ވިލާތު މާކެޓު ވަރަށް ބޮޑަށް ކުރިއަރައި، މާޗު މަހު ޓޫރިސްޓުން އިތުރުވެއްޖެ

2016 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 500،000 ވަނައަށް ރާއްޖެއަށް އައި ފަތުރުވެރިޔާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ މާޗު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ފާއިތުވި އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 18 ޕަސަންޓު އިތުރުވެއްޖެއެވެ.

ރާއްޖޭގައި ފެބްރުއަރީ މަހުން ފެށިގެން ހިނގަމުން ދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ގިނަ ބަޔަކު ހީކުރަމުން ދިޔައީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުން ދަނެ ކަމަށެވެ.

އެހެން ނަމަވެސް އެ މަހުން ފެށިގެން ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިއަހަރުގެ މާޗު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 133،466 އެވެ. މިދިޔަ އަހަރުގެ މާޗު މަހު ފަތުރުވެރިންގެ އަދަދަކީ 112،665 އެވެ.

ފަތުރުވެރިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ވިލާތުންނެވެ. ޔޫރަޕު މާކެޓުން މާޗު މަހު އައި ފަތުރުވެރިންގެ އަދަދަކީ 82،383 އެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅަ ބަލާއިރު 33 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 61،927 އެވެ.

މާޗު މަހު ފަތުރުވެރިން އެންމެ ގިނައިން އައީ ޖަރުމަނުންނެވެ. ޖަރުމަނުން 14،692 ފަތުރުވެރިން ރާއްޖެ އައި އިރު، މިދިޔަ އަހަރުގެ މާޗު މަހާ އަޅަ ބަލާއިރު ވަނީ 43.8 ޕަސަންޓު އިތުރުވެފައެވެ. ދެވަނައަށް އެންމެ ގިނައިން އައީ ޗައިނާ ފަތުރުވެރިންނެވެ. އެއީ 13،203 ފަތުރުވެރިންނެވެ. ޗައިނާ މާކެޓު ވަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 27 ޕަސަންޓު ދަށްވެފައެވެ.

ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އއީ އިޓަލީ، އިނގިރޭސިވިލާތް، ރަޝިއާ އަދި އިންޑިއާއިންނެވެ.

comment ކޮމެންޓް