ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭތޯ ނިންމޭނީ ސުޕްރީމް ކޯޓަށް، އދ.އަކަށް ނޫން: ސަރުކާރު

އދ.ގެ ޖެނެރަލް އެސެމްބްލީގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭތޯ ނުވަތަ ނޫންތޯ ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެއީ އދ.އިން ނިންމަންޖެހޭ ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

ނަޝީދަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން މިމަހުގެ ހަތަރު ވަނަ ދުވަހު ވަނީ ނިންމާފައެވެ. އަދި އެ މައްސަލައިގެ ރިޕޯޓު އދ އިން މިއަދު ވަނީ އާންމުކޮށްފައެވެ.

އެމައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ސަރުކާރުން އދ.އަށް ދީފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ނިންމި އިރު އޭން އެއްވެސް ކަމަކަށް އެކަށީގެންވާ ވަރަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަންވެސް ނުވަތަ ނޫންކަންވެސް ނިންމޭނީ ސުޕްރީމް ކޯޓަށް އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިބެގެން ކަމަށާއި އެއީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ނިންމޭނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ. ބަޔާނުގައި އެހެން ބުނީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާއާ ހަވާލާދީ އެވެ.

އެމާއްދާގައި ވާގޮތުން ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކާމެދު ހިޔާލު ތަފާތުވުމެއް އުފެދިއްޖެ ނަމަ އެކަމާ މެދު ގޮތް ނިންމާނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބައިވެރިވާ މަޖިލީހެއްގައި ސުޕްރީމް ކޯޓުން ކަމަށެވެ.

ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ހުރިހާ ހައްގުތަކެއް ދީގެން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެމައްސަލަ ތިން މަރުހަލާއިން ނިންމާފައިވާތީ ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެެވޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސަރުކާރުން ހަވާލާދީފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށެެވެ. އެމާއްދާގައި ބުނެފައިވަނީ ރައީސް ކަމަށް އިންތިހާބު ކުރާ މީހަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެއްވިފައިވާ މީހަކު ނަމަ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ އަދަބަށް މާފުދެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ މައްޗަށް 13 މާޗު 2015ގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމާއްދާގައި ބުނެފައިވާ ގޮތުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހަބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބިނާކުރަނިވި ގޮތެއްގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އދއަށް އަބަދުވެސް ރާއްޖޭން މަރުހަބާ ކިޔާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް