އޮލިވިއާ ޖިރޫ އަދި އަލްވާރޯ މޮރާޓާގެ ދެ ގޯލާއެކު ސައުތުހެމްޓަން ބަލިކޮށް، ޗެލްސީން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ތާރީހީ ސްޓޭޑިއަމް ކަަމަށްވާ ވެމްބްލީގައި މިރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
ޗެލްސީން ފައިނަލްގައި ވާދަކުރަން ޖެހޭނީ ރޭގެ ސެމީ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
މިރޭގެ ސެމީ ފައިނަލް މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0ގެ ނަތީޖާއަކުން ނަމަވެސް މެޗުގެ ފުރަތަމަ ފަސް މިނެޓް ތެރޭގައިވެސް ޗެލްސީގެ ފަރާތުން ވަނީ ނުރައްކާތެރި ހަމަލާއެއް ފެނިފައެވެ. ބްރެޒިލް ފޯވަޑް ވިލިއަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ޗެލްސީގެ ފުރަތަމަ ގޯލް ޖެހުމަށްފަހު ޖިރޫ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މީގެ އިތުރުންވެސް ފޯވަޑް އަލިވިއާ ޖިރޫއާއި އެޑިން ހަޒާޑަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވިފައިވާ އިރު، ޗެލްސީން ވަނީ މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓް ކޮށްފައެވެ.
މިރޭގެ މެޗުގެ ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި ޗެލްސީން ލީޑު ނެގީ ޖިރޫގެ ގޯލުންނެވެ. ހަޒާޑް ދިން ޕާސް ޖިރޫ ނިންމާލީ ސައުތުހެމްޓަންގެ ތިން ޑިފެންޑަރު ނައްޓާލުމަށްފަހު ކީޕަރުވެސް ނައްޓާލައިގެންނެވެ.
ޖިރޫގެ ގޯލަށް ފަހުވެސް މޮޅަށް ކުޅެމުން ދިޔައީ ޗެލްސީންނެވެ. ހާއްސަކޮށް ޗެލްސީގެ ފަރާތުން ގިނަ އެޓޭކްތަކެއް ކޮށްފައިވެއެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ޖިރޫގެ ބަދަލުގައި އަލްވާރޯ މޮރާޓާ ކުޅެން ނުކުމެފައިވާ އިރު، ދެވަނަ ގޯލް އޭނާ ކާމިޔާބުކުރީ ކުޅެން ނުކުތްތާ ދެ މިނެޓް ތެރޭގައެވެ. މޮރާޓާގެ ގޯލް ކާމިޔާބުކުރީ ޗެލްސީގެ ޑިފެންޑަރު ސީޒާ އަޒްޕިލިކުއެޓާގެ ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

މޮރާޓާގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ: މޮރާޓާގެ ގޯލަށް އެސިސްޓް ކޮށްދިނީ އަޒްޕިލިކުއެޓާ --- ފޮޓޯ/ އޭޕީ
އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާއި މެންޗެސްޓާ ނުކުންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގައެވެ.