ތަފާތު ލޯތްބެއް -1

މޫސުމްގެ ފިނިން ކޮޓަރި އޭސީވެލާފައިވާއިރު ފްރެންޗް ކުޑަ ދޮރުތަކުން ފެންނަން ހުރި ގަސްތައް ޚަރީފުގެ ކުލަތަކުން ފަވާލާފައިވާއިރު ފެންނަނީ މޮޅު ކުރެހުމެއްފަދައިންނެވެ. ރީދޫ އަދި ރަތްކުލައާއި ފެހިކުލަ އެއްވުމުން މަންޒަރުތައް ފުރިހަމަވެފައިވެއެވެ. ހެޔޮވަރަކަށް ޖެހެމުންދާ ވައިރޯޅިތައް ދޮންވަމުންދާ ފަތްތަކާއި ގޯނާކޮށްލައެވެ. އެއާއިއެކު ޟައީފުވެފައިވާ ފަތްތައް ގަހާއި ވަކިވެ ވައިގެ ތެރޭ ލުއިކޮށް ނަށާލާފައި ބިންމަތީގައި ކޭއްތިލާ ހިމޭންވެދާއިރު ބަލާ ބަލާފޫހިނުވާފަދަ ހިތްގައިމުކަމެއް އެއިން ކޮންމެ މަންޒަރެއްގައިވި އެވެ. ދުރުދުރުން ދޫނިތައް ލަވަކިޔާ އަޑު މާހައުލުގެ ހިމޭންކަން މުގުރާލަނީ މިއުޒިކެއްފަދައިންނެވެ. ވައިރޯޅިތަކުގެ އަޑު ލުއި ނާނާއެއް ފަދައިން އިވިލާއިރު އިންސާނުން ފުންނިންޖަކަށް ގަންބުވާލާ ބައިވެރިއެއްފަދައެވެ.

ކޮޓަރީގެ މެދަށްވާ ގޮތަށް ހުރި ކިންގް ސައިޒް އެނދުގެ އެއްފަރާތުން ސަދުވާ ވައްޓާލާފައިވާއިރު ތަނުގައި ހިފާލާފައިވީ މީރުވަހަކުން މަރުވެފައިވާ ހިތްތަކަށް އަލުން ދިރުމެއް ގެނެސްދޭނެއެވެ.

ޝާލޮޓް ތޯމަސް ބެޑްޝީޓާއި ކުއިލްޓުން ލިބެމުންދިޔަ އަރާމާއި ހޫނުކަމުގެ ސަބަބުން ފުންނިންޖެއްގައި އޮތް ކައިޒަން ހޭލެވުމާއިއެކު ފުންމައިގެން ތެދުވެ އެނދުގައި އިށީދެވިއްޖެއެވެ. ފިނި ދަލެއް ހިއްލާލާފައި ބޮލުގައި މަޑު ރިހުމެއް ހުއްޓެވެ. އެތައް ޒަމާނެއްފަހުން މިއަދު އެހުވަފެން ތަކުރާރުވުމުގެ މާނައަކީ ކޮބާބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. ގަޑިއަށް ބަލައިލެވުމާއިއެކު ނިދުނީ ދުވާލު މެންދުރުގައިކަން އެނގުނެވެ. އިރުގެ ދޯދިތައް ކުޑަދޮރުތަކުން ފުރޭނި ކޮޓަރި އަލިކޮށްލާފައިވާއިރު އެހާ ވަރަށް ނިދުނުގޮތަކާއިމެދު ހައިރާންވިއެވެ. ހޫނު ފެނުން ފެންވަރައިލާ ތާޒާވެލުމަށްފަހު ކާކޮޓަރިއަށްވަދެ ކޮފީ މެޝިނުން ކޮފީއެއް އެޅިތަނާ އޭނަގެ ޕާސަނަލް އެސިސްޓެންޓް މާކަސް ވަނެވެ. އާދައިގެ މަތިން އޭނަ ހުރީ ކޯޓުފަޓުލޫނުގައެވެ. ރަސްމީކޮށެވެ.

"މޯނިން...." ކައިޒަން ހިނިތުންވެލުމުން މާކަސް ގަޑި ދައްކައިލިއެވެ.

"ކައިޒާން. ވިޒިޓާސް އިންތަކެއް އެބަތިބި......." މާކަސް ހުރީ ހަށަން ބަދެލައިގެންނެވެ.

"އޭލިއަންސްތަކެއްތަ؟ މާކްގެ ތި އެކްސްޕްރެޝަންއާއި ތިބުނި ރާގުން ނޯމަލް ބަޔެއް އައިހެނެއް ހިޔެއްނުވޭ. އެހެންނޫނަސް އަހަރެންގެ އެކުވެރިންނެއް ނޫޅޭ. ފެމިލީއެއްވެސް މިގެއަކަށް ނާންނާނެ. ސޯ ކޮންބަޔެއް. ކީއްކުރަންތޯ އަހާ ބަލަ. މާކްއަށް އެންމެ ރަގަޅަށް އިގޭނީ އަހަރެން ވިޒިޓާސް އިން އެލޯ ނުކުރާކަން....." ކައިޒާން އިނީ ކަންނެތްވެފައެވެ. ތުވާލި ކޮނޑުގައި އޮޅުވާލައިގެން އިންއިރު ކަޅުނޫކުލަ އަރާ އިސްތަށިގަނޑުގައި ހަރުލާފައިވާ ފެންތިކިތަކުން ތާޒާކަމުގެ އިންތިހާއެވެ.

"އޭނަ ފޮނުވާލަން އުޅުނިން. އެނގޭނެއްނު ކައިޒާންއާއި ހަމަޔަށް އަންނާނީ އެހެން ގޮތެއް ނެތީމަކަން. ވަރަށް ޕާސަނަލް ވާހަކައެއް ދައްކަންވެގެންނޭ. ފޭސް ޓު ފޭސް ވާހަކަދައްކާށޯ ބޭނުމީ. ސުވާލުކޮށްކޮށް އެއްޗެއް އޮޅުން ފިލާނެގޮތެއް ނުވި. ކައިޒާން މީޓްކޮށްލަންވީނު. އެހާ ޑެސްޕެރޭޓްވެފައި ހުރީ....."

"ބުނޭ އަހަރެން އޮތީ ނިދާފައޭ....." ކައިޒާން ހުރީ އެމީހަކާއި ބައްދަލުކުރަން ދާގޮތަކަށް ނޫނެވެ. އާއިލާ މީހަކު ގެއަށް އަންނާކަށްވެސް އޭނަ ދައުވަތެއް ނުދޭނެއެވެ.

"ނިދާފައޭ ބުނީމޭ. އޭނަ އެބައިން ހޭލަންދެން އިންތިޒާރުގައި..." މާކަސްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. ކައިޒަން ކޮފީ މަގުގައި ހިފަހައްޓާލައިގެން އިނދެފައި މާކަސްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. މާކަސް ނުބުންޏަސް އޭނަ އެދައްކަނީ އަންހެންކުއްޖެއްގެ ވާހަކަ ކަމުގައި ހީކުރެވުނެވެ.

"ކައިޒާންގެ އުމުރުގެ ގާލްއަކާއި ކުޑަކުޑަކުއްޖެއް......"

"ގާލްއެކޭ؟ އަހަރެން ދުވަހަކުވެސް ގާލްފްރެންޑެއްވެސް ގެންގުޅުނީއެއް ނޫން........" ޝައްކުވެފައި އިނަސް އަންހެނެއްކަން ޔަގީންވީ މާކަސްގެ ޖުމްލައިންނެވެ. ކައިޒާންގެ ދެލޮލުން ހައިރާންކަމާއިއެކު ނުތަނަވަސްކަން ފެނިލިއެވެ. އޭނަ ހުރި ތަނެއް ހޯދައިގެން މިގެއާއި ހަމަޔަށް އަންނަން ގަސްތުކުރީ އޭނަ ދަންނަ ކޮން އަންހެނަކުހެއްޔެވެ. މިގެއަށް ވަންނަން ހުއްދަދޭން ޖެހޭ މީހުންގެ ލިސްޓުގައި އަންހެނަކު ނުވާނެކަން މާކަސްއަށް އެނގޭނެއެވެ. ވީއިރު ހުއްދަދޭންވީވެސް ކީއްކުރަންހެއްޔެވެ.

"ޔަޕް. އިޓްސް އެ ގާލް.........ކައިޒާން. ޕްލީޒް ގޯ އެންޑް މީޓް ދެމް. އެމީހުން ބުނާ އެއްޗެއް އަހާފައި މިގެއިން ފޮނުވާލާ. އިންތިޒާރުގައި ތިބޭތާ ފުދޭވަރަކަށް ގިނައިރުވެއްޖެ. އެކްޗުއަލީ އައި އޮފާޑް ދެމް ދަ ގެސްޓްރޫމް. ރެސްޓްކޮށްލާ ހަދާފައި ނުކުމެ ސިޓިންރޫމްގައި މަޑުކޮށްލައިގެން އެބަތިބި. އެކުއްޖާ ބަލައިލަން ރީތި. ފަހަރެއްގައި ކޮލެޖްގެ އެކުވެރިއަކަށްވެސް ވެދާނެއްނު. އެހާ ޕްރައިވެޓްކޮށް ބައްދަލުކުރާނީ ދަންނަ މީހަކަށްވީމަހެން ހީވޭ....." މާކަސް އެކިގޮތްގޮތަށް ކިޔަންފެށުމުން ކައިޒަން ބުނީ އިރުކޮޅަކުން ތިރިއަށް އަންނާނެކަމުގައެވެ.

ކޮޓަރިއަށް ވަދެފައި އޭނަ ނުކުތީ ކޮޓްން ގަމީހަކާއި މަޑުނޫކުލައިގެ ޖިންސެއްލައިގެންނެވެ. ސިޓިންރޫމަށް ނުކުތުމާއިއެކު ފިޔަވަޅުތަކަށް ހުއްޓުންއެރީ ސޯފާގައި އިށީދެލައިގެން އިން އަންހެންކުއްޖާގެ މޫނުން ދަންނަގޮތެއް ހުރިހެންހީވެފައެވެ. ނަމަވެސް ހަމަ ކުއްލިއަކަށް ދެނެގަންނާކަށް ނޭގުމެވެ. ވައިލެޓާއި ކަޅުކުލަ އެކުލެވޭ ހެދުމަކާއި ޖިންސެއްލާފައި އިންއިރު ބުޅި އިސްތަށިގަނޑު އޮތީ ވިހުރެން ދޫކޮށްލާފައެވެ. އެ އަންހެންކުއްޖާގެ ގާތުގައި އިށީދެލައިގެން އިނީ ކުޑަ އަންހެންކުއްޖެކެވެ. އަނގަޔަށް އިނގިލި ޖަހާލައިގެން އަނެއް އަތުން ކަފަބުދެއް ހިފަހައްޓާލައިގެން ހުރިއިރު މައުސޫމްކަމުގެ އިންތިހާއެވެ.

މާކަސް އެދެމީހުންނަށް އެކަނިވެލާނެ ފުރުސަތުދީފައި ގޭގެ މައިދޮރު ހުޅުވާލާފައި ނުކުމެގެން ދިޔުމުން އެ އަންހެންކުއްޖާ ތެދުވަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"އަހަރެން މަތިން ހަނދާން އެބަހުރިތަ؟ ޔަގީނުންވެސް އެ ސްޕެޝަލް ރޭގެ ފަހުން އަހަރެންގެ ހިތަކުން ނުފިލާ..................." އެ އަންހެންކުއްޖާ ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފުމުގެ ބަދަލުގައި ކައިޒާން ހަމަ ބަލަން ހުރުމުން އޭނަ ލަދުގަންނަގޮތްވިއެވެ. އެތޫނު ނަޒަރުން އޭނަގެ މުޅި ހަށިގަނޑު ސްކްރީންކޮށްލިހެން ހީވިއެވެ. ދިގު އިސްކޮޅަކާއިއެކު ލިބިފައިވާ ވަނާތަކުން މިސް ޔުނިވަސް ލިބުން ހައްގެވެ. ހިތް ކަތިލާފަދަ ފަރިކަމެއް އެލޮލުގައިވިއެވެ. މިއީ ކައިޒާން ކޮލެޖްގައި އުޅުނުއިރު އެތަނުގެ އެންމެ މަޝްހޫރު އެއް ދަރިވަރެއްކަމަށްވާ ލީސާއެވެ. ކައިޒާން މާޒީގެ ތެރެއަށް ފީނައިގަތުމާއިއެކު އޭނަގެ ހިތުން ލީސާ ހޯދި މަގާމާއި ކޮލެޖް ދުވަސްތައް ފިލްމެއްގެ މަންޒަރުފަދައިން ނިއުޅިގެން ދިޔައެވެ. އެއަށްފަހު މިއަދާއި ހަމަޔަށް އިތުރު އަންހެންކުއްޖަކަށް އޭނަގެ ހިތާއި ހަމަޔަށް ފޯރިފައެއްނެތެވެ. އަންހެންކުދިންނަށްޓަކާ އޭނައަކީ ބީރައްޓެއްސެކެވެ.

"ވަޓް އާ ޔޫ ޓޯކިން އެބައުޓް؟" ކައިޒާން ވިސްނާ ފާޑަކަށް ބަލަން ހުރުމުން ލީސާ އެއް ބުމަ އަރުވައިލިއެވެ.

"ހާދަ ގިނަ އަންހެންކުދިންނާއިއެކު އުޅޭތީއޭ ހަދާން ނައްތާލެވޭނީ......"ލީސާ ބަލަން ހުރީ ޝައުގުވެރި ނަޒަރަކުންނެވެ.

"ތެދަށް ބުނަންޏާ ތިބުނާ ރެއެއް އަހަރެން ހަދާނެއް ނުވޭ. އައިމް ސޮރީ. ތި ހޯދަން އުޅޭ މީހަކީ އަހަރެންހެނެއް ހިޔެއްނުވޭ...." ކައިޒާން ވާހަކަދެއްކީ އޯގާތެރިއަޑަކުންނެވެ. ކައިޒާންގެ ލޮލަށް ބަލައިލާ ކޮންމެ މީހަކަށް ވަގުތުން އިތުބާރުކުރެވޭފަދަ ގޮތެއްވެސް ވޭމެއެވެ. ލީސާގެ ނަޒަރު ކައިޒާންގެ މޫނުން އެންމެފަހަރަކުވެސް ކައްސައެއްނުލައެވެ. ކައިޒާންވެސް ފުރާވަރު އިރު ހިތަށް އެރިހާ ގޮތަކަށްއުޅެފަ އިސްލާހުވެ މާތް ހަރުދަނާ މީހަކަށްވުމުން އެރޭމަތިން ހަދާން ނައްތާލަން ނިންމީއެވެ. އޭނަ އެނގޭކަމަށްވެސް ހަދާނުލިއެވެ. "ވަން ނައިޓް ސްޓޭންޑް" އަކަށް ވިޔަސް އޭނަ ފެނުމުން އޭރު ކައިޒާން އޭނައާއި ދިމާލަށް އަބަދުވެސް ބަލާއުޅުނީ ހާދަ ޚާއްސަ ނަޒަރަކުންނެވެ. ދުވަހަކު ލޯބިވާ ވާހަކަ ބުނެފައި ނުވިނަމަވެސް އެންމެ ރެއެއްގައި އެދެމީހުންގެ ދޭތެރޭ އެހިނގި ކަންތައްތަކަކީ މިއަދާއި ހަމަޔަށްވެސް ލީސާގެ ހިތުން ނުފިލި ފޮނި ފޮނި ހަނދާންތަކެވެ.

"ޔޫ ހޭވް ޗޭންޖްޑް އެލޮޓް ކައި. އެނީވޭސް އެއީ ފަސް އަހަރުކުރިން. އަހަރެމެން އެރޭ ކުރި ކަންތައް ނުހިގާކަމަކަށް ހަދަން ބޭނުންވިޔަސް އެހެން ފަރާތެއްގެ ރޭއްވެވުން ވަނީ އެހެން ގޮތަކަށް ކަން އެނގޭތަ. ކައިޒާން. މިހިރީ ކައިޒާންގެ ދަރިއެއް. އެންމެ ރެއެއްގެ މިސްޓޭކަކުން މިގޮތަށް ކުއްޖަކު ދުނިޔެއަށް އުފަންވެދާނެކަމަށް ކައިޒާން ހީނުކުރަން ދޯ. ކައިޒަން ހޯދަން ހާދަ މަސައްކަތެއް ކުރީމޭ. އޭރު ކޮލެޖްގައި އާދައިގެ މީހެއްގެ ދަރިއަކަށް ހެދިގެން ލޯ ޕްރޮފައިލެއް ގެންގުޅުނަސް ތިއީ މުއްސަދި ފެމިލީއަކަށް ނިސްބަތްވާ ޒުވާނެއްކަން އަހަންނަށް އެނގުނު ހިސާބުން ފެށިގެން ސާޗްކުރަން ފެށީ. ދުނިޔޭގައި އަތްފުނާ އަޅައިގެންވެސް ދަރިފުޅުގެ ބައްޕައާއި ހަމަޔަށް ގެންގޮސްދޭން ނިންމިން. އަހަންނަށް އެނގޭ ކައިޒާންގެ ލައިފުން އަހަންނަށް ޖާގައެއް ނެތްކަން. އެކަމަކު މި ދަރިފުޅަށް ބައްޕަ އެނގެންވާނެ. ބައްޕަގެ ރޯޔަލްޓީ އިން އަހަންނަށް ފައިދާއެއް ނުކުރިޔަސް ދަރިފުޅަށް ތި މުދާތައްވެސް ހައްގުވާނެ......" ލީސާ ކައިޒާންގެ މޫނުގައި އިނގިލިތަކުން ބީއްސާލިއިރުވެސް ކައިޒާން ހުރީ ހައިރާންކަމާއިއެކު ދެލޯ ބޮޑުކޮށްލައިގެންނެވެ. ސިކުނޑިއަށް ބާރުކުރާގޮތްވިއެވެ. ސޯފާގައި އެދެމީހުންނަށް ބަލަހައްޓައިގެން އިން ތުއްތު ކުއްޖާއަށް އެމީހުން އެދައްކާ ވާހަކަތައް ނަގައި ނުގަނެވުނަސް މަޑުން އިންނަން އާދަވެފައިވާ ހެން ހީވެއެވެ. މަންމައަށް ވާހަކަދައްކާނެ ފުރުސަތު ދީގެން އެއިނީ ނޫންހެއްޔެވެ.

"ތިކިޔާ އެއްޗެއް އަހަންނަކަށް ނޭގޭ. އަހަންނަށް ތިއީ ކާކުކަން....އައި މީން ހަނދާން އެބަހުރި ތިއީ ކާކުކަން އެކަމަކު ތިބުނާ ރެއެއްގެ މަތިން ހަދާނެއްނެތީ....." ކައިޒާން ހިންދިރުވާލިއެވެ. ހާސްކަން ބޮޑުވަމުން ދިޔަވަރަކަށް އެތަނުން ދުރަށް ދާން ބޭނުންވިއެވެ. މި ނާޒުކް ދަނޑިވަޅު މާކަސް އޭނަ އެކަނިދޫކޮށްލާފައި ނިކުމެގެން ދާންވީ ކީއްވެހެއްޔެވެ. ކިތަންމެ ވަރަށް ހަމަޖެހެން މަސައްކަތްކުރިޔަސް ނިތްކުރިން ދާ ހިއްލާލައިފިއެވެ.

"ކައިޒާން. ތިހެން އަދި ބުނެގެން ނިންމޭކަށް ނެތް. އަހަރެން މިއައީ ޖޫލްގެ ހުރިހާ އެއްޗެއް ޕެކްކޮށްލައިގެން. ޕާސްޕޯޓާއި އެހެން ސާމާނުތައްވެސް ދަބަހުގައި ހުންނާނެ. އަހަރެން ޖޫލް ރެޖިސްޓްރީކުރިއިރުވެސް ބައްޕަގެ ނަމަކަށް ދިނީ ކައިޒާންގެ ނަމޭ. ދެން ޖޫލް އެކްސެޕްޓްކުރަން ތައްޔާރަށް ނެތިއްޔާ ތި ފެމިލީ މީހުންނާއި މިކުއްޖާ ހަވާލުކުރާނީ. ނޫނީ ކޯޓަށްދާން ޖެހޭނީ. ޑީއެންއޭ ޓެސްޓްކޮށްލީމަ މުޅީ ދުނިޔެއަށް ބޭޒާރުވާނެއްނު. އެހެންވެ ރީތިގޮތުގައި ދަރިފުޅު ހަވާލުކުރަން މިއައީ........" ލީސާ ކުޑަކޮށް ހީލިއެވެ. އެހިނިތުންވުމުގައި ކާމިޔާބުގެ އަސަރު އެކުލެވުނެވެ.

"އިޒް ދެޓް އެ ތްރެޓް؟" ކައިޒާން ބުމަގޮށްޖަހައިލިއެވެ. ލީސާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ.

"ކައިޒާންގެ ދަރިއެކޭ މިއީ. އެއީ ތްރެޓްކުރުމެއްނޫނޭ. ހަގީގަތް އަހަރެން ފާޅުކުރީ. ގަބޫލުނުކުރާނީތަ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި ތިގޮތަށް މަގޭ ކަމެއްނޫނޭ ކިޔާފައި ބޮލުން ނައްޓާލަން އުޅުނަސް ގާނޫނު އަރާ ހަމަކުރާނެ. ކައިޒާންއަކަށް ނުފިލޭނެ. އަހަރެންގެ މި ދަރިފުޅުގެ މޫނަށް ނިކަން ބަލާލަބަލަ. ނުފެނޭތަ. ވައްތަރުކަމެއް ނުފެނޭތަ. އަހަރެންގެ އިސްތަށިގަނޑެއްނޫން. ނޭފަތެއްނޫން. މި ތުންފަތަށް ބަލާލަ...." ލީސާ ކުއްލިއަކަށް ޖޫލްގެ ކުޑަ އަތްތިލަ ގަދަކަމުން އަނގައިން ނައްޓުވާލައިފިއެވެ. ރަތްކުލައިގެ ޗެރީއެއްފަދަ ތުންފަތުގެ ބައްޓަން ފުރިހަމަވެފައި ހަތަރެސްކަން މޫނެކެވެ. ކުޑަކޮށް ކުރިއަށް އުފުލިފައިވާ ނޭފަތެކެވެ. އެލްމަންޑެއްހެން ވާ ދެލޮލެވެ. ދިގު އިސްތަށިގަނޑަށް އެސްފީނާޖެހޭހާ ފުރިހަމައެވެ.

"ޝީ ލުކްސް ލައިކް ޔޫ......ލޯ ތަފާތުވިޔަސް.............." ލީސާ ދޮރު ހުޅުވާލަމުން ހީލިއެވެ. އޭނަ ދާން އުޅެނީކަމުގައި ހީކޮށް ކައިޒާންއަށް ގޮވާލެވުނެވެ. ފަހަތުން ގޮސް ކޮނޑުގައި ނުހިފުނީ ހަމަކިރިޔާއެވެ. އެކުޑަކުއްޖާ އެގެއަށް ދޫކޮށްލާފައި ދާކަށް ލީސާއަކަށް ނުކެރޭނެއެވެ. އޭނަ ހުއްދަ ނުދޭނެއެވެ. ފުލުހުންނަށް ގުޅަންޖެހުނަސް ހެޔޮއެވެ.

"މިއުޅެނީ ޖޫލްގެ ދަބަސްތައް ގެއަށް ވައްދަން. އެކުއްޖާއަށް ބޭނުންވަނީ ބައްޕަގެ ހިމާޔަތާއި ރައްކާތެރިކަން. އައި ގޮޓް އެ ޖޮބް. މި އޮޕޯޗުނިޓީ ގެއްލުވާލާކަށް ނުކެރޭނެ. ސޯ ޓޭކް ރެސްޕޯންސިބިލިޓީ އޮފް ޔޯ ޑޯޓާ......." ލީސާ ގުދުވެލާފައި ދަބަސްތައް ދަމަމުން އައިއިރު ކައިޒަން ހުރީ ދޮރުގައި އަތް އަޅުވާލައިގެންނެވެ. ދެލޮލުންފެނުނީ ރުންކުރުކަމެވެ. ތަންކޮޅެއް ދުރުގައި ވިނަގަނޑުމަތީ ފޯނެއްގައި މާކަސް ހުރިއިރު މިކޮޅަށް ބަލާވެސް ނުލައެވެ.

"ބުނަން. ތިގޮތަށް އަންހެނަކު ދަރިއަކާއިގެން އައިސް މިހިރީ ކަލޭގެ ދަރިއެކޭ ކިޔާފައި ބޮލުގާ އަޅުވާ ބަދުނާމުކުރާ ކޮންމެ ފަހަރަކު ފިރިހެނުން ގަބޫލުކުރަން ވެއްޖެއްޔާ ސަލާމަތެއްނެތް. އަހަރެން ބަދުނާމްކުރަންތަ ތިއުޅެނީ. ކިހާވަރަށް ފައިސާ ބޭނުމީ؟ ކޮންކަމެއް ބޭނުމީ......" ކައިޒާން މަޑުމައިތިރިކަން ޚިޔާރުކުރިއެވެ.

"ނޫން އަހަރެން ފައިސާ ބޭނުމެއްނޫން. ތިހާ ދަށްކޮށް ނުވިސްނާ. ޖޫލްގެ އުމުރުން ހަތަރު އަހަރުވާންދެން އެހެން މީހަކު ލައްވާ ޚަރަދުނުކުރުވާ އަމިއްލައަށް ބެލީ........." ލީސާ ގެ އެ ޖަވާބުން ކައިޒާން ހިމޭންވިއެވެ. އޭނަ މަސައްކަތްކުރީ ލީސާގެ މޫނަށް ނުބަލާށެވެ.

"ޑީއެންއޭ ހައްދަންވީނު. އަހަންނަށް ޔަގީންކަން އޮތީމަ މިހެން މިބުނީ. އަހަންނަށް ޔަގީންކަން އޮތް ކައިޒާން ނޫން މީހަކާއިއެކު ސްލީޕްނުކުރާކަން. އެހެން މީހަކަށް މި ހަށިގަނޑުގައި ބީހުމުގެ ހުއްދައެއް ނުދޭކަން. އަހަންނަކީވެސް ރަންޑިއެއްނޫން ކައިޒާން. އެއަށްވުރެ މާތްކޮށް އުޅުނީ. ކައިޒާން އެރޭ ހަމަ ހޭގައި ހުރުމާއި ނެތުން އަހަންނަށް އެނގޭކަމެއްނޫން. މޭ ބީ ޔޫ ވާ ޑްރަންކް. ބޮއިގެން ނޫނީ މަސްތުހާލުގައި ހުރެ ހިންގި ގުޅުމަކަށްވެސް ވެދާނެ. ތިންކް އެބައުޓް ދެޓް. ކައިޒާން މައްސަލައަކަށް ހަދަން އުޅެފިއްޔާ ކޯޓަށްދާން މިހިރީ. އޭރުން އެކަން މުޅި ދުނިޔެއަށް ޔަގީންވާނެ........." ލީސާ ދޫލަމަތީގައި ބެހެއްޓި ދަބަސް ހުޅުވާލާފައި ޖޫލްގެ ޕާސްޕޯޓް ނަގާފައި ދިއްކޮށްލިއެވެ.

"ދުވަސްކޮޅަކަށް ޔޫކޭއަށް ފުރަން އެބަޖެހޭ. އެކިތަންތަނަށް ދާން ޖެހޭނީ. އަހަންނަށް ޖޫލް ގޮވައިގެން ދެވޭކަށްނެތް. އެންމެ ރައްކާތެރި ތަނަކަށް ފެނުނީ ޖޫލްގެ ބައްޕަގެ މި ގަނޑުވަރެއްފަދަ ގެ. އެތައް ކޮޓަރިއެއް އެބަހުރި. މިގެއިން އަމިއްލަ ދަރިފުޅަށް ހިމާޔަތްދީ. ބޭނުމިއްޔާ ތިމާގެ ދަރިއެއް ކަން ޔަގީންކުރަން ޓެސްޓް ހައްދާ. ޖޫލްގެ މަންމައަކީ ކާކުކަން ކޮންމެހެން ބުނާނެކަމެއް ނެތް. އެކަން އަދި ސިއްރުކޮށްދީ............." ލީސާ ޖޫލްގެ ކައިރީގައި އުޑަފައިން އިށީނެވެ. އެ ކުޑަ މޫނުގައި ދެއަތުން ހިފަހައްޓާލައިފިއެވެ. އޭނަ ބޭރަށް ގޮސްފައި އަންނާންދެން ބައްޕަ ކައިރީ ބަސްއަހައިގެން ހުރުމަށް އެދުނެވެ. އެނބުރި އައިސް ޑިޒްނީއާއި ޕާކުތަކަށް ގެންދާނެކަމުގައި ބުނުމުން ޖޫލް ކުޑަކޮށް ހީލައިފިއެވެ. ޖޫލް އަބަދު ބައްޕަގެ ވާހަކަ އަހާތީ އެންމެފަހުން ބައްޕައެއް ހޯދަ ދިނީކަމުގައި ބުނުމުން ޖޫލް ރަކިވެފައި ކައިޒާންއަށް ބަލައިލިއެވެ. ސިއްރު ނަޒަރަކުންނެވެ. ރަކި ހިންޏެއް އައިސްފައެވެ. ކައިޒާން ހަށަން ބަދެލައިގެން ހުރެފައި މާކަސްއަށް ގުޅަން އުޅެފައި ޚިޔާލުބަދަލުކޮށްލިއެވެ. މާކަސް ގެނައުމަކީ ހައްލަކަށް ނުވާނެއެވެ. ލީސާގެ އިންޒާރުތަކުން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި ހިނގައިގަތެވެ. ބޮލަށް އެނބުރުން އަރާގޮތްވިއެވެ.

"މިއޮތީ ޖޫލްގެ ޑައިރީ. މީގައި ހުންނާނެ ޖޫލް އެލާޖިކް ވާ އެއްޗެއްސާއި ކާހިތްވާ އެއްޗެހި. ހޮބީސްތައް. މި ޑައިރީ ބަލައިލީމަ ޖޫލް ގެންގުޅޭކަށް އުދަގުލެއްނުވާނެ. ހުރިހާ މައުލޫމާތެއް ހިމެނޭނެ. އަހަންނާއި ގުޅަން ބޭނުންވިއްޔާ މީގެއިން ނަމްބަރާއި މެއިލް އެޑްރެސް އަދި ސޯޝަލް މީޑިއާގައި ބޭނުންކުރާ އައިޑީތައް ހުންނާނެ. ޖޫލް އަމިއްލަ ނަފުސަށް ޑޯރާއޭ ކިޔާ މުޚާތަބުކޮށްފާނެ. ރީޒަނަކީ މި ބުދުގެ ނަމަކީ ޑޯރާ....." ލީސާ އެހުރިހާ ވާހަކައެއް ދެއްކިއިރު ކައިޒާން ސްތެޗޫއެއް ފަދައިން އަޑު އަހަން ހުއްޓެވެ. ލީސާ ދެއްކި ވާހަކައިގާ ހަގީގަތްވާނެ ކަމަށް އޭރު ހިތް ބުނަން ފަށައިފިއެވެ. އެންމެ ސަބަބަކާއި ހުރެއެވެ. އެއީ އޭނަ މިދުނިޔެއަށްވެސް ސިއްރުކުރަން ބޭނުންވާ ހަޔާތުގެ އަނދިރި ބާބެކެވެ. އެ ހަގީގަތް އެނގޭ މަދު މީހުންގެ ތެރޭ މާކަސް ހިމެނޭނެއެވެ.

ލީސާ ޖޫލް ގެނެސް މޭގައި ޖައްސައިލިއެވެ.

"ލަވް ޔޫ މަންމީގެ ޕްލަމް......" ލީސާ އެކުއްޖާގެ މޫނުގައި ބޮސްދީފައި ތުއްތު ކުއްޖަކާއި ވާހަކަދައްކާގޮތަށް ނިކަން ލޯބިން ވާހަކަދެއްކިއެވެ. ކައިޒާންއަކީ ބައްޕަ ކަމުގައި ބުނުމުން ޖޫލް އިނީ އެކަން ނަގައިނުގަނެވިފައެވެ. ކުޑަކުއްޖަކަށް އެހާ ފަސޭހައިން އެކަން ގަބޫލެއްނުކުރެވޭނެއެވެ. ކައިޒަންއާއި ދިމާލަށް އެނބުރިލިއެވެ.

"އައި ޓްރަސްޓް ޔޫ. މި ދަރިފުޅަށްޓަކާ ރަގަޅު ބައްޕައަކަށް ވެ ދީ....." ލީސާ ކައިޒާންގެ އަތުގައި ހިފާލާފައި ސަލާމްކޮށްލިއިރު އެ އަތްތިލަ ގަނޑުފެންކޮޅެއް ފަދައެވެ. ކައިޒާންފަދަ މީހަކު މިހާ ހާސްވެ މަޑުމައިތިރިވެފައި ހުރުމުން އެކަމުން ހިތްވަރު ލިބުނެވެ. ކައިޒާން ހަމަ އެހާ ފިނޑީހެއްޔެވެ. މިހާ ފިނޑިއްޔާ ކޮންމެ އަންހެނަކުވެސް ދަރިއަކު ބޮލަށް ޖަހާލާފައި ގޮސްދާނެ ނޫންހެއްޔެވެ. ނަމަވެސް އެހުރިހާ އެއްޗެއްވީ ލީސާގެ ހިތުގައެވެ. އިތުރު ވާހަކަ ދައްކަން ވެއްޖެއްޔާ ކައިޒާން ދަރިފުޅު ބަލަން އިންކާރުކޮށްފާނެއެވެ.

ލީސާ ނުކުތުމުންވެސް ޖޫލް އިނީ ސޯފާގައި ބޭންދިގޮތަށް ބުދެއްހެންނެވެ. ކައިޒާންއާއި ދިމާލަށް ސިއްރުން ބަލަން އިނދެފައި ކުއްލިއަކަށް ތެދުވެގެން ކުދި ފިޔަވަޅުތައް އަޅަމުން ހިނގައިގަތީ ލީސާ ދިޔަ ދިމާލަށެވެ. ދޮރު ހުޅުވާށެވެ.

"ހެލޯ ޖޫލް........" ކައިޒާން ކައިރިއަށް ގުދުވެލާފައި އަތްތިލަ ދިއްކޮށްލިއެވެ.

ޖޫލް ކަންބޮޑުވިވަރު ހާމަކޮށްދިނީ ކުއްލިއަކަށް ލައްޕާލާފައިވާ ދޮރަށް ލެނގިލަމުން ބުދު މޭގައި ޖައްސާ ބާރުކޮށްލުމުންނެވެ. ސިހުން އެކުލެވިފައިވާ ދެލޮލެވެ.

"އާ ޔޫ އެފްރެއިޑް ލިޓްލް ގާލް........ކީއްވެ. ބިރުނުގަނޭ. ޔޫ ކެން ކޯލް މީ ޑެޑީ. މަންމަވެސް ބުންޏެއްނު މީ ޑެޑީއޭ. ސްމައިލް އިނގޭ. މަންމި އަންނަންދެން އައި ވިލް ޓޭކް ކެއާ އޮފް ޔޫ....ކޯންޗެއް ބޭނުމީ. ޗޮކްލެޓްތަ........ނޫނީ މިކަހަލަ ބުދެއްތަ....................." ކައިޒާން ހިނިތުންވެލިއެވެ. ޖޫލްގެ މޫނުމަތިން އޭނަގެ ސިފައެއް ފެނޭތޯ ހޯދިނަމަވެސް ކައިޒާންއަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. ލީސާ ބުންޏަސް ގަބޫލުކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް ލީސާ ދިން އިންޒާރަކުން އޭނަ ފިނޑިވެ އެ މަޅީގައި ބެދިއްޖެއެވެ. ޖޫލް އެއް މިޔަކަނުން ހިނިތުންވެލިއެވެ. ޗޮކްލެޓޭ ބުނެލާފައި ވަގުތުން އަނގައިގާ އިނގިލިޖެހިއެވެ. އެހެން ހުންނައިރު ވަކިން މައުސޫމެވެ. ދުވަހަކު ނުދަންނަ ބީރައްޓެހި ކުޑަކުއްޖެކެވެ. ނަމަވެސް އޭނަގެ ލޭކަމަށް ބުނެފައި މީހަކު އެދިޔައީއެވެ. ކުރެވުނީ ތަފާތު އިހުސާސެކެވެ. އެންމެ ރަގަޅެވެ. ނުދަންނަ ކުއްޖަކަށްވިޔަސް ކުޑަކުދިންނަށްޓަކާ އެންމެންގެ ހިތްތަކުގައި ކުލުނާއި ހަމްދަރުދީވާނެއެވެ. ޖޫލް ފެނުމުން އެފަދަ އިހުސާސްތަކެއް ހިތުގައި އުފެދިއްޖެއެވެ. ޖޫލް ހުރިހާ ނުރައްކަލަކުން ސަލާމަތްކޮށް ހިމާޔަތްދޭން ހިތުގައި އަޒުމް ކަނޑައެޅުނެވެ. ނޫސްތަކުން ތާއަބަދު ފެންނަނީ ކުޑަކުދިންނަށް ކުރާ އަނިޔާތެކެވެ. ޖިސްމާނީ އަދި ނަފްސާނީގޮތުންވެސް މެއެވެ. ރަހުމެއްނެތް މި ދުނިޔެއިން އޯގާވެދޭނެ އަތަކަށް ގައިމު މިފަދަ ތުއްތުކުދިން ބޭނުންވާނެއެވެ. މަންމަ އެދިޔައީ އަމިއްލަ ދަރިފުޅު ހިލޭބަޔެއްގެ އަތްދަށަށް ދޫކޮށްފައެވެ. ހިލޭމީހެއްނޫނެވެ. ބައްޕައެވެ. ބައްޕައަކަށް ހަމަ ކުއްލިއަކަށް ވެވިދާނެހެއްޔެވެ. މިއީ ކޮންކަހަލަ ގަބޫލުކުރަން ދަތި ކަންތައްގަނޑެއް ހެއްޔެވެ. ނަމަވެސް އޭނަ ހިތަށް ނާރާ ހުއްޓާ ބައްޕައެއްގެ ޒިންމާ ނަގަން ޖެހިއްޖެއެވެ. އެކަމަށް ނަފްސާނީގޮތުން ތައްޔާރުވެސް ނުވެ ހުއްޓައެވެ.

ކައިޒާން ޖޫލް ގެންގޮސް ސޯފާއެއްގައި ބޭންދިއެވެ. އޭރު މާކަސްވެސް އެތެރެއަށް ވަދެއްޖެއެވެ. ކައިޒާން ކުރުގޮތަކަށް ކަންތައްވީގޮތް ކިޔާދިނުމުން މާކަސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ލަނޑެއް ލިބިފައި މިއޮތީ. ދެން ކިހިނެއް ހަދާނީ. ބުނެބަލަ. ފެމިލީ މީހަކަށް އެނގިއްޖެއްޔާ ދުވަސް ދިޔައީ. މީހަކާއި ނީދެ އަދި ގާލްފްރެންޑެއްނެތި ބައްޕަ ކިޔާނެ ކުއްޖެއް ލިބުމަކީ މަންމަ އަދި މާމަމެންވެސް ގަބޫލުކުރާނެ ކަމެއްނޫން. އައިމް އިން ޓްރަބްލް. މާކް ޕްލީޒް ސޭވް މީ....." ކައިޒާން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ސޯފާއަށް ހަށިގަނޑު ދޫކޮށްލައިފިއެވެ.

"ބައިދަވޭ ޗޮކްލެޓެއް ބޭނުމޯ......" ކައިޒާން ބޯ ހޫރައިލިއެވެ.

"އޯކޭ.........މި ގެންނަނީ..."

މާކަސް ލޯމަތިން ގެއްލިފައި މިނިޓެއް ނުވަނީސް ޗޮކްލެޓެއް ގެނެސް ކަރުދާސްގަނޑު ނައްޓާލިއެވެ. ޖޫލްގެ އަނގައިގާ އެތިކޮޅެއް ލެއްވުމާއިއެކު އަތާއިއެކު ދަތްއަޅާލުމުން އޭނަ ސިހޭގޮތްވިއެވެ. ކުޑަކުއްޖަކަމަކު އެ ކުފި ދަތްތައް ނިކަން ތޫނެވެ. މާކަސް ތަދުވެގެން އަނގަޔަށް ހަދައިލިގޮތް ފެނި ކައިޒަން އަށް ހެވުނެވެ. އިރުކޮޅެއް ނުވަނީސް ޖޫލް ތުން ފިތާލައިގެން އިނދެ ރޯންފެށީ މަންމަ ކައިރިއށް ދާންވެގެންނޭ ކިޔާފައެވެ. ޖޫލް ހުއްޓުވާކަށް ކައިޒާން އަދި މާކަސްއަކަށްވެސް ފަސޭހައެއްނުވިއެވެ. ދަބަހުގައިވާ ކުޅޭ އެއްޗެހިތައް ނަގައިދިނެވެ. ކާންދޭން އެކިވައްތަރުގެ އެއްޗެހިގެނައެވެ. އެކިގޮތްގޮތުން މަސަލަސްކުރެވޭގޮތެއް ނުވުމުން ކައިޒާން ގޫގުލްކުރިއެވެ. ކުޑަކުދިން ލޮއްސާނެގޮތްތައް ދަސްކުރަންފެށިއެވެ. ނިދާ ގަޑިޖެހުމުން އަދި ވަކިން ގަދަޔަށް ރޮއި ބޮޑާހޭކުމުން ކައިޒާންއަކަށް ވެސް އެމަންޒަރު ބަލާކަށް ފަސޭހައެއްނުވިއެވެ. ލީސާއާއި ގުޅަން މަސައްކަތްކުރިއިރު ފޯނުއޮތީ ނިވާލާފައެވެ.

"ޖޫލް. މަންމީއަށް ގުޅާފަ ވާހަކަދައްކަބަލަ. މަންމީ ކައިރީ ބުނޭ ޖޫލް ރޮނީއޭ. އޭރުން މަންމީ އަންނާނެ......." ކައިޒާން ފޯނު ދިނުމުން ޖޫލް ކުޑަކޮށް ހިތްހަމަޖެހިގެން ފޯނާއި ކުޅެންފެށިއެވެ. އެއީ ލީސާ މަނާކޮށްފައިވާކަމެކެވެ. ޑައިރީގައިވާ ގޮތުން އޭނަ އެއްގޮތަކަށްވެސް ޖޫލް ފޯނާއި ކުޅޭކަށް ނުދެއެވެ. ނަމަވެސް ކައިޒާންއަކަށް އެނޫންގޮތަކަށް ޖޫލް މަތަނުކުރެވޭއިރު ވަކި ލީސާ ބުނާގޮތަށް ހަދަންޖެހޭހެއްޔެވެ. ފޯނުދިނުމުން ކައިޒާންގެ އެނދުމަތީގައި ތުންކޮޅުދަމާލަ ދަމާލާ ޖޫލްއިންއިރު އަދިވެސް ދެލޮލުގައި ބޮޑެތި ކަރުނަގަނޑެވެ.

ކައިޒާން ރޭގަނޑު ކާގަޑިޖެހުމުން ޖޫލް އެނދުން ބޭލުވިއެވެ. އޭނައާއިއެކު ކާން އަންނާނަންތޯ އެހުމުން ދެކޮޅުނަހަދާ ކާކޮޓަރިއާއި ހަމަޔަށް އައެވެ.

"ފައިނަލީ........." މާކަސް އޭނައަށް ވީ ތަށި ތައްޔާރުކޮށްލުމަށްފަހު އިށީދެ ޖޫލްއަށް ނަޒަރު ހުއްޓާލިއެވެ. ޖޫލް މަޖާވެލާފައި ޅަ ތޫނު އަޑަކުން ހީގަނެފައި ދޭތެރެއަކުން ގަދަޔަށް ތުންދަމައިގަނެއެވެ. ލޯބިކަމުން މޮޑެލާ ހިތްވާފަދަ ކުއްޖެކެވެ. ޖޫލް އަމިއްލަ ދުނިޔެއެއްގައި އިނުމުން ދެމީހުންނަށް އެކަނި ތިބެ ވާހަކަދައްކައިލާނެ ފުރުސަތު ލިބުނެވެ.

ކައިޒަން އަކީ މުއްސަދި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ކައިޒާންގެ ބައްޕަމެންގެ އާއިލާއިން ފްލޯޓިން ރެސްޓޯރެންޓްތަކާއި ކަނޑުއަޑީގެ ގެތަކެއް އެޅުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން ނިންމާފައިވެއެވެ. އެތައް ބިލިއަންޑޮލަރުގެ އެމަޝްރޫއު ފަށަން ހުރިހާކަމެއް ނިމިފައިވާއިރު ކައިޒަން އުޅެނީ ތަންކޮޅެއް ދުރުންނެވެ. އޭނަ ހުންނަނީ އެކި ކަންކަމާ ނުތަނަސްވެ ފިކުރުތައް ބޮޑުވެފައެވެ. އޭނައާއި އާއިލާއާއި އޮތް ގުޅުން ދުވަހަކު ހީނަރުނުވާހާ ބޮޑަށް ހީނަރުވެފައިވަނީ އޭނަގެ އެހުންނަ މިޒާޖަކުންނެވެ. އެކުވެރިންނަށް އޭނަ ބޭނުމެއްނުވެއެވެ. އެއްވެސް މީހަކާއި ގާތްގުޅުމެއް ބާއްވާފައެއް ނުވެއެވެ. އަންހެންކުދިންނާއި ޖެހެނީ އެމައްސަލައެވެ. އޭނަގެ މިޒާޖާއި ސިއްރުތައް އެނގޭ ހަމަ އެކަނި މީހަކީ މާކަސްއެވެ. އޭނަގެ ހަޔާތުގެ ފަސް ޕަސެންޓްވެސް އިތުރު މީހަކަށް އެނގިފައެއް ނުވާނެއެވެ. އެއްވެސް މީހަކާއި މާ ގާތްނުވާން އަމިއްލަ ނަފުސަށް ވައުދުވެފައިވާ ފަދައެވެ. އާއިލާއާއި އެކު އުޅޭކަށްވެސް ކައިޒަން ބޭނުމެއްނުވެއެވެ. ތައުލީމު ހާސިލުކުރަން އެމެރިކާއަށް އައި ސަބަބަކީވެސް އެއީއެވެ. ކިޔަވާ ނިމެން އުޅެނިކޮށް އާއިލާ އެމެރިކާއަށް ބަދަލުވުމަކީ އޭނަގެ ބަދުނަސީބު ބާވައޭ ހިތަށް އެރިއެވެ. އޭނަ ބޭނުމީ އެކަހެރި ދިރިއުޅުމެކެވެ.

ކައިޒާން ކާންފެށިތަނާ ފޯނެއް އައުމުން އޭނަ އިރުކޮޅެއްވާންދެން ފޯނުން ވާހަކަދައްކަން ހުރެފާ ގޮނޑިއަށް ވެއްޓިގަތެވެ.

"ވަޓް ހެޕެންޑް......" މާކަސް އަހާލައިފިއެވެ.

"ބެޑް ނިއުސް......ބައްޕަ ގުޅީ. ވިޔަފާރީގައި ބައިވެރިވާށޯ."

"ނޫނެކޭ ބުނަންވީނު...."

"ޔޫ ނޯ އައި ކާންޓް. ކުރިން ބުނީ ކިޔެވުން ނިމުނީމަޔޯ. މިހާރު އެކްސްކިއުޒެއް ނެތެއްނު.........." ކައިޒާން ބުނެލިއެވެ.

"ފެމިލީއަށް ޖޫލްއާއި ބެހޭގޮތުން އެނގިއްޖެއްޔާ ކިހާ މައްސަލަޖެހޭނެ"

"ޑޭމިޓް." ކައިޒާން ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. ކާހިތްވެސް ކެނޑުނެވެ. "މާކް ޓެލް މީ. ކިހިނެއް އަހަރަން ހަދަންވީ. ބޮލަކަށް އެއްވެސް އެއްޗެއް ނާދެ....."

"ބައްޕަ ކައިރީ ބުނޭ ހޮލިޑޭއެއް ޕްލޭންކޮށްފައޭ އޮތީ. އަހަރެމެން ދެމީހުން ޖޫލް ގޮވައިގެން ރާއްޖެއަށް ޖައްސައިލާނީ. ކޮންދުވަހެއް އަމިއްލަ ގައުމަށް ނުދާތާ. ތިންކް އެބައުޓް އިޓް. ފަހަރެއްގައި ޖޫލް އެޑޮޕްޝަނަށް ދޫކޮށްލެވިދާނެ.....އެކޮޅަށް ދިޔައިމަ ރަގަޅުގޮތެއް ހަމަޖެހިދާނެކަން ނޭގެއެއްނު. ޖޫލްއަށް ރަގަޅު އާއިލާއެއް ހޯދަދީފަ އެނބުރި އަންނައިރު މައިންޑް ފްރެޝްވެ އާއިލާއާއިއެކު މަސައްކަތްކުރެވޭވަރު ވެދާނެ..." މާކަސް ޚިޔާލެއްދިނެވެ. ކައިޒާންއަށް އެ ޚިޔާލު ކަމުގޮސްގެން ޓިކެޓްނަގަން އެދުނެވެ.

އެރޭ ނިދާގަޑީގައި ހެދުން ބަދަލުކުރަން އުޅުމުން ޖޫލް އެއްގޮތަކަށްވެސް އެކަން ވިޔަކަނުދިނެވެ. ފާޚާނާއަށް ގެންދިޔުމުންވެސް ރޮއިރޮއި ހުރީއެވެ. މަންމަ ގެނެސްދޭން ކިޔަނީއެވެ. އަޑުކޮޅަށް ރޮއި ބޮޑާހޭކީ އެންމެ ސަބަބަކާއިހެދިއެވެ. ފާޚާނާ ކުރަންވީމަ އެހެން އިތުރު މީހަކު ހުންނާކަށް ޖޫލް އާދަވެފައެއްނެތެވެ. އެކަން ވިސްނިގެން ކައިޒާން އެގެއަށް އަންނަ މެއިޑަކަށް ގުޅާފައި އެގަޑީގައި ގެނެސްގެން އެތައް ވަރުން ޖޫލް ނިދަން ތައްޔާރުކުރުވިއެވެ. އޭރު ރޮއިރޮއި އެދޮންމޫނުކޮޅު ރަތްވެ ދެލޯ ކަރުނުން ފުރިފައިވާތަން ފެނުމުން ކައިޒާންގެ ހިތަށް އަސަރުކުރިއެވެ. ކޮންކަހަލަ މަންމައެއް ބާވައޭ ހިތަށް އެރިއެވެ. މިގޮތަށް ކުޑަކުއްޖަކު އެއްލާލާފައި ދާނީ ހިތެއްނެތް މީހެކެވެ. މެއިޑް ދިޔަތަނާހެން އަނެއްކާ ޖޫލް މަންމަ ބޭނުންވެގެން ރޯންފެށިއެވެ. ކައިޒާން ދަރިފުޅު ކޮނޑުމަތީގައި ބާއްވައިގެން ދެކޮޅަށް ހިނގިއެވެ. އެންމެފަހުން ވަރުބަލިވެ ނިދުނުއިރުވެސް ގިސްލެވެމުންދިޔައެވެ. ކައިޒާންގެ އުމުރުގައިވެސް އެހާ ގޮތްހުސްވި ދުވަހެއް ނާދެއެވެ. ޖޫލްގެ ކަރުނަތަކުން ޓީޝާޓު ތެމުމުން އެލޮލުން އޮހުނީ ކިހާ ކަރުނައެއްކަން އިހުސާސްވިއެވެ. އެދަރިފުޅު ހިތުގައި ޖެހިފައިވާވަރުން ހިތުގެ އެންމެ ހިމަ ނާރުތަކަށް އެނގުންވިއެވެ. އެނދުގައި ބާއްވާފައި އެމައުސޫމް މޫނަށް ބަލައިލިއިރު އެސްފިޔަތަކުގައި ކަރުނަތިކިތައް ހަރުލާފައިހުރިތަން ފެނުމުން ހިތަށް ހަމްދަރުދީވަނެވެ. ރަޖާގަނޑު ރީތިކޮށް އަޅާލަދިނުމަށްފަހު ކައިޒާން ޖައްސައިލިގޮތަށް އޮވެވުނީ ނިތްމަތީގައި އަތްބާއްވާލައިގެންނެވެ.

ފަތިހު ފަތިހާ ހޭލައިގެން ކައިޒާން ކާކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. މާކަސް ހުރީ ކޮފީ ތައްޔާރުކުރާށެވެ.

"އައި ބުކްޑް ދަ ޓިކެޓްސް...." މާކަސް އުފާވެރި ހީލުމަކާއިއެކު ބުނެލި ޚަބަރަކުން ކައިޒާން ހުރީ ޝޮކެއްގައެވެ.

"މިހާ އަވަހަށް...."

"ޔަޕް....މާދަން ހެނދުނު. ކިހިނެއް ކައިޒާން އެކުއްޖާ ގެންގުޅޭނީ. ރޭގައި ކިހާވަރަކަށް ރުއި...ނަސީބެއްނު މިގެއާއި ކައިރި ހިސާބެއްގައި އެހެން ބަޔަކު ދިރިނޫޅޭކަން. ނޫންނަމަ އަހަރެމެން ކުއްޖަކު ކިޑްނެޕްކޮށްގެން އުޅެނީއޭ ހީކުރާނެ. އެންމެ ރަގަޅީ ވީހާވެސް އަވަހަށް ފުރިއްޔާ" މާކަސްގެ ނިންމުމަށް ކައިޒާން ހިތާހިތުން މަރުހަބާކީ ނަމަވެސް ކޮންމެވެސް ކަމަކާއި ހިތް ނުތަނަވަސްވެއެވެ. އެހެންވާންވީ ސަބަބެއްވެސް ނޭގެއެވެ. ހިތާއި ސިކުނޑި އަރައިރުންވާއިރު ގަދަވާނީ ކޮންކޮޅެއްކަމެއް ނެގެއެވެ. އެންމެފަހު ވަގުތުވެސް އޭނަގެ ޚިޔާލު ބަދަލުވެދާނެއެވެ.

ކޮޓަރިއަށް ވަދެފާ ޖޫލްގެ ޑައިރީ ނަގައިގެން ކިޔަންފެށިތަނާހެން ފޯނު ރިންގުވުމުން އޭނަ ނެގިއެވެ.

(ނުނިމޭ)

comment ކޮމެންޓް