ސްޕެނިޝް ލަލީގާގައި ޑެޕޮޓީވޯ ލަކަރޫނިއާ ދެކޮޅަށް ކުޅުނު މެޗު، 4-2ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާސެލޯނާއިން 25 ވަނަ ފަހަރަށް ލަލީގާ ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ބާސާއިން ކުޅުނު މެޗުގައި އެޓީމުގެ ތަރި، ލިއޮނަލް މެސީ ވަނީ ހެޓްރިކް ހަދައިފައެވެ.
މެޗަށް ނުކުތް އިރު، ބާސާއަށް ތަށި ހޯދުމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައި ނުވާ އިރު، 34 މެޗުން އެޓީމަށް ވަނީ 86 ޕޮއިންޓް ލިބިފައެވެ. ބާސާއަށް ލީގުގައި ބާކީ ހަތަރު މެޗު އެބައޮތެވެ.
މެޗުގެ ކުރީ ކޮޅުގައި ފިލިޕް ކުޓީނިއޯގެ ގޯލުން ބާސާ ލީޑު ނެގި އިރު، މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ ލީޑު ފުޅާކޮށްދީފައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓް ފަހުން ޑިޕޮޓީވޯއިން ވަނީ ނަތީޖާގެ ފަރަގު ހަނިކޮށްފައެވެ.
އެމްރޭ ކޮލަގް ގޯލުން އެޓީމު ނަތީޖާގެ ފަރަގު ކުޑަކޮށް، ދެވަނަ ހާފަށް ނުކުމެ ޑެޕޮޓީވޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލް ޑެޕޮޓީވޯއަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒެވެ.
ދެވަނަ ހާފްގައި ޑެޕޮޓީވޯއިން ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ބާސާގެ ކީޕަރު އަދި ޑިފެންސަށްވެސް ވަނީ ނުރައްކާތަކެއް ކުރިމަތިވެފައެވެ.
ޑެޕޯޓީވޯއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 82 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގުއެވެ. މެސީގެ ގޯލާއެކު ބާސާއިން ދެވަނަ ފަހަރަށް ލީޑު ނެގި އިރު، އޭގެ އިރުކޮޅެއް ފަހުން މެސީ ވަނީ އިތުރު ގޯލެއް ޖަހައި ބާސާއަށް ލީގު ޔަގީންކޮށްދީފައެވެ.
މި ސީޒަނަކީ ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ ފުރަތަމަ ސީޒަނެވެ. އޭނާފެ ފުރަތަމަ ސީޒަންގައި ކޮޕާ ޑެލް ރޭ އާއި ލީގު ނަގައިފައިވާ އިރު، އެންމެ ބޮޑު މާޔޫސް ކަމަކަށް ކުރިމަތިވީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޯމާ އަތް ދަށުވެ ކެޓުމެވެ.
މިހާތަނަށް ސްޕެނިޝް ލަލީގާ އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމަކީ ރެއާލް މެޑްރިޑެވެ. އެ ޓީމު 33 ފަހަރު ލީގު އުފުލާލައިފައިވެއެވެ.