ސުޒޭންގެ ހިތްދަތި ކޮށްލީ ޑިފެންސް، އޮސްކާގެ ޓާގެޓް ލީގު ހޯދުމަށް!

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އިއްޔެ ވާދަކުރި މެޗު ނިއުއިން ކާމިޔާބުކުރީ 6-1ގެ ނަތީޖާއަކުންނެވެ.

މެޗުން މޮޅުވެ ނިއު ވަނީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ލީގު ތާވަލުގެ ހަތް ވަނައިގައި އޮތް ގްރީންއަށް ކުރިމަތިވި ހިތްދަތި ކަމަކީ ބަލިވި އިރު، ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމެވެ.

"ނިއުރޭޑިއަންޓް އެހާ ވަރުގަދަކޮށް، އޯގަނައިޒްކޮށް ކުޅެމުންއައި އިރު ގްރީންގެ ޑިފެންސުން މިއަދު ފެނިގެން މިދިޔައީ ވަރަށް އާދައިގެ ޕްރައިމަރީ ލެވެލް ގޯސްތަކެއް ހެދިތަން. ހަމަ ތަކުރާރުކޮށް އެތައް ފަހަރު. ކުރިން ފެންނާނެ 'ސަންޑޭ މޯނިން ޕާކް ޕްލޭއާ'، އޮފްސައިޑް ވޭތޯ ބަލަން އަތް ނަގައިގެން ތިބޭނީ. އެކަހަލަ ގޮތަކަށް ޑިފެންސް ތެރެއިން ވަރަށް އާދައިގެ އެއްޗެހިތަކެއް ގެއްލިގެން މިދިޔައީ. އޭގެ ސަބަބުން ޓީމުގެ ކޮންފިޑެންސް ގެއްލިގެން ދިޔައީ،" އިއްޔެގެ މެޗާ ގުޅިގެން ގްރީންގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ތަފާތު ބޮޑުކޮށް ބަލިވުމުން ކުރިއަށް ހުރި މެޗުތަކަށް ޓީމުގެ ކޮންފިޑެންސަށް އަސަރު ކޮށްފާނެ ކަމަށެވެ.

"މިއީ ކޮންފިޑެންސަށް އަސަރު ކޮށްފާނެ ސްކޯއެއް. ވަރަށް ބޮޑު ތަފާތެއް މިއައީ. އެކަމަކު ދެން އޮތް ވެލެންސިއާ މެޗަށް ނުކުންނަ އިރު، ކާޑެއްވެސް އިންޖަރީއެއްވެސް ނެތުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް،" ސުޒޭން ބުންޏެވެ.

އިއްޔެގެ މެޗުގައި ގްރީންގް ފުރަތަމަ 11ގައި އާއްމުކޮށް ހިމެނޭ ޑިފެންޑަރު މުހައްމަދު ސާއިފް އަދި މިޑްފީލްޑަރު ސޮބުލް އިލިއާވެސް ސަސްޕެންޝަންގެ ސަބަބުން ނުކުޅެއެވެ. މާލޭ ލީގުގައި އަންނަ ހަފްތާގައި ގްރީން ނުކުންނަން ޖެހޭނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ.

ނިއު ރޭޑިއަންޓްގެ ފަރާތުން އިއްޔެގެ މެޗުގައި ވަރުގަދަ ކުޅުމެއް ފެނިފައިވާ އިރު، މެޗަށްފަހު ކޯޗު އޮސްކާ ބުރުޒޮން ބުނީ ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ޓީމުގެ ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ. އަހަރެން ބުނިން ފުޓުބޯޅައިގައި ހުރިހާ މެޗަކުން މޮޅުވުމަކީ އުނދަގޫ ކަމެކޭ. ހުރިހާ ކަމެއް ރަނގަޅަށް ކުރި ނަމަވެސް ބައެއް މެޗުތަކުން ބަލިވާނެ. އެންމެފަހުން ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެތަން ފެނުނީ. އަހަރެންގެ ޓީމަކީ މެންޓާލިޓީ ވަރަށް ރަނގަޅު ޓީމެއް. އެހެންވެ މި ނަތީޖާ ނެރެވުނީ،" އޮސްކާ ބުންޏެވެ.

އޮސްކާ އިތުރަށް ބުނީ މިދިޔަ އަހަރު އެޓީމަށް ނުލިބި އޮތް ހަމައެކަނި ތަށްޓަކީ މާލޭ ލީގުގެ ތަށި ކަމަށާއި، އެ ތަށި ހޯދަން މި ސީޒަންގައި މަސައްކަތް ކުރާނެ ކަމަށެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކުރާނަން މާލޭ ލީގުވެސް ނަގަން. މިއީ މިދިޔަ ސީޒަންގައި އަހަރެމެންނަށް ނުހޯދުނު ތަށި. އަދި އޭއެފްސީ ކަޕުގައި ކޮލިފައިވުމަށްވެސް މަސައްކަތް ކުރާނަން،" އޮސްކާ ބުންޏެވެ.

މާލޭ ލީގުގައި ނިއު ދެން ނުކުންނަން ޖެހޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗަށްފަހު ނިއުއިން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ނުކުންނާނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް