މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ނަމަށް ބަދަލުކޮށް، އާ ދައުރަށް އެ ޖަމިއްޔާގެ އިސްވެރިން އައްޔަނުކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މަސީގެ އަހަރީ ޖަލްސާ ބޭއްވި އިރު، އެ ޖަލްސާގައި މެމްބަރުން ނިންމާފައި ވަނީ މަސީގެ ނަމުގެ ތެރެއަށް "ނޭޝަނަލް" އިތުރުކުރުމަށެވެ. އެގޮތުން، ޖަމިއްޔާގެ އާ ނަމަކީ "މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ" ކަމަށާއި ނަމަވެސް ކުރުކޮށް ކިޔާނީ މިހާރެކޭ އެއްގޮތަށް "މަސީ" ކަމަށް ޖަލްސާގައި ވަނީ ނިންމާފަ އެވެ.
އެހެން ނަމަވެސް މިފަދައިން ޖަމިއްޔާގެ ނަން ރަސްމީކޮށް ބަދަލުކުރެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ހުށަހަޅައިގެންނެވެ.
މަސީގެ އަހަރީ ޖަލްސާގައި، އާ ދައުރަށް އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް އައްޔަނުކުރީ އެމަގާމުގައި މިހާރު ވެސް ހުންނެވި، އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދެވެ. ނައިބު ރައީސުންނަށް ހޮވުނީ އަލިހަވާސް ކޮންސްޓްރަކްޝަންގެ އަދުނާން ހަލީމާއި އެލިއާ ކޮންސްޓްރަކްޝަންގެ އަލާއު އަލީ އެވެ. ޖަމިއްޔާގެ ޓްރެޝަރާގެ މަގާމަށް ހޮވީ މިމްސް ކޮންސްޓްރަކްޝަނުގެ ހަސަން ހަބީބެވެ. އަދި ޓްރެޝަރާގެ ނައިބަކަށް ހޮވީ އަފާމީ މޯލްޑިވްސްގެ އަމީން މުހައްމަދެވެ.
މީގެ އިތުރުން އެގްޒެކެޓިވް ބޯޑު މެމްބަރުންގެ ގޮތުގައި އަށް ބޭފުޅަކު ވަނީ ހޮވާފަ އެވެ. އެއީ:
- މުހައްމަދު އަލީ ޖަނާހު (ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން)
- އަބްދުﷲ ސޯލިހު (ދަމާސް ކޮންސްޓްރަކްޝަން)
- އިބްރާހިމް މުއްތަލިބު (އަމޭން މޯލްޑިވްސް)
- ސައުދުﷲ ހިލްމީ (ސްވިފްޓް އިންޖިނިއަރިންގް)
- މުހައްމަދު ސައީދު (މާރިސް ކޮންސްޓްރަކްޝަން)
- ޖިލްވާޒް ޖައުފަރު (ޖައުސާ ކޮންސްޓްރަކްޝަން)
- އިބްރާހިމް ޝިއުރީ
- މުހައްމަދު ޝާކިރު