ޒުވާނުން އިލްމާ ހިލްމު ބޭނުންކޮށް، ގައުމަށް ފައިދާވާ ކަންކަމުގައި ޝާމިލްވާން ޖެހޭ: އަޒްލީން

ހޯމް މިނިސްޓަރު އަހުމަދު އަޒުލީން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ޒުވާނުންގެ އިލްމާ ހިލްމު ބޭނުންކޮށް ގައުމަށް ފައިދާވާ ކަންކަމުގައި ޝާމިލްވާން ޖެހޭކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ގައިގަ ވަރުހުރި ޒުވާނުން މިއަދުވެސް ގައުމުގެ ހައްގުގައި ކުޅިވަރުގެ ރޮނގުންނާއި، ތައުލީމީ ރޮނގުންނާއި، އަދި އެ ނޫންވެސް ރޮނގުތަކުން، އިލްމާއި ހުނަރު ބޭނުންކޮށް، ކަންކަމުގައި ޝާމިލް ވުމަކީ ކުރަންޖެހޭނެ ކަމެއްކަމަށެވެ.

"މާލީ ގޮތުން ތަނަވަސް އަފުރާދުން ގައުމަށް ފައިދާ ހުރި ކަންކަމަށް ހޭދަ ކުރަން ޖެހޭނެ. އަދި އިލްމީ ގާބިލްކަން ހުރި އަފުރާދުން ގައުމު ކުރިއަރުވައި ތަމައްދުންކޮށް ތަހުޒީބު ކުރުމަށްޓަކައި ސިކުނޑި ތަކުގެ ބޭނުން ކުރަން ޖެހޭނެ،" އަޒްލީން ވިދާޅުވިއެވެ.

ގައުމުތަކަށް ތަރައްގީއާއި ތަމައްދުން ލިބިގެން އަންނަނީ ގައުމުތަކުގައި އޮންނަ އަމާންކަމާއި އޮމާންކަމުގެ ތެރެއިންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަކި ބައެއްގެ ނާޖާއިޒް ބޭނުންތައް ފުއްދައި ދިނުމަށް ރައްޔިތުން އިޖާބަދީގެން ނުވާނެ ކަމަށާއި ކޮންމެ ރައްޔިތަކުވެސް ވިސްނަން ޖެހޭނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތަށް ކަމަށް އަޒްލީން ވިދާޅުވިއެވެ.

ކޮންމެ ދިވެއްސަކުވެސް މޮޓޯއެއް ކަމުގައި ހަދަންވާނީ "އަންނާނެ ތީރަކަށް ބިރުން ފިލާދާނެ މީހަކަށް ނުވުމަށް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެފަދަ މޮޓޯއެއް ހިޔާރު ކުރެވޭނީ ހުއްބުލް ވަތަންގެ ލޯބި އޮވެގެން ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

"މިފަދަ މޮޓޯއެއް ހިޔާރު ކުރެވޭނީ ހިތުގައި ހުއްބުލް ވަތަންގެ ލޯބި އޮވެގެން. މީހަކު ބުނީތީވެ ބުނިހާ ގޮތަކަށް ކަމެއްކުރަން ތިމާގެ ހަވާނަފްސަށް ތަބާވެގެން ތިމާގެ ވިސްނުން ދޫކޮށްލައިފި އެއްވެސް މީހަކަށް މިކަމުގައި ކުރިއަރާދެވޭކަށް ނޯންނާނެ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އެންމެ ހިތާމަ ކުރަންޖެހޭ ކަމަކީ ދިވެހިންގެ، އިރަކު ފަހުރުވެރިވި ބައެއް އާދަތައް ނެތިގެންދާތަން ފެންނާތީކަމަށް އަޒްލީން ވިދާޅުވިއެވެ. އަދި އެފަދަ އާދަތަކަކީ އެއްބައިވަންތަކަމުގެ ހެކިތައް ކަމަށާއި އެއްބައިވަންތަކަމާ ނުލައި ހުއްބުލް ވަތަންގެ ލޯބި އާލާ ނުވާނަމަ ގައުމިއްޔަތުގެ ރުކުންތަކާމެދު ވިސްނުމުގެ މުހިއްމުކަން އިހްސާސް ނުވާނެ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް