އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ލީޑަރުންނަށް ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފި

ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަންނަ ހުކުރު ދުވަހު ބައްދަލު ކުރައްވާނެ -- ފޮޓޯ: ގެޓީ

ސޯލް (އޭޕްރިލް 20): ދެކުނު ކޮރެއާގެ ރައީސާއި އުތުރު ކޮރެއާގެ ލީޑަރު ގުޅުވައިދޭ ހާއްސަ ޓެލެފޯން ހޮޓްލައިނެއް ދެ ކޮރެއާއިން ގާއިމުކޮށްފި އެވެ.

ދެކުނު ކޮރެއާއިން މިއަދު ވަނީ އެހޮޓްލައިން މެދުވެރިކޮށް އެގައުމުގެ ރިޔާސީ ގަނޑުވަރާއި އުތުރު ކޮރެއާގެ ސްޓޭޓް އެފެއާސް ކޮމިޝަނާ ދެމެދު ކާމިޔާބު ޓެސްޓު ކޯލެއް ކޮށްފައިވާ ކަމަށް ބުނެފައި އެވެ.

އަދި އަންނަ ހަފްތާގައި ބާއްވަން ހަމަޖެހިފައިވާ ދެ ލީޑަރުންގެ ބައްދަލުވުމުގެ ކުރިން އެދެ ބޭފުޅުން ފޯނުން ވާހަކަ ދައްކަވާނެ ކަމަށްވެސް ދެކުނު ކޮރެއާގެ ރައީސް އޮފީހުން ބުންޏެވެ.

"ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ލީޑަރުން ގުޅުވައިދޭ ތާރީހީ ޓެލެފޯން ލައިން ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ކަނެކްޓުކޮށްފައި. އެހޮޓްލައިންގެ ޓެސްޓު ކޯލުގައި ދެ ގައުމުގެ އޮފިޝަލުން ވަނީ ހަތަރު މިނިޓާއި 19 ސިކުންތު ވަންދެން ވާހަކަ ދައްކަވާފައި،" ދެކުނު ކޮރެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރައީސް މޫން އާއި ލީޑަރު ކިމް ބައްދަލު ކުރަން ހަމަޖެހިފައި ވަނީ ދެ ކޮރެއާ ވަކިކޮށްދޭ ބޯޑަރުގައި އޮންނަ ޕަންމުންޖޮމްގައި އަންނަ ހުކުރު ދުވަހުގައި އެވެ. އެއީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން އެ ދެ ގައުމުން ގުޅިގެން ބާއްވާ ތިން ވަނަ ސަމިޓެވެ.

ދެކުނު ކޮރެއާގައި ފެބްރުއަރީ މަހު ބޭއްވި ވިންޓާ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވި ފަހުން އެ ދެ ގައުމުން ވަނީ ގުޅުންތައް ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާފައި އެވެ. އެގޮތުން ދެކުނުގެ ވަފުދަކުން ވަނީ އުތުރުގެ ލީޑަރު ކިމްއާ ބައްދަލުކޮށްފައި އެވެ.

އަދި އެވަފުދުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފަހުން ބައްދަލުކޮށް، ކިމްގެ ދައުވަތެއް ޓްރަމްޕަށް އަރުވައިފަ އެވެ. ރައީސް ޓްރަމްޕް ވަނީ އެދައުވަތު ގަބޫލު ކުރައްވައި، އަންނަ މަހު ކިމްއާ ބައްދަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް