އެސްޓީއޯ މާލޭ ލީގުގައި ފަހަތުން އަރައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މާލޭ ލީގު މެޗުގައި ވެލެންސިއާގެ މައްޗަށް ވިކްޓަރީން ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލީގު ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި ވިކްޓަރީ އޮތް އިރު، ފުލުގައި އޮތް ވެލެންސިއާއަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ވެލެންސިއާއިން ލަނޑު ޖެހުމުގެ ކުރިން ވިކްޓަރީ އަދި ވެލެންސިއާއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ވިކްޓަރީގެ އަހްމަދު ނާޝިދު (ނައްޓޭ) ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ ކީޕަރު ޔުން ކޮޗީ ދިފާއުކުރި އިރު، ވެލެންސިއާގެ ބިދޭސީ ފޯވަޑް ޑްރައިގާ ސާޖީ ދިން ބޯޅަ، އަންސަރު އިބްރާހިމް (އަންކޮ)އަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
ވެލެންސިއާއިން ލީޑު ހޯދީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާޖީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫސުފް ރަމީޒް (ރަމީ) ދިން ބޯޅަ ހިފައިގެން ކީޕަރު މުހައްމަދު އިމްރާން ކައިރިން ނައްޓާލުމަށްފަހު ހުސް ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.
ވިކްޓަރީން ނަތީޖާ ހަމަހަމަކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ސައިމަން ޓިބޯރް ސޯޑަސްއެވެ. އެ ލަނޑު ޖެހުމުގެ ކުރިން ދެވަނަ ހާފުގެ ކުރީކޮޅުގައި ވެލެންސިއާގެ ސާޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ވިކްޓަރީން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު، އެޓީމުން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި ވިކްޓަރީއަށް އެ ޕަނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ އީސްޓް ޓިމޯ ފޯވަޑް ޕެޑްރޯ ހެންރީކޭއެވެ. ވިކްޓަރީއަށް އެ ޕެނަލްޓީ ލިބުނީ ވެލެންސިއާގެ އޭރިއާ ތެރެއިން އެންޖެލް ކަރަސްކޯސާ މުނޯޒަށް އިބްރާހިމް ރިޒުވާން ކުރި ފައުލަކާ ގުޅިގެންނެވެ.
ވިކްޓަރީން ލީޑު ހޯދުމާއެކު ވެލެންސިއާއިން ކުރި މަސައްކަތުގެ ތެރެއިން ތަނަވަސްކުރި ފުރުސަތުތަކުގެ ތެރޭގައި މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް ސާޖީއަށް ލިބުނު އެ ފުރުސަތުގެ ބޭނުން، އޭނާއަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.
މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކަލްބު ގްރީން ސްޓްރީޓްސްއާއި ވެލެންސިއާ ބައްދަލުކުރާ އިރު، ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީއެވެ.