ޗައިނާގައިި ކުރިއަށްދާ ސީއޯޓީޓީއެމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޗައިނާގައިި ކުރިއަށްދާ ސީއޯޓީޓީއެމްގައި ރާއްޖެއިން ބައިވެރިވުން --- ފޮޓޯ/ އެމްއެމްޕީއާރުސީ

ޗައިނާގައިި ކުރިއަށްދާ ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓް (ސީއޯޓީޓީއެމް)ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސީސީއޯޓީއެމް ކުރިއަށްދާނީ މިއަދުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ބެއިޖިންގައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބުނީ، އެ ކޯޕަރޭޝަނާއެކު ރާއްޖޭގެ ނުވަ ކުންފުންޏަކުން 16 ބައިވެރިން އެ ފެއާގައި ބައިވެރިވާކަމަށެވެ. އަދި އެ ފެއާގައި ރާއްޖޭގެ ފަރާތުން އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ފައިސަލްއެވެ.

102 އަކަފޫޓުގެ ސްޓޭންޑެއްގައި ކުލަގަދަކޮށް ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައި ވާއިރު އެ ފެއާގައި ބައިވެރިވުމުގެ އެންމެ ބޮޑު އަމާޒަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގެ މާކެޓްގައި އިތުރަށް ޕްރޮމޯޓުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ބައްދަލުވުންތަކުގެ އިތުރުން މިއަހަރުގެ އެ ފެއާގައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދަން ނިންމާފައި ވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކާލުމާއި ދިވެހިން ލިޔެފައިވާ ކެލިގްރަފީ މޮމެންޓޯ ދިނުމާއި، ރާއްޖޭގެ ސްޓޭންޑްގައި ފޮޓޯނަގައިގެން އިނާމް ހޯދުންފަދަ ކަންކަން ކުރިއަށްދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ޗައިނާގެ އައުޓްބޮންޑް ތޫރިޒަމްއަށް ހާއްސަކޮށް ބާއްވާ އެ ފެއާ ބާއްވާތާ މިއީ 14 ވަނަ އަހަރެވެ. އަދި މިދިޔަ އަހަރު އެ ފެއާއަށް 4300 މީހުންވަނީ ޒިޔާރަތްކޮށްފައެވެ. އޭގެތެރެއިން 95 ޕަސެންޓް މީހުން މިއަހަރުގެ ފެއާއަށްވެސް ޒިޔާރަތްކުރާނެކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް