ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޑީޖޭ، އަވީޗީ މަރުވެއްޖެ

ޓިމް ބާގްލިންގް ނުވަތަ މަގުބޫލު ނަމުންނަމަ އަވީޗީ ---

އިލެކްޓްރޯނިކް ޑާންސް، ޑީޖޭއަށް ދުނިޔޭގައި މަޝްހޫރު، ސްވިޑެންއަށް އުފަން ޕްރޮޑިއުސަރު އަދި ޑީޖޭ ޓިމް ބާގްލިންގް ނުވަތަ މަގުބޫލު ނަމުންނަމަ އަވީޗީ މަރުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ އަވީޗީ މަރުވެފައިވާކަން ހާމަކޮށް އޭނާގެ ޕަބްލިސިސްޓް ޑިއާނާ ބެރޮން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ މަރުވެފައިވަނީ އިއްޔެ މެންދުރުފަހު އޮމާންގެ މަސްކެޓްގައި ކަމަށެވެ.

ނަމަވެސް އޭނާ މަރުވި ސަބަބެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ކުޅެފައިވާ މަދު ޑީޖޭއިންގެ ތެރޭގައި ހިމެނޭ އަވީޗީ ވަނީ، ދެ އެމްޓީވީ މިއުޒިކް އެވޯޑާއި އެއް ބިލްބޯޑް އެވޯޑްގެ އިތުރުން ދެ ފަހަރަށް ގްރެމީއަށް ނޮމިނޭޓްވެފައެވެ.

އަދި މީގެ ދުވަސްކޮޅެއް ކުރީން، ބިލްބޯޑް މިއުޒިކް އެވޯޑްގެ އެންމެ މޮޅު ޑާންސް/ އިލެކްޓްރޯނިކް އަލްބަމަށް އޭނާގެ އަލްބަމް "އަވީޗީ (01)" ވަނީ ނޮމިނޭޓްވެފައެވެ.

"ވޭކް މީ އަޕް"، "ދަ ޑޭސް" އަދި "ޔޫ މޭކް މީ" ފަދަ މަޝްހޫރު ލަވަތަކެއް ގެނެސްދީފައިވާ އަވީޗީ އަކީ 2014 ވަނަ އަހަރު އޭނާގެ އެޕެންޑިކްސް އަދި ގޯލްބުލޭޑާ ނަގާފައިވާ ކަމަށް އިއުލާން ކޮށްފައެވެ.

އޭގެ ފަހުން އޭނާގެ ސިއްހީ ހާލަތު ދަށްވަމުންދާތީވެ، 2016 ވަނަ އަހަރު ސްޕެއިންގައި ދިން ޝޯއަށްފަހު އަވީޗީ ވަނީ ލައިވް ޝޯތައް ދިނުމުން ރިޓަޔާ ކުރިކަން އިއުލާންކޮށްފައެވެ. ޓުއާގެ ތެރޭގައި ރެއަކަށް 250،000 އެމެރިކާ ޑޮލަރު އޭނާއަށް ލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަވީޗީ އަކީ މެޑޯނާ، ކޯޑްޕުލޭ ފްރަންޓްމޭން ކްރިސް މާޓިން އަދި ރޮބީ ވިލިއަމްސް ފަދަ މަޝްހޫރު އާޓިސްޓުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ފަންނާނެކެވެ.

comment ކޮމެންޓް