އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކުގެ ލިސްޓްގައި އެމެރިކާއާއި އިސްރާއީލެއް ނެތް

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ގާއިމް މަގާމް (އެކްޓިން) ޖޯން ސްލީވާން

އިންސާނީ ހައްގުތަށް ހިމާޔަތް ކުރުމުގެ ނަމުގައި އެމެރިކާއިން ކޮންމެ އަހަރެއްގެ ކުރީކޮޅު ނެރޭ ރިޕޯޓު އިއްޔެ ނެރެފިއެވެ.

ކުރީ ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް އެމެރިކާއިން މި ރިޕޯޓް ނެރެފައި މިވަނީ އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަށް އެއްފަރާތްކޮށް އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގަންނަ ގައުމުތަކުގެ ލިސްޓުން އިސްރާއީލުގެ ނަން އުނިކުރުމަށްފަހުގައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ފާޑުކިޔާ އެމެރިކާގެ މި ރިޕޯޓުގައި އެމެރިކާއިން ދުނިޔޭގެ ބައެއް ގައުމުތަކަށް ހަމަލާދީ، އާންމުން މަރާ މައްސަލައާއި އެމެރިކާގައި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރާ މައްސަލަވެސް ވަނީ އެއްފަރާތްކޮށްފައެވެ. އެމެރިކާގައި އެންމެ ފަހުން ކުރި މުޒާހަރާތަކުގައިވެސް ފުލުހުން ވަނީ އެއްވެސް ހައްގަކާ ނުލައި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފައެވެ.

މިއީ އަބަދުވެސް އެމެރިކާއިން މިރިޕޯޓް ނެރޭ ގޮތްކަމުން މިއީ އިންސާނީ ހައްގުތަށް ހިމާޔަތްކުރުމުގެ ރިޕޯޓަކަށްވުރެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދުނިޔޭގައި ސިފަކުރެވެމުން ދެއެވެ. އެމެރިކާގެ އެހީއަށް ބަރޯސާވާ ކުދިކުދި ގައުމުތަކުން ނޫނީ މި ރިޕޯޓަށް ސަމާލުކަމެއްވެސް ނުދެއެވެ.

އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގަންނަ ގައުމުތައް ކަމަށް ފާހަގަކޮށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު މިއަހަރުގެ ރިޕޯޓްގައި 17 ގައުމެއް ފާހަގަކޮށްފައި ވާއިރު އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާއާ ސިޔާސީ ގޮތުން ވާދަވެރި ގައުމުތަކާއި އެމެރިކާއަށް ފާޑުކިޔާ ގައުމުތަކުގެ އިތުރުން އެމެރިކާއާ ގުޅުންތައް އޮންނަ އިސްލާމީ ގައުމުތަކެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ރިޕޯޓްގައި އެންމެ ބޮޑަށް އިންސާނީ ހައްގުތަކަށް އަރައިގަންނަކަމަށް ސިފަކޮށްފައިވާ ސަތާރަ ގައުމުގެ ތެރޭގައި ހިމެނެނީ އީރާން، އުތުރު ކޮރެއާ، ރަޝިއާ، ޗައިނާ އަދި ސީރިއާއެވެ. މީގެ އިތުރުން އެލިސްޓުގައި ހިމެނެނީ މިސްރާއި ސައޫދީ އަރަބިއްޔާއާއި ސޫދާނާއި ތުރުކީ ފަދަ އިސްލާމީ ގައުމުތަކެވެ. އެމެރިކާގެ ރިޕޯޓް ބުނާގޮތުން ޗައިނާ، ރަޝިޔާ، އީރާން އަދި ސީރިއާގައި ޑިމޮކްރަސީއެއް ނެތެވެ. ޑިމޮކްރަސީ ނެތުމަކީ އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައި ގަތުންކަމަށް އެމެރިކާ ދެކެއެވެ.

އެމެރިކާގެ ރިޕޯޓްގައި މިސްރާއި ސައޫދީ އަރަބިޔާއާއި ސޫދާނާއި ތުރުކީ ފަދަ އިސްލާމީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑުކިޔަމުން ބުނެފައިވަނީ އެގައުމުތަކުން ޝަރީޢަތަކާ ނުލައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިރާނު، ރަޝިއާ، އަދި ތުރުކީއިން ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ލާއިންސާނީ އަމަލުތަށް ހިންގާކަމަށްވެސް ބުނެފައިވެއެވެ.

ހަމަ އެފަދައިން ސައުދީއާއި ޔޫއޭއީން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވެދެ އާންމުންގެ ބޮލަށް ބޮންއަޅާކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެދެގައުމުން ޔަމަނަށް ހަމަލާ ދިނުމަށް ބޭނުންވާ ހަތިޔާރު ދެނީ އެމެރިކާކަން އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ. އަދި އިސްރާއީލުން ސީރިއާއަށް ބޮމުގެ ހަމަލާތައް ދީ މީހުން މަރާކަންވެސް ފާހަގަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އިސްރާއީލުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ އާންމުންގެ ގަޔަށް ބަޑިޖަހައި ހިންގާ ގަތުލުއާންމުތަކާއި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި، ފަލަސްތީނު ރައްޔިތުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށް، ފަލަސްތީނުގެ ރައްޔިތުން ޝަރީއަތަކާ ނުލައި ހައްޔަރުކުރާ މައްސަލަވެސް ފާހަގަކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް ހަތްހާސް މީހުން ހައްޔަރުކޮށްފައިވާއިރު މި އެންމެންނަކީވެސް އިސްރާއީލުން ނިގުޅައި ގެންފައިވާ ފަލަސްތީނުގެ ހައްގުތަކާއި ފަލަސްތީނުގެ މިނިވަންކަން ހޯދުމަށް މަސައްކަތްކުރުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ މީހުންނެވެ.

އިންސާނީ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގަންނަ ކަމަށް އެމެރިކާ ދެކޭ 17 ގައުމުގެ ލިސްޓުގައި އިސްރާއީލު ހިމެނިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލަކީ ދުނިޔޭގައި އިސްތިއުމާރީ އުސޫލުން ގައުމެއް އެއްކޮށް ހިފައި އެގައުމުގެ ހުރިހާ ރައްޔިތުން އަޅުވެތިކޮށް އެމީހުން މިނިވަންކަމަށް ހިންގާ ކޮންމެ ހަރަކާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އާންމުން މަރަމުން ގެންދާ ގައުމެކެވެ. އިސްރާއީލުން ފާއިތުވި ތިން ހަފްތާ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 40 މީހުން ޝަހީދުކޮށް 2،000 މީހުން ޒަޚަމްކޮށް އެތައް ސަތޭކަ ބަޔަކު ޝަރީއަތަކާ ނުލައި ހައްޔަރުކޮށްފައި ވެއެވެ.

އެމެރިކާއަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި އިސްލާމީ ގައުމުތަކަށް އިސްވެ ޙަމަލާދީ ކުށެއްނެތް މުސްލިމުން އެންމެ ގިނައިން މަރާ ގައުމު ކަމަށްވީނަމަވެސް އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމުތައް ކަމަށް އެމެރިކާ ދެކޭ ގައުމުތަކުގެ ލިސްޓުގައި އެމެރިކާގެ އަމިއްލަ ނަންވެސް ހިމަނާފައެއް ނުވެއެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ވަކީލުން ސިފަކުރާ ގޮތުގައި ދުނިޔޭގައި އެންމެ ބޮޑަށް އިންސާނީ ހައްގުތަކަށް އަރައި ގަންނަ ދެގައުމަކީ އެމެރިކާއާއި އިސްރާއީލެވެ.

މީގެއިތުރުން ދުނިޔޭގައި ސްޓޭޓް ޓެރަރިޒަމްވެސް އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ އެމެރިކާއާއި އިސްރާއީލު ކަމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ވަކީލުން ސިފަކުރެއެވެ.

comment ކޮމެންޓް