ރައީސް ނާސިރުގެ ކުރީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

ރައީސް އިބްރާހިމް ނާސިރު އަދި މަރިޔަމް ސައީދު ---

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މ. ބަގީޗާގޭ މަރިޔަމް ސައީދު ދީދީ އަވަހާރަވެއްޖެ އެވެ.

މަރިޔަމް ސައީދަކީ ރާއްޖޭގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި، އަދި ކުޅަދާނަ ޝާއިރު ހުސައިން ސަލާހުއްދީނާއި އަނބިކަނބަލުން މެދުގަނޑުވަރު ތުއްތު ގޮމައަށް ލިބިވަޑައިގެންނެވި ދަރިކަނބަލެކެވެ.

މަރިޔަމް ސައީދު މިއަދު އަވަހާރަވީ އެކަމަނާ ދިރިއުޅުއްވަމުން ގެންދެވި ސްރީލަންކާގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 87 އަހަރުފުޅެވެ.

މަރިޔަމް ސައީދަށް ބޮޑުދައިތަ ވިދާޅުވާ، އަދި ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމައު މުއިއްޒު އަދުނާން މިއަދު ފޭސްބުކްގައި ވިދާޅުވީ އެކަމަނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައި ކަމަށެވެ.

އަދި އެކަމަނާގެ ޖަނާޒާގެ ކަންތައް ކޮލޮމްބޯގައި ކުރިއަށް ދާނެ ކަމަށާއި އެކަމަނާ ފަސްދާނުލާނީ ކޮލޮމްބޯގެ ކުއްޕިޔަވައްތަ މުސްލިމް ގަބުރުސްތާނުގަ އެވެ.

ރައީސް ނާސިރުއަށާއި މަރިޔަމް ސައީދަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ މުހައްމަދު ނާސިރު އަދި އަލީ ނާސިރެވެ. ދެ ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.

މަރިޔަމް ސައީދަކީ ކުޅަދާނަ ޝާއިރާއެކެވެ. އެކަމަނާގެ "އަސްރު ދިޔައީ ގެއްލިގެން" ޅެމަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޅެމެކެވެ. އެކަމަނާއަކީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ "ނީލް" އަދި "ނިސްރީން"އެވެ.

comment ކޮމެންޓް