ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެ އެކަކު ގެއްލިއްޖެ

މިރޭ މާލެއަތޮޅު ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން އެކްސިޑެންޓްވި ލޯންޗް. މި އެކްސިޑެންޓްގައި އަނިޔާވި ބިދޭސީއަކު ވަނީ މަރުވެފައި. އަދި ދިވެއްސަކު ވަނީ ގެއްލިފައި-- ފޮޓޯ: ޕޮލިސް

މާލެ އަތޮޅު ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން، ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 19:45 ހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އެތަނުން އެއް ލޯންޗުގެ ކެޕްޓަން ގެއްލިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުން މިހާރު މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފެއް ނުވެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި، އެމީހުން މާލެ ގެނެސްފައި ވަނީ، މާފުށި މާލެ އެއާޕޯޓު ފެރީ ކުރާ ގޯމާފުށި ނަމަކަށް ކިޔާ ލޯންޗެއްގައެވެ. އެ ލޯންޗުން ސައާ ވާހަކަ ދެއްކި މީހަކު ބުނީ، އެކްސިޑެންޓު ހިނގުމުން ލޯންޗުގައި ތިބި ބަޔަކު އެމީހުންނަށް ގުޅުމުން ކ. ގުޅިއަށް ގޮސް ގުޅީގައި ތިބި ފުލުހުން ނަގައިގެން އެސަރަހައްދަށް ދިޔަ ލޯނަޗުގައި ދިޔައީ ކަމަށެވެ. އަދި މިރޭ ނިޔާވި މީހާ އެމީހުން އެސަރަހައްދަށް ދިޔަ އިރުވެސް ހާލުދެރަ ކަމަށާއި އޭނާ ނެގީ ކަނޑުގައި އޮއްވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މާލެ އަތޮޅު ގުޅިއާ ހަ މޭލު ބޭރުން ދެ ލޯންޗެއް އެކްސިޑެންޓް ވެގެން އުޅޭ ކަމަށެވެ. އެހާދިސާގައި ގެއްލުނީ ދިވެއްސެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކްސިޑެންޓް ހިނގީ އިތާފުށި ތިނެއް އަދި އިތާފުށި ފަހެއް ނަމަކަށް ކިޔާ ދެ ލޯންޗް ޖެހިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް