މުރައިދޫ ބަލިކޮށް ފެހެންދޫން އުންމީދު އާކޮށްފި، ހިތަދުއަށް ފަސޭހަ މޮޅެއް

ގްރޫޕް ދޭއްގައި ފެހެންދުއާއި މުރައިދޫ ވަދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި ބ. ފެހެންދޫން ހއ. މުރައިދޫ ބަލިކުރި އިރު، ގްރޫޕް އެކެއްގައި ސ. ހިތަދޫން ގދ. ހޯނޑެއްދޫ ބަލިކޮށްފިއެވެ.

ފ. ނިލަންދޫ ދަނޑުގައި މިއަދު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ހިތަދޫން ހޯނޑެއްދޫ ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ގްރޫޕްގައި ކުޅުނު ދެ މެޗުންވެސް ބަލިވެ، ހޯނޑެއްދުއަށް ވަނީ ސެމީ ފައިނަލްގެ ފުރުސަތު ހަނިވެފައެވެ. އަދި ކުޅުނު ދެ މެޗުން ހިތަދުއަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

މިއަދުގެ މެޗުގައި ހިތަދުއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަޒަންގަނާ އޮނަމްބީ، އާދަމް ޝަހީމްގެ އިތުރުން މުހައްމަދު ސައީދު އަދި އަޑެލޭކާ ޑޭވިޑެވެ.

މެޗުގައި ހޯނޑެއްދޫން ޖެހި ހަމައެކަނި ގޯލް، އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އުސާމެވެ.

މިއަދު ހިތަދޫއާއި ހޯނޑެއްދޫ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ށ. ފޯކައިދޫގައި މިއަދު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ފެހެންދޫން މުރައިދޫ ބަލިކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި ފެހެންދުއަށް ލީޑު ނަގައިދިނީ އިބްރާހީމް މާޖިދެވެ. ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ފެހެންދޫ ކުރީގައި އޮވެ ނިންމާލި އިރު، ފަހު ހާފްގައި އެޓީމު ވަނީ ތިން ގޯލް ޖަހައިފައެވެ.

ފެހެންދޫގެ އެ ތިން ގޯލް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމްގެ އިތުރުން ހުސައިން އީމާން އަދި ހުސައިން ޝުޖާއުއެވެ.

ފެހެންދޫން ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފޯކައިދޫ އަތުން ބަލިވެފައިވާ އިރު، ގްރޫޕް ސްޓޭޖުގައި އެޓީމަށް އަދި ބާކީ ދެ މެޗު އެބައޮތެވެ.

މުރައިދޫން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ނިމުނީ ޕޮއިންޓެއް ނުލިބިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދުއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އއ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

ދެ ގްރޫޕުގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގައި ގްރޫޕް އެކެއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ގްރޫޕް ދޭއްގެ ދެވަނަ ހޯދާ ޓީމު ނުކުންނަން ޖެހޭ އިރު، ގްރޫޕް ދޭއްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށް ނުކުންނަން ޖެހޭނީ ގްރޫޕް އެކެއްގެ ދެވަނަ ހޯދާ ޓީމެވެ. ސެމީން ޖާގަ ހޯދާ ހަތަރު ޓީމަށްވެސް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގައެވެ. ގްރޫޕް އެކެއްގައި ނިލަންދޫން ދ. ކުޑަހުވަދުއާ ދެކޮޅަށް ނުކުންނަ އިރު، ގްރޫޕް ދޭއްގައި ފޯކައިދޫން ނުކުންނާނީ އއ. މާޅޮހާ ދެކޮޅަށެވެ.

comment ކޮމެންޓް