ލޯންޗް އެކްސިޑެންޓުގައި އަނިޔާވި ބިދޭސީއަކު މަރުވެއްޖެ

މީގެ ކުރީން ހިނގާފައިވާ ލޯންޗު އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވައްދަނީ -- ސަން ފައިލް ފޮޓޯ: މުހައްމަދު ސަމާހް

މިރޭ މާލެއަތޮޅު ގުޅި ކައިރީން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ބަންގްލަދޭޝް ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އެތަނުން އެއް ލޯންޗުގެ ފަޅުވެރިއެއް ކަމަށެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލް 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓުގައި އެކި ވަރުގެ ޒަހަމްތައް ލިބިގެން އަށް މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތް ބިދޭސީން ކަމަށް އައްފާލު ވިދާޅުވިއެވެ. އޭގެތެރެއިން އެކަކު މަރުވެފައިވާ ކަން އައްފާލުވެސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އެކްސިޑެންޓްވި މީހުންނަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އަދި ވަނީ ލިބޭގޮތް ނުވެފައެވެ. މަންޒަރު ދުށް މީހަކު ބުނީ އެތަނުން އެކެއްގެ ކަނާތު އަތް ބިންދައިގެން ގޮސްފައިވާ ކަމަށް ފެންނަ ފެނުމުން ފާހަގަކުރެވިފައިވާ ކަމަށެވެ.

ލޯންޗު އެކްސިޑެންޓުގައި ގެންދެވުނު މީހުންގެ ތެރެއިން އެކަކަށް ހައި ޑިޕެންޑެންސީ ޔުނިޓްގައި ފަރުވާ ދެމުންދާ ކަމަށް އައްފާލް ވިދާޅުވި އެވެ. އަދި އެކަކު މިހާރު އޮބްޒަވޭޝަންގައި ބާއްވާފައި ވާއިރު އެކަކަށް އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދާ ކަމަށް ވިދާޅުވި އެވެ. ހަތަރު މީހަކަށް ވޯޑުގައި ފަރުވާ ދެމުން ދާ ކަމަށާއި ހަތް މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށް ވިދާޅުވި އެވެ.

އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެންދެވުނީ ޖުމްލަ އަށް މީހުންނެވެ. އެކަކު ވަނީ މަރުވެފައެވެ.

އަދި އެކްސިޑެންޓުގައި އެކަކު ގެއްލިގެން ކޯސްޓް ގާޑުން ދަނީ އެ ސަރަހައްދަށް ޑައިވްކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް