ކެމިކަލް ހަމަލާ ދިން ސަރަހައްދުން ސާމްޕަލްތައް ނަގައިފި: އޯޕީސީޑަބްލިއު

ސީރިއާގެ ދޫމާއިން ސާމްޕަލްތައް ނަގާފައިވާ ކަމަށް އޯޕީސީޑަބްލިއު އިން ބުނޭ -- ފޮޓޯ: އޭޕީ

ދިމިޝްގު (އޭޕްރިލް 22): ސީރިއާ ސަރުކާރުން ކެމިކަލް ހަމަލާއެއް ދިން ކަމަށް ތުހުމަތު ކުރެވޭ ދޫމާއިން ސާމްޕަލްތަކެއް ނަގައިފި ކަމަށް އެހާދިސާ ތަހުގީގު ކުރަމުންދާ އޯގަނައިޒޭޝަން ފޯ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ބުނެފި އެވެ.

އޯޕީސީޑަބްލިއު އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެސާމްޕަލްތައް ޓެސްޓު ކުރުމަށް ޓަކައި ފޮނުވާނީ ނެދަލޭންޑުސްގައި ހުންނަ އެޖަމްއިއްޔާގެ ލެބުތަކަށެވެ. އަދި އެޓެސްޓުތަކުން ލިބޭ ނަތީޖާ އާއި އިތުރު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެޖަމްއިއްޔާ އިން ރިޕޯޓެއް އެކުލަވާލައި، އޯޕީސީޑަބްލިއުގެ މެމްބަރު ގައުމުތަކަށް އެރިޕޯޓު ފޮނުވާނެ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ދޫމާއަށް ދިން ކަމަށް ބެލެވޭ ހަމަލާ ތަހުގީގު ކުރަން އޯޕީސީޑަބްލިއު އިން ދިޔައީ މިމަހުގެ 14ގަ އެވެ. ނަމަވެސް ދޫމާއަށް ވަންނަން ހުއްދަ ނުލިބުމުގެ ސަބަބުން އެޓީމަށް ޖެހުނީ ދިމިޝްގުގައި މަޑު ކުރާށެވެ.

އެހެންކަމުން އެމެރިކާ އިން އޯޕީސީޑަބްލިއުއަށް އައްޔަންކޮށްފައި ހުންނަވާ ސަފީރު ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރަޝިއާ އިން ދޫމާގައި ހަރަކާތްތެރިވެ، ތަހުގީގަށް މުހިއްމު ހެކި ބަދަލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް ވަނީ ދޫމާއިން ފެނިދާނެ ކަމަށް ބެލެވޭ ހެއްކަކަށް އެގައުމުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ރަޝިއާ އާއި ސީރިއާ އިން ވަނީ ދޫމާގައި ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެހަމަލާއާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުން ދިން މިސައިލް ހަމަލާތައް ކުށްވެރިކޮށްފަ އެވެ.

ސީރިއާގެ ހަނގުރާމައިގައި ކެމިކަލް ހަމަލާތައްދޭ މައްސަލަ އޯޕީސީޑަބްލިއު އިން ތަހުގީގު ކުރަން ފެށީ 2014 ވަނަ އަހަރެވެ. އަދި މީގެ ކުރިން އެ ގައުމަށް ސެރިން ގޭހުގެ ދެ ހަމަލާއަކާއި ކްލޮރިން ގޭހުގެ ތިން ހަމަލާއެއް ދީފައިވާ ކަން ޔަގީންވެފައިވާ ކަމަށް އދ.އިން ވަނީ ބުނެފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް