ޓެރަރިޒަމް މައްސަލައިގައި ވަކީލަކު އައްޔަނުކުރަން މައުމޫނަށް ދެ ދުވަސް

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށް ރައީސް މައުމޫން މާލެ ގެންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަކީލަކު އައްޔަނުކުރުމަށް ދެ ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

އެ މައްސަލައިގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ފުރަތަމަ އަޑު އެހުމުގައި ދައުލަތުން ވަނީ މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވާފައެވެ. މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނަށް ރިޝްވަތުދީ ވަކިގޮތަކަށް ހުކުމްތައް ނެރުމަށް މަޖުބޫރުކޮށްފައިވުމުގެ އިތުރުން ވެސް ބޮޑެތި ތުހުމަތުތަކެއްގައެވެ.

އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި އަމުރު ނެރުމުގައި ވެސް ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ދީފައިވާކަން ދައުވާގައި ފާހަގަކުރިއެވެ. އަދި އަމުރަށް ފަހު އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް މެދުވެރިކޮށް ފުލުހުންގެ މުއައްސަސާގެ ތެރެއިން ކަންތައްތަކެއް ހާސިލްކުރުމަށް މައުމޫން ރިޝްވަތު ދީފައިވާކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

އެއް ގޮނޑިބަރިއެއްގައި ތިއްބަވައި ޕީޖީ އޮފީހުގެ ވަކީލް އަހްމަދު ނައުޝާދު ދައުވާ އިއްވެވިއިރު މައުމޫން އަބްދުލްގައްޔޫމް މޫނުފުޅު އަނބުރުއްވައި އިންނެވީ ޕީޖީގެ ވަކީލުގެ މޫނަށް ބަލަހައްޓަވައި ކަނުލައި އަޑުއައްސަވާށެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް ރައީސް މައުމޫނަށް ފުރުސަތު ދެއްވުމުން އަމިއްލަފުޅަށް ގޮނޑިން ތެދުވެވަޑައިގެން އެމަނިކުފާނު ވިދާޅުވީ މައްސަލަ އިތުރަށް ކުރިއަށް ގެންދަވަން ބޭނުންފުޅު ވަނީ ވާކީލެއްގެ ހާޒިރުގައި ކަމަށާއި ވަކީލަކު އައްޔަނުކުރުމަށް ގާނުނުގައި ވާ އެންމެ ދިގު މުއްދަތުކަމަށްވާ ދިވަ ދުވަސް ދެއްވުމަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހަމްދު ހައިލަމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ވެސް މައުމޫން ވަނީ ވަކީލެއްގެ އެހީތެރިކަން ހޯއްދަވައިފައި ކަމަށާއި އަދި ހަމަ އެ މައްސަލައާ ގުޅޭ ގޮތުން މައުމޫނުގެ ވަކީލުން ކޯޓަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އަދި ޝަރީއަތަށް ވަކީލުން ނުގެންނެވީ ކީއްވެތޯވެސް ގާޒީ ހައިލަމް ސުވާލުކުރެއްވިއެވެ.

ޖަވާބުގައި މައުމޫން ވިދާޅުވީ ގަނޫނީ ވަކީލުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބައެއް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުއްލަވާފައިވާއިރު އެކި މައްސަލަތަކުގައި އުޅުއްވާ ވަކީލުން މައްސަލަ ދިރާސާކޮށް މަޝްވަރާ ކުރަން ވަގުތު ބޭނުންފުޅު ވާނެ ކަމަށެވެ. އެހެންވެ މައުމޫން ވަނީ ތަކުރާރުކޮށް ދިހަ ދުވަހުގެ މުއްދަތެއް ދިނުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ގާޒީ ހައިލަމް ނިންމެވީ ވަކީލަކު އައްޔަނުކުރުމަށް މައުމޫނަށް ދެ ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދެއްވުމަށް، މައުމޫން ބަންދުގައި ބަހައްޓާފައިހުންނަ ފަރާތްތަކަށް އަންގާނެ ކަމަށް ވެސް ގާޒީ ހައިލަމް ވިދާޅުވިއެވެ.

comment ކޮމެންޓް