އެކެއް ފެބްރުއަރީގައި ރައީސް އަމަލުކުރެއްވީ އިންޑިއާގެ މިނިވަންކަމަށް މަހަތުމާ ގާންދީ އަމަލުކުރެއްވި ފަދައިން: ޑިފެންސް މިނިސްޓަރު

އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ކަނޑުގެ ފްލީޓަށް އިތުރުވި ފާސްޓް އިންޓަސެޕްޝަން ކްރާފްޓްގެ އުޅަނދުތައް ހިދުމަތައް ނެރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަފްރާހް

އެކެއް ފެބްރުއަރީގައި ރައީސް ޔާމީން އަމަލު ކުރެއްވީ އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް މަހަތުމާ ގާންދީ އަމަލު ކުރެއްވި ފަދައިން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަމުން، އާދަމް ޝަރީފް ވިދާޅުވީ، އެކެއް ފެބްރުއަރީގައި ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި ރައީސް ޔާމީން އަމަލުފުޅުކުރެއްވީ ބޮޑު ތަކުރުފާނާއި މަހަތުމާ ގާންދީ މަސައްކަތްކުރެއްވި ފަދައިން ކަމަށެވެ.

" މަދު ބޭފުޅުންކޮޅަކާ އެކު އެހެން ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދެވިއިރު އަޅުގަނޑުމެންނަށް ފެނުނީ ރައީސް ވަރަށް ސާބިތުކަމާ އެކު އެކި ކަންކަމަށް ފިކުރު ގެންގުޅުއްވަމުން، އެހާލަތުގައި ނަންގަވަންޖެހޭ އެންމެ ރަނގަޅު ނިންމެވުންތައް އެންމެ ރަނގަޅު ހުށަހެޅުއްވުންތައް ހުށަހަޅުއްވަމުން މައްސަލައަށް ފައިސަލާ ކުރައްވަމުން ގެންދެވިތަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުވަގުތުގައި ރައީސް ބޭނުން ކުރެއްވީ އުތުރު ގަޑުބަޑުގައި އޭރު ގައުމުގެ ވެރިން އަމަލު ކުރެއްވިފަދަ ހިކުމަތްތެރި ގޮތަށް ކަމަށެވެ.

"ވަގުތު ހޯއްދަވައި ހިކުމަތްތެރިކަމާ އެކީގައި ކަން ވާނުވާގޮތް ބައްލަވައި މިކަމުގައި ޝާމިލުވާ ހުރިހާ ބޭފުޅުންނާއި މުއާމަލާތް ކުރައްވައިގެން ބެއްލެވީ މިގައުމުގައި އުފެދިފައި އޮތް ސިޔާސީ ހަލަބޮލިކަން ރަނގަޅު މަގަށް ގެނެސް ހަމަ މަގަށް އެޅުވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބާޣީންނަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވަކި ފަރާތަކަށްވީތީ ހައްގު އަދަބު ނުދީ ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނާއި ގަވައިދުގެ ތެރެއިން އެ ފަރާތްތަކަށް އަދަބު ލިބޭނެކަން ޔަގީން ކުރައްވާ ކަމަށެވެ.

comment ކޮމެންޓް