ރަޝިއާ މީހުންނަށް ޓެލެގްރާމު ބޭނުން ނުކުރެވޭނެގޮތް ހަދަން ބޮޑެތި ފިޔަވަޅުތަކެއް

މެސެޖިން އެޕްލިކޭޝަން ޓެލެގްރާމް ރަޝިއާ ގައި ބްލޮކް ކުރަން އެގައުމުގެ ކޯޓަކުން އަމުރުކުރީ މިދިޔަ ހަފްތާގައެވެ. ހުރިހާވެސް މައްސަލައަކީ މެސެޖް ސްކްރެމްބްލް ކުރާ އެންކްރިޕްޝަން ކީސް ހޭންޑް އޯވާކުރަން ޓެލެގްރާމުން ދެކޮޅު ހެދުމެވެ.

ޓެލެގްރާމު ބޭނުންކުރާ ރަޝިއާގެ މީހުންނަށް ދަތިކުރަން ރަޝިއާގެ ޓެލެކޮމިއުނިކޭޝަންގެ ކަންތައް ރެގިއުލޭޓުކުރާ ވުޒާރާއިން އަނެއްކާވެސް މިވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ގޫގުލް އާއި އެމެޒޯންގެ އައިޕީ އެޑްރެސްތައް މިހާރު ވަނީ ބްލޮކް ކޮށްފައެވެ. ގޫގުލް އާއި އެމެޒޯންގެ އައިޕީ އެޑްރެސްތައް ރަޝިއާގައި ބްލޮކްކުރީ އެ އައިޕީ އެޑްރެސް ތަކަކީ ޓެލެގްރާމުން ބޭނުންކުރާ އައިޕީ އެޑްރެސް ތަކަކަށް ވާތީ ކަމަށް ހަބަރުތައް ބުނެއެވެ.

މީގެ އިތުރުން އެމެޒޯންއާއި ގޫގުލްއަށް ނިސްބަތްވާ އިތުރު 18 ސަބް އައިޕީ އެޑްރެސް އެއްވެސް ރަޝިއާގައި ވަނީ ބްލޮކް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން ގޫގުލް އަދި އެމެޒޯން އިން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ހަބަރުތައް ބުނާ ގޮތުން ގޫގުލް ޕްލޭސްޓޯ އަދި އެޕަލްގެ އެޕް ސްޓޯ އިންވެސް ޓެލެގްރާމް ނަގައިދޭން ރަަޝިއާއިން ވަނީ އެދިފައެވެ.

އެންކްރިޕްޝަން ކީސް ބޭނުން ކުރާނީ، ޓެލެގްރާމް މެދުވެރިކޮށް ކުރާ މެސެޖުތައް ބަލައި، ރަޝިއާއަށް އަމާޒުވެދާނެ ޓެރަރިސްޓު ހަމަލާ އަކުން ސަލާމަތްވުމަށް ކަމަށް ރަޝިއާގެ ސެކިއުރިޓީ އެޖެންސީ އެފް އެސް ބީ އިން ވަނީ ބުނެފައެވެ.

ޓެލެގްރާމުން ބުނީ އެންކްރިޕްޝަން ކީސް ހޯދަން ރަޝިއާ ސަރުކާރުން އެކުންފުންޏާ ދެކޮޅަށް ކުރި ދައުވާ އަކީ ގާނޫނީ ގޮތުން އަދި ޓެކްނިކަލް ގޮތުން ބެލި ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް