"ރަނގަޅު ފޯމެއްގައި ވޯލްޑް ކަޕަށް ދެވޭނެ، އެވަރަށް މަސައްކަތް ކުރާނަން"

ބްރެޒިލްގެ ތަރި ނޭމާ --- ފޮޓޯ/ އޭޕީ

ކުރިން ހުރި ފޯމުގައި ވޯލްޑް ކަޕަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެވަރަށް މަސައްކަތްކުރަން ތައްޔާރު ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

މިދިޔަ ފެބްރުއަރީ މަހު 25 ވަނަ ދުވަހު ޕީއެސްޖީއަށް ކުޅެނިކޮށް ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ހަދައިފައެވެ. ނޭމާގެ ސާޖަރީ ހެދި ބްރެޒިލްގެ ޑޮކްޓަރު ބުނެފައިވަނީ ޖޫން މަހު އޮންނަ ވޯލްޑް ކަޕަށް ނޭމާ ފިޓްވާނެ ކަމަށެވެ.

ނޭމާގެ ރިކަވަރީއާ ގުޅިގެން ސައުޕާލޯގައި ބޭއްވި ޕްރެސްއެއްގައި ނޭމާ ބުނެފައިވަނީ ރަނގަޅު ފޯމެއްގައި ވޯލްޑް ކަޕަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"ވޯލްޑް ކަޕަށް ރަނގަޅު ފޯމެއްގައި ދިއުމުގެ އުންމީދު އެބައޮތް. އިއްޔެ އަހަރެންގެ ފައިނަލް ޓެސްތައް ހަދައިފިން. ނަތީޖާ ލިބުމާއެކު ކުޅުމަށް ހުއްދަ ލިބޭނެ،" ނޭމާ ބުންޏެވެ.

ނޭމާ ބުނެފައިވަނީ މިދިޔަ ހަފްތާގައިވެސް އޭނާ ސްކޭންތައް ހެދި ކަމަށާއި، ނަތީޖާ ދައްކަނީ ރަނގަޅަށް ކަމަށެވެ.

ނޭމާ ބުނެފައިވަނީ މިހާރު ކޮންމެ ދުވަހަކު ފިޒިއޯގެ ކަންކަން ކުރިއަށްގެންދާ ކަމަށާއި، ފަރިތަކުރުންތަކަށް ނުކުމެވުމާއެކު ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެންގެ ފިޒިއޯގެ ޓްރީޓްމަންޓުތައް ކޮންމެ ދުވަހަކު ކުރިއަށްދޭ. ފަރިތަކުރުންތަކަށް ނުކުމެވުމާއެކު ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރާނަން. އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެން ވޯލްޑް ކަޕަކީ. ހަތަރު އަހަރު މަޑުކުރިން ވޯލްޑް ކަޕަށް. އެހެންވީމަ ވޯލްޑް ކަޕަށް ދާނީ އެންމެ ފިޓް ވެގެން،" ނޭމާ ބުންޏެވެ.

ނޭމާ މިހާރުވެސް އަންނަނީ ސާޖަރީން ރިކަވާވުމުގެ މަސައްކަތް ކުރަމުން --- ފޮޓޯ/ އޭޕީ

ނޭމާ ބުނީ ސާޖަރީގެ ސަބަބުން އެނބުރި ދަނޑު މައްޗަށް ނުކުންނަން އޭނާވެސް ކޮންމެވެސް ވަރަކަށް ޖެހިލުންވި ކަމަށާއި، އެހެން ނަމަވެސް އެއްކޮށް ރިކަވާ ވާން ވަގުތު އެބައޮތް ކަމަށެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަންގައި ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އުމުރުން 26 އަހަރުގެ ނޭމާ ވަނީ މިސީޒަންގެ ކުރީކޮޅުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އަނިޔާވުމުގެ ކުރިން އޭނާ ވަނީ ޕީއެސްޖީއަށް 25 ގޯލް ޖަހައި، 16 އެސިސްޓް ހަދައިދީފައެވެ.

ބްރެޒިލުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން 17 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް