ވަކީލު ބައްދަލުވުން ރޭގަނޑަށް ހަމަޖައްސާތީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި

މިއަދު ކަރެކްޝަނުން ނުކުމެ ވަކީލުން މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ޓްވިޓާ

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާފުށީގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ވަކީލު ބައްދަލުވުން ރޭ ގަނޑުގެ ގަޑިތަކަށް ހަމަޖައްސާތީ އެކަމާ ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާފުށީ ޖަލުގައި ތިބޭ ބައެއް ކުށްވެރިންނަށް ރޭގަނޑު ހަތެއް ޖަހާއިރު އަދި 10 ޖަހާއިރަށް ވެސް ވަކީލު ބައްދަލުވުން ހަމަޖައްސާ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.

ކަރެކްޝަނަލް ސާވިސްއަށް ޝަކުވާ ހުށަހެޅުމަށް ވަޑައިގަތުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ރޭގަނޑަށް ވަކީލު ބައްދަލުވުން ހަމަޖައްސަނީ ވަކީލުންނަށް ދަތި ކުރުމަށް ކަމަށެވެ.

"މި ދައްކަނީ މިތާ ކައިރި އޮންނަ ތަނެއްގެ ވާހަކައެއް ނޫން. ނޫނީ މާލޭގައި ހުންނަ ތަނެއްގެ ވާހަކައެއް ނޫން. ކޮންމެހެން މުހިންމު ކަމެއް ދިމާވެގެން ނޫނީ ރޭގަނޑަށް އާންމުކޮށް މިދޭ ވަކީލު ބައްދަލުވުން ހަމަޖައްސާތީ ކަންބޮޑުވޭ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ރޭގަނޑަށް ވަކީލު ބައްދަލުވުން ހަމަޖައްސާތީ ވަކީލުން ކަންބޮޑުވުން ފާޅު ކުރުމުން ކަރެކްޝަނަލް ސާވިސްއަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ހަތަރެއްގެ ފަހުން ނޫނީ ތިނެއްގެ ފަހުން ލިޔެކިޔުންތައް ވެސް ބަލައި ނުގަންނަ ކަމަށާއި އެހެންވީމާ އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ބަހެއް ހޯދާލުމަށް ކަރެކްޝަނަލް ސާވިސްއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ވަކީލުންގެ އިތުރު ކަންބޮޑުވުންތަކެއް ވެސް މިއަދު ވަނީ ފާޅުކޮށްފަ އެވެ. އެގޮތުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުންގެ ހުއްދަ ނެތި އެމީހުންގެ ބޯ ބާލާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ހިސާން ވިދާޅުވީ ހުއްދަނެތި ބޯ ބޭލުމާއި ބޯ ކޮށުމަކީ ރާއްޖޭގެ ގާނޫނުތަކުން ވެސް އިސްލާމީ ޝަރީއާއިން ވެސް މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

"އެއީ އިންސާނިއްޔަތާ ހިލާފަށް ކޮށްފައިވާ ކަމެއް،" ހިސާން ވިދާޅުވި އެވެ.

މިއަދު ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލުކުރުމަށް ވަކީލުން ކަރެކްޝަނަލް ސާވިސްގެ އޮފީހަށް ދިޔަ ނަމަވެސް ބައްދަލުވެފައެއް ނުވެ އެވެ. ހިސާން ވިދާޅުވީ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެތަނުން ބުނެފައިވާ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔަކާ ބައްދަލު ކުރަން ބޭނުންވާ ނަމަ އެޕޮއިންޓްމެންޓް ފޯމެއް ހުށަހަޅަން ޖެހޭ ގޮތަށް އުސޫލެއް އޮންނަނީ ކަޑައަޅާފަ އެވެ. އަދި ބައްދަލު ކުރަނީ ފޯމު ހުށަހަޅާ އުސޫލުން ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް