އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު

ބައިކް މޯލްޑިވްސްގެ ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސް އިން ބާއްވާ ފުރަތަމަ "އިންޓަރ ސްކޫލް ބައިކް ޓޯނަމަންޓް"ގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދިރާގާ އެކު ބައިކް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުން އޮތީ، ބައިކް މޯލްޑިވްސްގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ، މާލޭ ސިނާއީ ސަރަހައްދުގައެވެ.

ހުކުރު ދުވަހު ހެނދުނު މާލޭ ސިނާއީ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީނިއަރ މެނޭޖަރ މާކެޓިންގ، މުޙައްމަދު މިރްޝާން ހަސަންއެވެ. ބައިކް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެއް ފައުންޑަރ އަދި ޗެއަރޕާސަން ޒުލޭޚާ ހަސަން ދީދީއެވެ.

ދިރާގު އިންޓަރ ސްކޫލް ބައިކް ޓޯނަމަންޓް 2018 ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ މޭ މަހުގެ 4-5އަށް، ހުޅުމާލޭ ރޭސިންގ ޓްރެކްގައެވެ.

ބައިކް މޯލްޑިވްސްގެ ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން-- ފޮޓޯ: ބައިކް މޯލްޑިވްސް

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ދިރާގުގެ ފަރާތުން ވާހަކަ ދައްކަވަމުން މިރުޝާން ވިދާޅުވީ، މި މުބާރާތުގެ ސްޕޮންސަރަކަށް ދިރާގު ހަމަޖެހިގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގައި ބައިސްކަލްގެ ހަރަކާތްތައް އަލުން ކުރިއެރުވުމަށް، "ފެމެލީ ސްޓައިލް"ގެ ހަރަކާތެއްގެ ގޮތުގައި ބައިކް މޯލްޑިވްސްއިން ކުރިއަށް ގެންދާ ތަފާތު ހަރަކާތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށެވެ.

"ބައިކް މޯލްޑިވްސްގެ ފަރާތުން، ރާއްޖޭގައި ބައިސްކަލްގެ ހަރަކާތްތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެ ޖަމިއްޔާއަށް ޝުކުރު އަދާކުރަން،" މިރުޝާން ވިދާޅުވިއެވެ.

އެއްބަސްވުމާ ގުޅޭގޮތުން ބައިކް މޯލްޑިވްސްގެ ޗެއަރޕާސަން ޒުލޭހާ ހަސަން ދީދީ ވިދާޅުވީ، އެ ޖަމިއްޔާއިން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ދިރާގުގެ ފަރާތުން ވެދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.

"ދިރާގުން މި މުބާރާތުގެ މެއިން ސްޕޮންސަރަކަށްވީތީ އެކުންފުންޏަށް ވަރަށް ބޮޑަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން،" ޒުލޭޚާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިފަދަ ބޮޑު މުބާރާތެއް ކުރިޔަށްގެންދިޔުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން އެ ޖަމިއްޔާއަށް ލިބެމުންދާ ކަމަށެވެ. ޚާއްސަކޮށް ސްކޫލްތަކުގެ މެނޭޖްމަންޓާއި، ބެލެނިވެރިންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ޒުލޭޚާ ފާހަގަކުރެއްވިއެވެ.

ބައިކް މޯލްޑިވްސްގެ ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތް ކުރިއަށް ގެންދާނީ، ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ އުމުރުފުރާއެވެ. މީގެ އިތުރުން "ފަން" އިވެންޓެއްގެ ގޮތުގައި މުބާރާތް ކުރިއަށް ދާއިރު، 12 އަހަރުން ދަށުގެ ކުދީންނަށް ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް