ކުޑަ ގަނޑުކޮޅެއްގައި އޮތް ބޮޑު މަޝްވަރާ، ކަޅު ފޮށީގެ ބޮޑު ސިއްރު!

ކަޅު ފޮށިން ފެނުނު ސިޓީ ކަމަށް ފުލުހުން ބުނާ ސިޓީ--

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީއެއްގެ ފޮޓޯ އިއްޔެ ފުލުހުންވަނީ އާންމުކޮށްފަ އެވެ. އަތުލިޔުމުން ލިޔެފައިވާ އެ ސިޓީގެ ދިގު މިނަކީ 10 ފޮޅުވަތެވެ. ނަމަވެސް ދައްކާފައި ހުރި ވާހަކައަށް ބަލާއިރު އެއީ އެތައް ގުނަ އަކަށް ނުރައްކާތެރިކަން ބޮޑުވެގެންވާ ސިޓީއެކެވެ.

ފުލުހުން ބުނީ އެ ސިޓީއަކީ އެންދެރިމާގެ ބަލައި ފާސްކުރަނިކޮށް އެ ގެއިން ނެރެގެން އެންދެރިގަސްގެއަށް ވެއްދި "ކަޅު ފޮށީ"ގައި ހުރި އެތައް ބައިވަރު މައުލޫމާތުތަކުގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. އެ ފޮށިން ކުރީގެ ރައީސް މައުމޫންގެ އާއިލާގެ މެމްބަރުންނާ ގުޅޭ ޒާތީ މައުލޫމާތުން ފެށިގެން ގާނޫނީ ވެރިކަން ބަދަލުކުރުމަށް ރޭވި ރޭވުންތައް ލިބިފައިވާ ކަމަށްވެ އެވެ.

މި ފޮއްޓަށް ބަލާއިރު އެ ފޮށި ގެންގުޅުނީ ވަރަށް ރައްކާތެރިކޮށްކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އެއް ގެއިން އަނެއް ގެއަށް، އެއްކާރުން އަނެއް ކާރަށް ފޮށި ބަދަލު ކުރީ ނިކަން ފަރުވާތެރިކަމާއެކު އެވެ. ކަޅު ކާރެއްގައި ފޮށި ގެންގޮސް އެހެން ކާރެއްގެ ޑިކީ ތެރެއަށް ފޮށި އެރުވި މަންޒަރު ފުލުހުންގެ ސީސީޓީވީ ކެމެރާތަކަށް އަރާފައިވެ އެވެ. ފުލުހުން ދަނީ އެ ފުޓޭޖްތައް ދިރާސާ ކުރަމުންނެވެ.

ކަޅު ފޮށީގެ ވާހަކަ މިހާ ހިސާބަށް ބާއްވާނީ އެވެ. ކުރިއަށް އޮތްތަނުގައި އެ ފޮށިން ލިބެން ހުރި ހެކިތަކުގެ މައުލޫމާތު ފުލުހުން ހާމަކުރާނެތާ އެވެ. އެރޭ ކޯޓް އަމުރު ނެރުމާ ހިސާބަށް ކަންކަން ވީގޮތާއި އެއަށް ފަހު ކަން ކުރަން ރާވާފައި އޮތް ގޮތްވެސް އެ ފޮށިން ފެނުމަކީ ދުރުކަމެއް ނޫނެވެ. އަދި އެކެއް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ މަޖިލިސް ހުޅުވައިގެން ކުރަން އުޅުނު ކަންކަމާ ގުޅޭ މައުލޫމާތު ވެސް އެ ކަޅުފޮށިން ފެނުމަކީ ހަމަ ވެދާނެ ކަމެކެވެ. ފުލުހުން ޔަގީންކޮށްދޭ ކަމަކީ އެ ފޮށީގައި މައްސަލައާ ގުޅޭ ލައްްކަ ގިނަ ހެކިހުރިކަމެވެ.

ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރުދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެންނަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ދެބަފައިންގެ ދެމެދުގައި ގަނޑުކޮޅެއް މެދުވެރިކޮށް ކުރެވުނު މަޝްވަރާއަށް ބަލާ އިރު މި ގަނޑުކޮޅު ރައީސް މައުމޫނަށް ފޮނުވާފައިވާ ދުވަސްވަރެއް ކަމަށް ބެލެވެނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފާރިޝް ބަންދުގައި ހުންނެވި ދުވަސްކޮޅު އެވެ. އާއިލާ ބައްދަލުވުންތަކަށް ފަހު މިފަދަ ގަނޑުކޮޅެއް ޖަލުން ބޭރު ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.

ފުލުހުންގެ އިސްވެރިއަކު ވިދާޅުވީ ޖަލުގައި ތިބޭ މީހުންނަށް ގަނޑާއި ގަލަމާއި ފޯރުކޮށްދިނުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެހެން ކަމަށްވާ ނަމަ ފާރިޝްއަށް ވެސް ގަނޑުކޮޅަކާއި ގަލަމެއް ލިބުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. އަދި މީގެ ދުވަސްކޮޅެއް ކުރިން ވަކީލުންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސައިންއަށް ފެނުނު ފަދަ ރެކޯޑަރެއް އޮވެދާނެ ކަމުގެ ބިރައްޓަކައި ގަނޑުކޮޅެއް ބޭނުންކޮށްގެން މުއާމަލާތް ކުރުމަކީ ވެސް ދުރުކަމެއް ނޫނެވެ. ސީދާ ސީދަލަށް އެވާހަކަ ދައްކައިފި ނަމަ އެހެން މީހަކަށް ވާހަކަތައް ލީކް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން އެންމެ ރައްކާތެރިގޮތަކީ ގަނޑުކޮޅެއްގައި މެސެޖް ޕާސް ކުރުން ކަމަށް ވެދާނެ އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކޮށް، ފުލުހުންގެ ލޯޗެއްގައި ދޫނިދޫއަށް ގެންދަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެ ގަނޑުކޮޅު ރައީސް މައުމޫންގެ އަރިހަށް ގެނެސްދެއްވީ ފާރިޝްގެ ދައްތަ ޔުމްނާ މައުމޫނެވެ. ނަމަވެސް އެ ގަނޑުކޮޅު ޔުމްނާއާ ހިސާބަށް ލިބުނު ގޮތެއް ފުލުހުން ނުބުނެ އެވެ. ނުވަތަ އޭރު ޖަލުގެ ކަންކަން ހުރި ގޮތުން އެފަދަ ގަނޑުކޮޅެއް ބޭރުވެދާނެތީ ގައުމީ ސަލާމަތަށް ޓަކައި އެވާހަކަ ނުދެއްކީ ކަމަށް ވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ސިޓީއާ ހަވާލާދީ ޝިފާން ވިދާޅުވީ، ސީޓީގައި ބަޔާންކޮށްފައި ހުރި ކަންކަމަށް ބަލާއިރު މަދު ބައެއްގެ ޒާތީ ބޭނުމެއް ހާސިލް ކުރުމަށް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ދަތިކޮށް ފައިނޭންޝަލް ކަންކަން ބޭންކްތައް މެދުވެރިކޮށް ދަތިކޮށް އަދި ދިވެހިންނަށް ވިސާ ލިބުމަށް ދަތިކޮށް ބޭރާ ގުޅުން ހުރި ކަންކަން ރައްޔިތުންނަށް ދަތިކުރުމަށް މަޝްވަރާ އަރުވާފައިވާ ކަމަށެވެ.

"މި ޑޮކިޔުމަންޓަށް ބަލާއިރު މީގެ ހުރިހާ ވެސް ބޭނުމަކީ ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުން. ދިވެހިން ބޭނުން ކުރަމުންދާ ކާޑުގެ ބާވަތްތައް ހާއްސަކޮށް، ހަނޑޫ ހަކުރު އަދި ފުށް ފަދަ ބޭސިކް ނެސެސިޓީތައް ލިބުމަށް ދަތިކޮށް. މިފަދަ ބައިވަރު ކަންކަން މަޝްވަރާ ދެއްވާފައިވާކަން ފާހަގަކޮށްލަން،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން މިފަދަ ތުހުމަތުތަކެއް ކުރާއިރު މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެކެވެ. ފުލުހުން މި މައުލޫމާތު އެ ފަރާތަށް ލިބުނު ދުވަސްކޮޅަށް ބަލާއިރު ބައެއް ގައުމުތަކުން ވިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމުގެ މައުލޫމާތު ނޫސްތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދި ދުވަސްކޮޅެކެވެ. އަދި ބޭރުގެ ފިއްތުން އިންތިހާއަށް ސަރުކާރަށް ފޯރިވެސް ދުވަސްކޮޅެކެވެ. އަދި މި ސިޓީގައި ކާޑުގެ ބާވަތްތައް ލިބުން ދަތިކުރަން ބުނެފައި ވާތީ އެކަމަކީ ވެސް ވިސްނަން ޖެހޭ ކަމެކެވެ. ކުއްލިއަކަށް ކާޑުގެ ބާވާތްތައް އަގުބޮޑުވުމާއި އެކަމާ ގުޅުމެއް ނެތްތޯ މިއީވެސް އުފެއްދުން ރަނގަޅު ސުވާލެއްކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

21 މާޗް 2018: ކޯޓަށް ހާޒިރުކުރުމަށްޓަކައި ރައީސް މައުމޫން މާލެ ގެންނަނީ: ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިޓީއާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ އެ ސިޓީން، ދިވެހިން އުޅެމުންދާ ޒާތީ ދިރިއުޅަމަށް ބޭރުގެ ފަރާތްތަކުން "އަތްބާނަން" ފުރުޞަތު ދެވިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.

"ވަރަށް ސާފުކޮށް ފެންނަން އެބައޮތް ޔޫއެސް، ޔޫކޭ، އީޔޫ، ޔޫއެން ފަދަ ތަންތަނަށް ގޮސް އިންޑިއާ އިސްވެ ބާއްވައިގެން ތަފާތު ކަންކަން ކުރުމަށް ބަޔަކު މަސައްކަތްކޮށްފައިވާކަން،" ޝިފާން ވިދާޅުވި އެވެ.

މިހެން ކަމަށްވާއިރު ފުލުފުލުގައި ގައުމުތަކުން ނެރުނު ބަޔާންތަކާއި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިން އިންޒާރުތަކުގެ ފަހަތުގައި ދިވެހިންގެ ބައެއްގެ އަތެއް ނެތްތޯ މިއީ ސުވާލެކެވެ. އަދި އެންމެ އެކުވެރި އިންޑިއާއާ ރާއްޖެއާ ދޭތެރެ ޖެއްސީ ބަޔަކު ގަސްދުގައިތޯ ވެސް މިއީ ސުވާލެކެވެ. ތަހުގީގުކުރިއަށްދާ މިންވަރަކަށް މިސުވާލުތަކުގެ ޖަވާބު ވެސް އެނގޭނެ ކަމަށް ރައްޔިތުން އުންމީދުކުރެ އެވެ.

ތަހުގީގު ކުރިއަށްދަނިކޮށް ފުލުހުން ފާރިޝްއަށް އަނިޔާކުރި ކަމަށް ބުނެ އަޑުތަކެއް އެރި އެވެ. ޖަލުގައި އަނިޔާކުރުމަކީ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރާއިރު އެފަދަ ކަމެއް ހިނގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއަދު ފުލުހުން އާންމުކުރި ލިޔުން މީހަކު އަމިއްލަ އަތުން ލިޔެފައިވާ އިރު، އެކަމުގެ ތަހުގީގަށް ފާރިޝްއާ ސުވާލުކޮށްފާނެ ކަމަށް ނުވަތަ އަތުލިޔުން ޗެކް ކޮށްފާނެ ކަމުގެ ބިރަށް އަތަށް ގަސްދުގައި ގެއްލުން ދިނީތޯ ވެސް މިއީ ސުވާލެކެވެ.

އެ ސުވާލު އުފައްދަން މި ދަނޑިވަޅުގައި ޖެހެނީ އާއިލާއިން ބުނާ ބަހާއި ތަހުގީގަށް ދިޔަ ފުލުހުންގެ ބަހާއި ދިމާ ނުވަތީ އެވެ. އެތަނަށް ދިޔަ ފުލުހުންގެ ފަރާތުން ވަރަށް އިތުބާރު ހުރި ގޮތަކަށް"ސަން"އަށް އެނގިފައިވާ ގޮތުގައި އެ އަނިޔާ ފާރިޝްއަށް ލިބުނީ އޭނާ އަމިއްލައަށް އަމަލު ކުރި ގޮތުން ކަމަށެވެ. ނަމަވެސް އާއިލާއިން ފާރިޝްއަށް އަނިޔާކުރި ކަމަށް ބުނާ ނަމަ މިނިވަން ތަހުގީގެއްގެ ތެރެއިން އެކަން ވެސް ބަލަން ޖެހެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އަތް ބިންދައިގެން ދިޔުން ނުވަތަ އަތަށް ގެއްލުން ލިބުމަކީ އޭނާގެ އަތުލިޔުމަށް އޭގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށެވެ. އަތުލިޔުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަތުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެހެން ކަމަށްވާ ނަމަ އެމީހާގެ އަތުލިޔުން ތަހުގީގަށް ނަގާއިރު ކުރީގެ އަތުލިޔުމާ ދިމާ ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަޅުފޮށީގެ މައްސަލާގައި އިދިކޮޅުން ބުނަމުން އަންނަނީ އެއީ ބަޔަކު ރާވާއިގެން ޕްލާންޓްކޮށްފައިވާ ދަބަހެއްކަމަށެވެ. ނަމަވެސް ފުލުހުންގެ އިސް ސަފުގައި މިއަދު ތިބި މީހުން ތިބެ އެފަދަ ކަމެއް ހިނގާފާނެތޯ އެއީ ސުވާލެކެވެ. ސަބަބަކީ އެދުވަހު ހުކުމް ތަންފީޒު ކުރުމަށް ކުރީގެ ސީޕީ އަރީފް ޓާސްކްތައް ހަވާލު ކުރި ބައެއް ފުލުހުން އަދި ވެސް އިސް ސަފުގައި ތިބުމެވެ.

ކުޑަ ގަނޑުކޮޅެއްގައި އޮތް ބޮޑު މަޝްވަރާއިން ކަޅު ފޮށީގެ ބޮޑު ސިއްރު އިތުރަށް ހޯދަން ރައްޔިތުން ބޭނުންވެ އެވެ. ދިހަ ފޮޅުވަތުގެ ކުރު މަޝްވަރާއިން ރައްޔިތުން ސީދާ ކުޑަކަކުލަށް ތިރިކުރަން ރާވާފައިވާއިރު، ރައްޔިތުންނަށް އެވަރުގެ އަދަބެއް ދޭވަރުގެ ކުށެއް ރައްޔިތުން ކުރިތޯ އެރައްޔިތުން ބަލަން ބޭނުންވެ އެވެ. އަދި މިކަމަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަމަކަށްވާ އިރު ދެ ފުށް ފެންނަ ތަހުގީގެއް ފުލުހުން ވެސް ކުރަންޖެހެ އެވެ. ރައްޔިތުންގެ ހައްގަށް ހުރަސް އަޅަން ރޭވި ރޭވުމަކީ ހަގީގަތެއް ނަމަ އެކަމަށް ވެސް އަދަބު ލިބެންޖެހެ އެވެ. ނުވަތަ މި ސިޓީއަކީ ބަޔަކު އުފައްދާފައިވާ ލިޔުމެއް ނަމަ އެކަން ތުހުމަތު ރައްދުވާ ފަރާތްތަކުން ސާބިތުކޮށްދެންޖެހޭނެ އެވެ.

comment ކޮމެންޓް