މަތިވެރީގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަނީ

އއ. މަތިވެރިން ހޮވާފައިވާ ޕްލާސްޓިކް ކުނިތަކެއް -- ފޮޓޯ/ އައިމިނަތު ހިދާ (ޓްވިޓާ)

އއ. މަތިވެރީގައި ޕްލާސްޓިކް ކޮތަޅާއި ފުޅި ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ފަށައިފިއެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "ސަން"އަށް ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް އެރަށަކީ އެއްގޮތަކަށްވެސް ޕްލާސްޓިކް ބޭނުން ނުކުރާ ރަށަކަށް ހެދުން ކަމަށެވެ.

އެގޮތުން ވަރުގަދަ ޕްލޭނަކާއެކު މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށްވެސް އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގެސްޓްހައުސްތަކުގައި ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ކަމަށާއި މިހާރު ބައެއް ގެސްޓް ހައުސްތަކުގައި ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ކަމަށެވެ.

"ރަށުގެ ގެތަކަށް ފޮތި ކޮތަޅު ސަޕްލައިކުރުމުގެ މަސައްކަތް މިކުރަނީ. މި މަސް ނިމެން ވާއިރަށް ގެސްޓްހައުސްތަކުގައި ޕްލާސްޓިކް ބޭނުމެއް ނުކުރާނެ. މީގެ ހަތަރު ވަރަކަށް މަސް ފަހުން ހޮޓާ، ކެފޭ ރެސްޓޯރަންޓްތަކުގައިވެސް ބޭނުމެއް ނުކުރާނެ،" އާތިފް ވިދާޅުވިއެވެ.

މިހާރު އެރަށް ސްކޫލުގައި ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ޕްލާސްޓިކަށް ރާއްޖެ ބަރޯސާވެފައި އޮތް ނަމަވެސް މަތިވެރީގެ ހުރިހާ ރައްޔިތުން ގުޅިގެން ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލާނެ ކަމަށެވެ.

"ފަތުރުވެރިންވެސް ރަށަށް ޒިޔާރަތްކޮށްފައި އެބަ ބުނޭ ދަ ރީއްޗޭ މިރަށް. މިއަށްވުރެ ސާފު ރަށަކަށް އަދި ނުދެވެޔޭ،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަށް އައިޑަލް ސީޒަންގެ ދޭއްގެ ތިއޭޓާ ރައުންޑަށްފަހު މިރަށަށް ޒިޔާރާތް ކުރާ މީހުންގެ އަދަދު އުފުލިފައިވާ ކަމަށާއި ފަތުރުވެރިންގެ އިތުރުން ދިވެހިންނަށް ވެސް މަތިވެރި މަގްބޫލު މަންޒިލަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕްލާސްޓިކަކީ އެހާ ރައްކާތެރި އެއްޗެއް ނޫން. އެއާ ދުރުވާން އެބަ މަސައްކަތް ކުރަން ޖެހޭ. ކުއްލިއަކަށް މިކަމެއް ނުހުއްޓޭނެ. އެކަމަކު އަންނަ އަހަރުގެ ނިޔަލަށް އެ ބޭނުންކުރުން އިރާދަކުރެއްވިއްޔާ ހުއްޓާނަން،"

އާތިފް ވިދާޅުވީ އެއީ ހާސިލް ނުވާ ވަރުގެ އުނދަގޫ ކަމެއް ނޫން ކަމަށާއި އޭގެ އެދެވޭ ނަތީޖާ މިހާރުވެސް ރަށު ތެރެއިން ފެންނަ ކަމަށެވެ.

comment ކޮމެންޓް