލުވާ ނުލާނެކަން ޔަގީންވާ ކަމަށެވެ.

comment ކޮމެންޓް