އިންވެސްޓްމެންޓުތަކާ ބެހޭ ކުންފުނީ ޗެއާމަނަކަށް ޖަލީލު، އެމްޑީއަކަށް ފަޒީލް

އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީގެ ޗެއާމަން މުހައްމަދު ޖަލީލް (ކ) އަދި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ފަޒީލް (ވ) ---

ރާއްޖޭގެ އިންވެސްޓްމެންޓްތަކާ ބެހޭ ޚާއްސަ ކުންފުނި، "ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ" ގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޝަނަލް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް ރަޖިސްޓްރީ ކުރެވުނީ މިއަދު ކަމަށެވެ.

މި ކުންފުނީގެ ބޯޑުގެ ޗެއާމަނަކަށް އައްޔަނު ކުރައްވާފައިވަނީ ގ. ކާނިހިޔާ މުހައްމަދު ޖަލީލެވެ. އޭނާއަކީ މީގެ ކުރިން ފިނޭންސް މިނިސްޓަރުކަމާއި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2014 ވަނަ އަހަރު ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒާ ޓު ދަ މިނިސްޓަރގެ މަގާމަށްވެސް ޖަލީލް ވަނީ އައްޔަނު ކުރައްވާފައެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ގުޅީފަޅު އިންވެސްޓްމަންޓް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ގ. ސުހުރާ އަބްދުﷲ ފަޒީލެއެވެ. ފަޒީލްއަކީ މީގެ ކުރިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ޗެއާމަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ކުންފުންޏަށް އިތުރު ދެ ޑިރެކްޓަރަކު ވަނީ އައްޔަނު ކުރައްވައިފައެވެ. އެއީ ހ. އޯސިސްވިއު ރުޝާހާ އަހުމަދު ޝަރީފްއާއި ގ. ބުލްބުލާވިލާ އައިމިނަތު ނަދާ ހުސައިންއެވެ.

މީގެ އިތުރުން މި ކުންފުންޏަށް ލަފާ ދޭނެ ކޮމެޓީއެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަނު ކުރައްވައިފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސް މުހައްމަދު ލުވެއިޒެވެ. ލުވެއިޒް އަކީ ބީއެމްއެލްގެ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފެއްދެވި ނޭޝަނަލް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް އަކީ ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ކުރިއާލައި ދެނެގަނެ، އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމެންޓްތަކަށް ކުރާނެ އަސަރުތައް ދެނެގަނެ، އަދި ކުރިއަށް ކުރަން ހުރި އިންވެސްޓްމެންޓްތަކަށް ގެންނަންޖެހޭ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކުންފުންޏެކެވެ.

މީގެ އިތުރުން އިންވެސްޓްމެންޓް ހިމާޔަތްކުރުމަށާއި، އިންވެސްޓްމެންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގައި އިސްލާމިކް އަދި ކޮންވެންޝަނަލް ފައިނޭންސިންގްގެ އިތުރު ޕްރޮޑަކްޓްތައް ތައާރަފުކުރަން ހިތްވަރުދީ، ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރުންވެސް މި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސްގެ ގަރާރުން އުފެއްދި މި ކުންފުންޏަކީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާއެވެ. ކުންފުނީގެ ކެޕިޓަލްއަކީ 10 ރުފިޔާގެ ފަސް ލައްކަ ހިއްސާގެ މައްޗަށް ބަހާލެވިފައިވާ ފަސް މިލިޔަން ރުފިޔާއެވެ.

comment ކޮމެންޓް