18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެމްޕީއެލް ހޯދައިފި

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެމްޕީއެލްއާއި ޕޮލިސް ކްލަބު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނެލްޓީ ޖަހައިގެން 3-2އިން ކާމިޔާބުކުރީ އެމްޕީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހޯދައިފިއެވެ.

އެމްޕީއެލް ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޕެނެލްޓީ ޖަހައިގެން ޕޮލިސް ކްލަބު ބަލިކޮށްގެންނެވެ.

މިރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން ދެޓީމުވެސް އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި އެމްޕީއެލްއިން ޕޮލިސް ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެމްޕީއެލްއާއި ޕޮލިސް ކްލަބު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނެލްޓީ ޖަހައިގެން 3-2އިން ކާމިޔާބުކުރީ އެމްޕީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ އެމްޕީއެލްއިންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެމްޕީއެލްއަށް ގޯލް ޖަހައިދިނީ އައިމިނަތު ޝާމިލާއެވެ.

ޝާމިލާގެ ގޯލާއެކު އެމްޕީއެލްއިން ލީޑު ނެގުމާއެކު ޕޮލިސް ކްލަބުން ވަނީ އެޓޭކް އިތުރަށް ވަރުގަދަ ކޮށްފައެވެ. ހާއްސަ އެޓީމުގެ ނޭޕާލް ދެ ކުޅުންތެރިން ކަމަށްވާ ސަބިތްރާ ބަންޑާރީ އަދި އަނީޓާ ބަސްނަޓުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވާ އިރު، އެމްޕީއެލްގެ އީރާން ގޯލް ކީޕަރު އަޒާމް އަޚޯންޑީ އަބާޗީ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.

ހާފް ނިމުމުގެ ކުރިން ޕޮލިހުން ނަތީޖާ ހަމަހަމަ ކޮށްފައިވާ އިރު، އެޓީމުގެ ގޯލް ޖަހައިދިނީ އަނީތާއެވެ.

ފުރަތަމަ ހާފް 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ދެވަނަ ހާފްވެސް ފެނިގެން ދިޔައީ ހަމަލާތައް ގިނަ ހާފެއްގެ ގޮތުގައެވެ.

އެގޮތުން އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރާއި އީރާން ކުޅުންތެރިޔާ ސެޔެދެހްޒާރާ އަހުމަދޭޒާދަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ޕޮލިސް ކްލަބުގެ ފަރާތުންވެސް ހަމަލާތައް ފެނިފައިވެއެވެ. ހާއްސަކޮށް ސަބިތްރާ ބަންޑާރީ ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ޖިހި ޕެނެލްޓީގައި އެމްޕީއެލްއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ޖޫޒާންގެ އިތުރުން ސެޔެދެހްޒާރާ އަދި މަރިޔަމް ރިފާއެވެ. ޕޮލިސް ކްލަބުން ސަބިތްރާ އަދި އަނީތާ ޖެހި ޕެނެލްޓީ ކާމިޔާބުކުރި ނަމަވެސް ސަންފަ އިބްރާހީމް ޖެހި ޕެނެލްޓީ އެމްޕީއެލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެމްޕީއެލްއާއި ޕޮލިސް ކްލަބު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނެލްޓީ ޖަހައިގެން 3-2އިން ކާމިޔާބުކުރީ އެމްޕީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭގެ ފައިނަލް މެޗުގެ ދެވަނަ ހާފްގައި ޕޮލިސް ކްލަބުގެ ކެޕްޓަން ފަދުވާ ޒާހިރަށް އަނިޔާވުމުން، މެޗުގެ ފަހު ފަސް މިނެޓުގައި އޭނާ ކުޅެފައެއް ނުވެއެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ގްރޭޓާ މާލޭ ރީޖަން އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފެވެ. އޭނާއާއެކު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

މުބާރާތުގެ އެކިއެކި މަގާމުތައް:

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ - އައިމިނަތު ޝާމިލާ/ އެމްޕީއެލް

ފެއާ ޕްލޭ ކުޅުންތެރިޔާ - ޝަހުލާ ތައުފީގް/ ފެނަކަ

ފެއާ ޕްލޭ ޓީމް - ޕޮލިސް ކްލަބު

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ - ސަބިތްރާ ބަންޑާރީ

އުންމީދީ ކުޅުންތެރިޔާ - ފިރުޝާނާ ނަސީރު (ފިނާ)

އެންމެ މޮޅު ކޯޗު - އަހުމަދު ވިސާލް (އަންދު)/ އެމްޕީއެލް

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

އައިމިނަތު ޝާމިލާ/ އެމްޕީއެލް

ފާތިމަތު ސާލިޔާ/ އެމްޕީއެލް

ސަބިތްރާ ބަންޑާރީ/ ޕޮލިސް ކްލަބު

ފަދުވާ ޒާހިރު/ ޕޮލިސް ކްލަބު

އަޒާމް އަޚޯންޑީ އަބާޗީ (ގޯލްކީޕަރު)/ އެމްޕީއެލް

18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެމްޕީއެލްއާއި ޕޮލިސް ކްލަބު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޕެނެލްޓީ ޖަހައިގެން 3-2އިން ކާމިޔާބުކުރީ އެމްޕީއެލް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕޮލިސް ކްލަބުގެ ސަބިތްރާއެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެއެވެ. މާދަމާ ރޭ 8:30ގައި އޮންނަ މެޗުގައި ވާދަކުރާނީ ތިލަފުށީ ކޯޕަރޭޝަނާއި މޯލްޑިވިއަންއެވެ.

comment ކޮމެންޓް