މޮނާކޯގެ މައްޗަށް ހޯދި ބޮޑު މޮޅާ އެކު ޕީއެސްޖީން ލީގު ޔަގީންކޮށްފި

ލީގު ޔަގީން ކުރުމަށް ފަހު ޕީއެސްޖީން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ފްރާންސް ލީގުގެ ދެވަނާގައި އޮތް އޭއެސް މޮނާކޯގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު ޕީއެސްޖީން ފްރާންސް ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފި އެވެ.

ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން މޮނާކޯ ބަލިކުރީ 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީގެ ލޮސެލްސޯ އަދި އެންހޭލް ޑިމަރިއާ ވެސް ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައިވާ އިރު، އެޑިސަން ކަވާނީ އަދި ޖޫލިއަން ޑްރެގްޒްލާ ވެސް ވަނީ ގޯލް ޖަހައިފަ އެވެ. މޮނާކޯގެ ކެޕްޓަން ފަލްކާއޯ އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެ އެވެ.

މޮނާކޯއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނީ ލޮޕޭޒް އެވެ.

ރޭގެ މެޗުން ހޯދި މޮޅާ އެކު ޕީއެސްޖީން ވަނީ ތާވަލުގެ އެއްވަނާގައި 17 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ލީގުގައި ބާކީ ފަސް މެޗު އޮށްވާ ޕީއެސްޖީން ލީގު ޔަގީން ކޮށްފައިވާ އިރު، މި އަހަރުގެ ފްރެންޗު ކަޕް އުފުލާލީ ވެސް ޕީއެސްޖީންނެވެ.

ބޮޑެތި ޓްރާންސްފާތަކަކާ އެކު ސީޒަނަށް ތައްޔާރުވި ޕީއެސްޖީއަށް ސީޒަންގައި ދެ ތަށި ލިބުނު ނަމަވެސް، ޔޫރަޕްގައި އެންމެ ކާމިޔާބު ސީޒަނަކަށް ނުވި އެވެ. ޗެމްޕިއަންސްް ލީގުގެ ގަދަ 16ގައި ރެއާލް މެޑްރިޑް އަތުން ބަލިވެ ޕީއެސްޖީ ކަޓައިފައިވާ އިރު، އެޓީމަށް މި ސީޒަންގައި އެންމެ އަގުބޮޑުކޮށް ގެނައި ނޭމާ އަށް ސީޒަންގެ ފަހު ކޮޅުގައި ކުޅުނު ހުރިހާ މެޗެއް ވަނީ އަނިޔާގެ ސަބަބުން ގެއްލިފަ އެވެ.

ނޭމާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހަދައިފައިވާ އިރު، އޭނާ އަންނަނީ ރިކަވަރީގެ މަސައްކަތް ކުރަމުންނެވެ. ނޭމާގެ ސާޖަރީ ހެދި ބްރެޒިލްގެ ޑޮކްޓަރު ބުނެފައި ވަނީ މި އަހަރު ޖޫން މަހުގައި އޮންނަ ވޯލްޑް ކަޕަށް ނޭމާ ފިޓްވާނެ ކަމަށެވެ.

ދެ ތައްޓާ އެކު ސީޒަން ނިންމާލި ޕީއެސްޖީގެ ކޯޗު، އުނައި އެމްރޭގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާ އިރު، ލަފާކުރެވެނީ އަންނަ ސީޒަންގައި އޭނާގެ ބަދަލުގައި ޕީއެސްޖީއަށް އާ ކޯޗެއް ގެންނާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ފްރާންސްގެ ލީގު ޗެމްޕިއަންކަން ހޯދީ މޮނާކޯއެވެ. އޭރު މޮނާކޯގައި އެންމެ ވިދާލި ކިލިއަން އެމްޕާބޭ މި ސީޒަންގައި ކުޅުނީ ޕީއެސްޖީއަށެވެ. އަދި މޮނާކޯއަށް މުހިއްމު ކުޅުމެއް ދެއްކި ޑިފެންޑަރު ބެންޖަމިން މެންޑީއާއި ބަނާޑޯ ސިލްވާ ވަނީ މި ސީޒަންގައި މެންޗެސްޓާ ސިޓީއަށް ބަދަލުވެފަ އެވެ.

comment ކޮމެންޓް