ރޯދަ މަހު، ސަލަފުން ނިކަމެތި އާއިލާތަކަށް ކާބޯތަކެތި ހިލޭ ފޯރުކޮށްދެނީ

މީހަކު ޒަކާތް ބަލައިގަންނަނީ -- ސަން ފައިލް ފޮޓޯ: އަލީ ނަސީރު

މުޖުތަމައުގައި ދިރިއުޅޭ، އަމިއްލަ ޒަރޫރީ ހާޖަތްތައް ފުއްދުމުގައި ދަތިކަަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ ރޯދަ މަހު، ޖަމްއިއްޔަތުއްސަލަފުން ހާއްސަ ހަރަކާތެއް ހިންގަން ނިންމައިފި އެވެ.

ސަލަފުން ބުނީ، މުޅި ރާއްޖެއަށް އަމާޒު ކޮށްގެން "ސަނާބިލް" ގެ ނަމުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ޕްރޮގްރާމުގައި ރޯދަ މަސް ނިމެންދެން، އެހީތެރިކަން ބޭނުންވާ ނިކަމެތި އާއިލާތަކަށް ކާބޯތަކެތި ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ނިކަމެތިންނަށް ހެޔޮަކަމުގައި ހޭދަކުރުމަށް އޮތް ދަތިކަން ފިލުވައިލަދިނުމަށް ހިންގާ އެ ޕްރޮގްރާމުގައި އެހީތެރިކަން ފޯރުކޮށްދޭ އާއިލާތައް ކަނޑައަޅާނީ ޕޮއިންޓް ލިބޭ އުސޫލަކުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި، ޝަރުތު ހަމަވާ ފަރާތްތަކުން ފޯމެއް ފުރަންޖެހެ އެވެ.

ސަލަފުގެ ވެބްސައިޓުންނާއި އޮފީހުން ލިބެން ހުރި އެ ފޯމް ބަލައިގަންނަމުންދާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ސަނާބިލްގެ ކަންކަން އަޅުގަނޑުމެން އިލްމުވެރިންގެ އެހީތެރިކަމާއެކު، އިދާރީގޮތުން ވެސް ހަރުދަނާ އުސޫލެއްގެ މަތީން ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށް ވީހިނދު، މި ހެޔޮކަމުގައި، ހޭދަކުރައްވަން އެދިލައްވާ ފަރާތްތަކުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް ލިބިގެންދެއެވެ،" ސަލަފުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސަލަފުން ބުނީ، ސަނާބިލް ޕްރޮގްރާމަކީ ބައެއް ވިޔަފާރިވެރިންނާއި ހެޔޮއެދޭ އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމުން އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

comment ކޮމެންޓް