މައްކާގައި ބިރުވެރި ގަތްލު އާންމެއް ހިންގައިފި

ތިން ކުދިން މަރާލި ޖަރީމާ ހިންގި ގެ

މައްކާ (އެޕްރީލް 23): ސައޫދީ ރައްޔިތަކު މާތްވެގެންވާ މައްކާގައި ބިރުވެރި ގަތްލު އާންމެއް ހިންގައި އޭނާގެ ތިން ދަރިން ކަތިލާލައިފިއެވެ.

ސައޫދީ މީޑިޔާ ބުނާގޮތުން އުމުރުން ތިރީސް ފަސްއަހަރުގެ އެ މީހާ ވަނީ ދަރިންދެކެ ރުޅިއައިސްގެން ތޫނު ވަޅިއެއް ހިފައިގެން އައިސް އޭނާގެ ތިން ކުދިން ކޮޓަރިއަށް ވައްދައި ކޮޓަރި ބަންދުކުރުމަށްފަހު އެވަޅިން ފަހަރަކު ކުއްޖެއްގެ ކަރުގައި ވަޅިއަޅައި ކަތިލާލައިގެން އެތިން ކުދިން މަރާލާފައެވެ. ތިން ކުދިންގެ ރުއިމުގެ އަޑު އިވިގެން އެކުދިންގެ މަންމަ ދޮރުގައި ތެޅުމުން ފިރިހެންމީހާ ދޮރު ހުޅުވިއިރު ތިން ކުދިންވެސްވަނީ ޖަނަވާރު ކަތިލާގޮތަށް ވަޅިން ކަތިލާލާފައެވެ. އެކުދިންގެ ހަށިތަށް ފެނުމުން އަންހެންމީހާ (މަންމަ) ވަނީ އަނބުރައި ގަނެގެން އެތަނަށް ވެއްޓިފައެވެ.

މި ޚަބަރު ކޮންމެވެސް ގޮތަކަށް އެގޭގެ އަވަށްޓެރިންނަށް ލިބިގެން ފުލުހުންނަށް އެންގުމުން ފުލުހުން އެގެއަށް ދިޔައިރު އެތިން ކުދިން ކަތިލާލިތަނުން ފެށިގެން ގޭތެރޭގައިވަނީ ލޭގެ ކޯރުތަށް ހެދިފައެވެ. އަދި މުޅި ގޭތެރެ ކަހަލަ ގޮތަކަށްވަނީ ލެއިން ތަތްތެޅިފައެވެ. ބައްޕަ ތިން ދަރިން ކަތިލުމަށް ބޭނުންކުރި ވަޅިވެސް އެ ގޭތެރޭގައި އޮތެވެ. ކުދިން ކަތިލި ބައްޕަ (ގާތިލް) ގެ މުޅި ހަށިގަނޑުވެސްވަނީ ދުނިޖަހާފައި އެރި ލެއިން ފޯވެފައެވެ. ފުލުހުން އައިސް ބައްޕަ ހައްޔަރުކުރުމަށްފަހު ހޭނެތިފައިވާ މަންމަ ވަނީ މައްކާގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. މަންމަ ހޭއެރިކަމަށްވަނީ ހޮސްޕިޓަލުގައި އޮއްވައެވެ. މި ޖަރީމާ ހިންގާފައިވަނީ މައްކާގެ ރަވްޟާ އަވަށުގައެވެ.

މިޚަބަރު ގެނެސްދިން ސައޫދީ އެހެން ނޫހަކުން ބުނީ މަންމަ ޚަބަރު ހުސްވީ ބައްޕަ ކުދިން ކަތިލިކަން އެނގިގެން ރޮމުން ހަޅޭލަވަމުން އަވަށްޓެރިއެއްގެ ގެއަށްގޮސް އަވަށްޓެރިން އެޚަބަރު ދިންފަހުން ކަމުގައެވެ. ބައްޕަ ކަތިލާލި އޭނާގެ ތިން ދަރިންގެ ތެރެއިން ދޮށީ ކުއްޖާގެ އުމުރަކީ ހަ އަހަރެވެ. މެދުކުއްޖާގެ އުމުރަކީ ފަސް އަހަރެވެ. ހަގު ކުއްޖާގެ އުމުރަކީ ހަތަރު އަހަރު ކަމަށާއި މިތިން ކުދިންނަކީވެސް އަންހެން ކުދިންކަމަށް ސައޫދީ ނޫހެއްކަމަށްވާ "ސަބަގް" ބުނެއެވެ.

ކަތިލާލެވުނު ތިން އަންހެން ކުދިންގެ ބައްޕަ އެޖަރީމާ ހިންގީ މަސްތުގެ ހާލުގައި ހުރެގެންކަމަށް ވަނީ ޝައްކު ކުރެވިފައެވެ. އެއީ ފުލުހުން އައިސް ޖަރީމާ ހިންގި ތަނުން އޭނާ ހައްޔަރުކުރި އިރުވެސް އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތުމުންނެވެ. އެ ބައްޕައަކީ ސިކުނޑީގައި ކޮންމެވެސް އުނިކަމެއް ހުންނަ މީހެއްކަމަށް ބައެއް ރިޕޯޓްތަށް ބުނެއެވެ. (ސައޫދީ މީޑިޔާ)

comment ކޮމެންޓް