އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ކްލަބު ވެލެންސިއާއިން ނުކުންނާނީ ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މެޗަށް ނުކުންނަ އިރު، މިހާތަނަށް ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުން ވެލެންސިއާއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުން ފިޔަވައި ވެލެންސިއާއަށް ޕޮއިންޓެއް ހޯދިފައެއްވެސް ނުވެއެވެ.
ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ނިއުއިން ކުޅެފައިވާ ހަ މެޗުން އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. ލޯކަލް ކްލަބުތަކާ ދެކޮޅަށް ކުޅެ ނިއުއިން ދަމަހައްޓަމުން އައި ސިލްސިލާ ނިމުނީ އެންމެފަހުން މާލޭ ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއީ ލޯކަލް ކްލަބުތަކާ ދެކޮޅަށް ބަލިނުވެ 22 މެޗު ކުޅުމަށްފަހުގައެވެ.
ލީގުގައި އެންމެފަހުން ކުޅުނު މެޗުން ނިއު ބަލިވެފައި އޮތް ނަމަވެސް މިދިޔަ ހަފްތާގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުގައި ނިއުއިން ވަނީ އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީ ބަލިކޮށްފައެވެ. އެ މޮޅާއެކު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން ކޮލިފައިވުމަށް ނިއުއަށް އަމިއްލަ ބާރު ލިބިފައިވާ އިރު، އެޓީމު އޮތީ ވަރުގަދަ ފޯމެއްގައެވެ.
"ވެލެންސިއާ އަކީ ދަށް ޓީމެއް ގޮތުގައު ނުބަލަން. ވިކްޓަރީ މެޗުގައި މި އޮތީ ވަރަށް ހީނުކުރާ ކަހަލަ ނަތީޖާއެއް ނުކުމެފައި. އެއްވެސް މީހަކު ހީނުކުރޭ ކަންނޭނގެ އެ މެޗުން ބަލިވެދާނެ ކަމަކަށް. އެ މެޗުގައި ވެދިޔަ ކަންތައްތަކަށް ބަލައިފައި ވެލެންސިއާ އާ ދެކޮޅަށް ނުކުންނާނީ،" މިއަދުގެ މެޗާ ގުޅިގެން ނިއުގެ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަމްޕަތު) ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރު މިއަދު ނިމޭ އިރު، ނިއު އޮތީ އެއްވަނައިގައެވެ. ސަމްޕަތު ބުނީ އެ ކަމުގެ ސިއްރަކީ ޓީމުގެ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތް ކަމަށެވެ.
"ނިއުގެ ސްކޮޑަކީ ވަރަށް މަސައްކަތް ކުރާ ޓީމެއް. އެއް ކުޅުންތެރިއަކަށްޓަކައި އަނެއް ކުޅުންތެރިއަކު ކުޅޭނީ. އެހެންވީމާ އަޅުގަނޑުމެންނަށް އެއް ވަނަ ހޯދަން އެހާ އުނދަގުލެއް ނުވާނެ. އެގޮތަށް ކުޅެންޏާ ލީޑު ނަގައިލަން ފަސޭހަ ވާނެ (ތާވަލުގެ)،" ސަމްޕަތު ބުންޏެވެ.
މެޗާ ގުޅިގެން ވެލެންސިއާގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ބުނީ ނިއުއާއި ވެލެންސިއާ އަޅާވެސް ނުކިޔޭނެ ކަމަށާއި، އެހެން ނަމަވެސް ކުޅުންތެރިންނަށް މަސައްކަތް ކުރެވިއްޖެ ނަމަ ކޮންމެ ނަތީޖާއެއްވެސް ނުކުމެދާނެ ކަމަށެވެ.
"ނިއުއަކީ ވެލެންސިއާއާ އަޅާވެސް ކިޔޭވަރު ޓީމެއް ނޫން. ފުޓުބޯޅައިގައި ކޮންމެ ނަތީޖާއެއްވެސް ނުކުމެދާނެ. އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިއްޖެއްޔާ. އަޅުގަނޑު ކުރިންވެސް ބުނަމުން އަންނަ ވާހަކަ އަނެއްކާވެސް ތަކުރާރު ކޮށްލާނަން. ކުޅުންތެރިން އެބަ ޖެހޭ ގަބޫލުކުރަން މަސައްކަތް ކޮށްގެން މޮޅުވާނެކަން،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ނިއުގެ ފޯމު ވަރަށް ރަނގަޅު ކަމަށާއި ނިއު ހުއްޓުވަން އުނދަގޫވާނެ ކަމަށެވެ.
"ނިއު މިވަގުތު އޮތް ފޯމަށް ބަލާ އިރު، ވަރަށް ރަނގަޅަށް އެ އޮތީ. ވިކްޓަރީ މެޗުން އަދި ބަލިވިޔަސް. އަޅުގަނޑު ބުނާނީ ދެން ވިކްޓަރީއާ ޖެހުނަސް މޮޅުވާނޭ ނިއު ހަމަ. އަނެއްކާ ބެންގަލޫރު މެޗުން ވަރަށް ރަނގަޅު މޮޅެއް ހޯދައިފި. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް މަރުހަބާ ކިޔަން ނިއުގެ މޮޅަށް. ނިއުގެ ވަރުގަދަ ސްކޮޑެއް ނަމަވެސް ހިފަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" ސޮބާ ބުންޏެވެ.
ނިއުއާއި ވެލެންސިއާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.