ފަހު ވަގުތު ރޮނާލްޑޯ ރެއާލް ސަލާމަތް ކޮށްދީފި

ރެއާލްއާއި އެތުލެޓިކޯ ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ ބިލްބާއޯ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެ އެވެ.

މެޗުގެ ކުރީ ކޮޅުގައި އެތުލެޓިކޯ ބިލްބާއޯއިން ގޯލް ޖަހައިފައިވަނިކޮށް، ރެއާލްއަށް ފަހުވަގުތު ގޯލް ޖަހައި އެއްވަރުކޮށްދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިދިޔަ ހަފްތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ވެސް، އެގްރިގޭޓް ނަތީޖާ އެއްވަރުވާން ދަނިކޮށް، ފަހު މިނެޓް ރެއާލް ސަލާމަތްކޮށްދިނީ ރޮނާލްޑޯގެ ގޯލަކާ އެކުގަ އެވެ.

ރޭގެ މެޗަކީ ލަލީގާގެ ގަދަ ހަތަރެއް ހޯދުމަށް ރެއާލްއަށް މުހިއްމު މެޗަކަށް ވެފައި އޮތް އިރު، ރެއާލްއަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލާށެވެ. ލީގުގައި ރެއާލްއަށް ބާކީ ފަސް މެޗު އޮތް އިރު، 33 މެޗުން އެޓީމަށް ލެބެނީ 68 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާ ރޭ ކުޅުނު މެޗުން ބަލިވެފައިވާ އިރު، 33 މެޗުން އެޓީމަށް ލިބެނީ 65 ޕޮއިންޓެވެ.

ރޭގެ މެޗުގެ ކުރީ ކޮޅުގައި އެތުލެޓިކޯ ބިލްބާއޯއަށް ލީޑު ނަގައިދިނީ ވިލިއަމްސް އެވެ. މެޗުގައި ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވާ އިރު، ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ.

ރެއާލްއާއި އެތުލެޓިކޯ ބިލްބާއޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/އޭޕީ

މެޗުގެ 87 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ގޯލަކީ، ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ދުރުން ފޮނުވާލި ބާރު ހަމަލާގެ ފައިގައި ޖައްސައި މިސްރާބު ބަދަލުކޮށްލައިގެން ވައްދާލި ގޯލެކެވެ.

ރޮނާލްޑޯ ވަނީ ލީގުގައި ކުޅުނު 16 މެޗުން 26 ގޯލް ޖަހައިފަ އެވެ. ރޭގެ މެޗުގައި ޖެހި ގޯލަކީ މި ސީޒަންގައި އޭނާ ޖެހި 42 ވަނަ ގޯލެ އެވެ.

comment ކޮމެންޓް