ވޭނަކުން ޖައްސައި ކެނެޑާގައި 10 މީހަކު މަރާލައިފި

ޓޮރޮންޓޯގައި ހިނގާފައި ދިޔަ މީހުންގެ ގައިގައި ޖައްސަން ބޭނުން ކުރި ވޭން -- ފޮޓޯ: އީޕީއޭ

ޓޮރޮންޓޯ (އޭޕްރިލް 24): ކެނެޑާގެ ޓޮރޮންޓޯގެ މަގެއްމަތިން ހިނގާފައި ދިޔަ ބަޔެއްގެ ގައިގައި ވޭނަކުން ޖައްސައި 10 މީހަކު މަރާލައިފިއެވެ.

ޓޮރޮންޓޯގެ ޕޮލިސް ޗީފް މާކް ސޯންޑާސް ވިދާޅުވި ގޮތުގައި އެމީހުންގެ ގައިގައި ވޭނުން ޖައްސާފައި ވަނީ ގަސްތުގައި ކަމަށް ބެލެވެ އެވެ. ނަމަވެސް 15 މީހަކު ޒަހަމްވި އެހަމަލާ ދިނުމުގެ މަގުސަދަކީ ކޮބައިކަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯންޑާސް އިތުރަށް ވިދާޅުވި ގޮތުގައި އެހަމަލާއާ ގުޅިގެން ފުލުހުން ވަނީ ވޭން ދުއްވަން ހުރި މީހާ ހައްޔަރުކޮށް އޭނާއާ ސުވާލު ކުރަން ފަށައިފައެވެ. އަދި ފުލުހުންނަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ހަމަލާ ދިނުމަށް 25 އަހަރުގެ އެލެކް މިނާސިއަން ބޭނުންކޮށްފައި ވަނީ ކުއްޔަށް ނަގާފައިވާ ވޭނެކެވެ.

ކެނެޑާގެ ފުލުހުން ވަނީ އެހަމަލާގައި އިތުރު ބަޔެއްގެ އަތެއްވޭތޯ ބަލައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް