ބިދޭސީ ފޯވަޑް ސްޓެވާޓް ކޯނެލިއަސްގެ ދެ ލަނޑުން ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މާލޭ ލީގު ތާވަލުގެ ދެވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މާލޭ ލީގު މެޗުގައި އީގަލްސް އަތުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެވަނައިގައި އޮތް މާޒިޔާ އަދި ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. އޭގެ ތެރެއިން ނިއުއަށް އަދި ފުރަތަމަ ބުރުގައި ބާކީ އެއް މެޗު އެބައޮތެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން 12 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލި އިރު، 11 ޕޮއިންޓާއެކު މިރޭގެ މެޗުން ބަލިވި އީގަލްސް ނިންމާލީ ފަސްވަނައިގައެވެ.
މިރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ވެސް މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަސަން ޝިފާޒް ފޮނުވާލި ހަމަލާ އަމާޒުވީ އީގަލްސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ކުޅުން ވަރުގަދަކޮށް، ލަނޑެއްޖެހުމަށް މަސައްކަތްކޮށްފައެވެ. ދެވަނަ ހާފުގައި އީގަލްސްއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިފައިނުވި ނަމަވެސް، މެޗުގެ 69 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވަޑް ލުއިޒް އެޑުއާޑޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އަހްމަދު ރިޒްވާން (ރިޒޭ) ދިން ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާޒިޔާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ މާޒިޔާގެ އަހްމަދު އިމާޒް (އާއްކޮ)އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އާއްކޮ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާއެވެ.
މެޗުގައި މާޒިޔާއިން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކޯނެލިއަސްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޑިފެންޑަރު ހެލްމެޓް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
ފުރަތަމަ ބުރުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުއާއި ކްލަބު ވެލެންސިއާއެވެ.