މާއްޓޭގެ ފުރަތަމަ އެކަޑެމީއާއެކު ހުވަފެނެއް ހަގީގަތަކަށް!

މާއްޓޭ އެކަޑީމިގެ ހަރަކާތްތަކުގެ ތެރެއިން ---

މައުރޫފް އަހުމަދު (މާއްޓޭ)އަކީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑެކެވެ. ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުންވެސް ރާއްޖޭގެ ފުޓުބޯޅައިގައި މާއްޓޭގެ ނަމަކީ ފަނޑުވުމެއް ނެތް ނަމެކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ ޓޮޕް ފްލައިޓްގެ 14 ތަށި ހޯދި މާއްޓޭ ވަނީ ކޯޗެއްގެ ގޮތުގައި 13 ތަށި އުފުލާލައިފައެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ޓްރޮފީ ރެކޯޑެއްގެ އިތުރުން، ތަފާތު އެހެން ރެކޯޑުތައްވެސް މާއްޓޭ އަތުގައި އެބައޮތެވެ. ހާއްސަ ގޮތެއްގައި މާއްޓޭއަކީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި، އެއް ކްލަބެއްގައި ގައުމީ މުބާރާތް މިލްކް ކުރި ހަމައެކަނި މީހާއެވެ. އޭނާ ވަނީ ވިކްޓަރީއަށް ކުޅުނު އިރުވެސް ގައުމީ ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ކޯޗެއްގެ ގޮތުގައިވެސް އެ ކާމިޔާބީ ތަކުރާރު ކޮށްފައެވެ.

ކޯޗިން ކެރިއަރުން ރިޓަޔާކުރި ނަމަވެސް، މާއްޓޭގެ ހިދުމަށް ފުޓުބޯޅައިން ފަނޑުވެގެން ނުދެއެވެ. އެފްއޭއެމްގެ ތެރެއިންނާއި އެކިއެކި ސަރަހައްދުތަކުން އަބަދުވެސް މާއްޓޭ ފެންނަނީ ފުޓުބޯޅައިގެ ތެރެއިންނެވެ. ކުޅިވަރަށް ހާއްސަވެގެން މާއްޓާ ތައުލީމު ހާސިލް ކުރުމަކީ އޭނާ އަދިވެސް ފުޓުބޯޅައިގެ ތެރޭގައި އެކިއެކި ގޮތްގޮތުން އުޅެން ހުރި ކަމުގެ ހެއްކެކެވެ.

މާއްޓޭ ކްރައިފް އިންސްޓިޓިއުޓުން ތައުލީމް ހާސީލްކޮށް ގްރެޖުއޭޓްވުމުގެ ތެރެއިން ---- އިންޓަނޭޝަނަލް ސްޕޯޓްސް މެނޭޖުމަންޓުން މާސްޓާސް ހާސިލްކޮށް، މާއްޓޭ ވަނީ ސްޕޯޓްސް ސްޕޮންސާޝިޕްއިން ޑިޕްލޮމާވެސް ހަދައިފައެވެ. މީގެ އިތުރުން މާއްޓޭ އެންމެފަހުން ކިޔަވައިފައި ވަނީ ސްޕޯޓްސް ސްޕޮންސާޝިޕް އެންޑް މާކެޓިންއެވެ. އޭނާ ވަނީ އެ ދާއިރާއިން މާސްޓާސް ފުރިހަމަ ކޮށްފައެވެ.

ވަޒީފާގެ ގޮތުން އޭނާ މިދިޔަ ފަސް ވަރަކަށް އަހަރު ހޭދަކުރީ އަތޮޅު ތެރޭގައެވެ. ހާއްސަކޮށް އޭނާ ގިނަ ދުވަސްތައް ހޭދަކުރީ ލ. އަތޮޅުގައެވެ. މާއްޓޭ "ސަން ސްޕޯޓްސް"އަށް ވާހަކަ ދައްކަމުން ބުނީ އަތޮޅު ތެރޭގައި ހޭދަކުރެވުނު ދުވަސްތަކާއެކު ވަރަށް ބޮޑަށް ރާއްޖޭގެ ފުޓުބޯޅައިގެ ގްރާސް ރޫޓާ މެދު ވިސްނުންތަކެއް ވިސްނިއްޖެ ކަމަށެވެ.

"ލ. އަތޮޅުގައި މިދިޔަ ހަތަރު އަހަރު ހޭދަކުރި އިރު، ފެނިއްޖެ ވަރަށް ބައިވަރު ކުދިން އަޅާނެ މީހެއް ނެތިފައި، ދަނޑުތަކުގައި ކުޅެން އުޅޭތަން. ސިސްޓަމެޓިކަލީ، ރާއްޖޭގެ ފުޓުބޯޅަ މެނޭޖް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ކިޔެވިއިރުވެސް ރާއްޖޭގެ ގްރާސް ރޫޓަށް ވަރަށް ބޮޑަށް އަލިއަޅުވާލާ، ފައިނަލް ތީސީސްވެސް އެއަށް ލިޔުނީ. ގަމުގައި ފަލި ޕްރޮޖެކްޓްގެ ދަށުން ކުދިން ތަމްރީން ކުރީވެސް ވަރަށް ބޮޑަށް ކޮމިއުނިޓީ ބޭސްކޮށް،" މާއްޓޭ ބުންޏެވެ.

ފުޓުބޯޅައިގައި އެކިއެކި ހިދުމަތްތައް ކުރަމަށް ވިސްނުންތައް ހުރި މާއްޓޭގެ ފުރަތަމަ އެކަޑެމީ "މާއްޓޭ"ގެ ނަމުގައި މިމަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށީގައި ފެށިގެން ދިޔަ އިރު، އެކަޑެމީއެއް ހުޅުވުމަކީ މާއްޓޭ އެންމެ ކުރިންސުރެ ދެކެމުން އައި ހުވަފެނެކެވެ.

"ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު އިރުވެސް، އެންމެ ކުރިންވެސް ދެކެމުން އައި ހުވަފެނެއް އެކަޑެމީއެއް ހުޅުވުމަކީ. ކުޑަކުދިންނަށް މަސައްކަތްތަކެއް ކޮށްދިނުމަކީ. ޕްރޮފިޓެއް ވާ ގޮތަކަށް ނޫން އެކަޑެމީ ހިންގަނީ. އެކަމަކު އޭގެން އިންކަމްއެއް ވަންނަ ގޮތަކަށް ބަލައިގެން،" މާއްޓޭ ބުންޏެވެ.

މާއްޓޭ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި ދުވަސްވަރު ---

މާއްޓޭގެ ނަމުގައި އިއްޔެ ހުޅުވިގެންދިޔަ އެކަޑެމީ ފެށީ 60 ކުދިންނާ އެކުގައެވެ. މާއްޓޭގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 150 އަށް އެ އަދަދު އިތުރު ކުރުމެވެ. މާއްޓޭގެ އެކަޑެމީ ހުޅުވުމަށް އެފްއޭއެމްއާ ގުޅިގެން ކުޅުދުއްފުށީގައި 20 ކޯޗުން ތަމްރީނުކޮށް، އެކަޑެމީގައި މަސައްކަތް ކުރާނީ އޭގެ ތެރެއިން ހަ ކޯޗުންނެވެ.

މާއްޓޭ ބުނީ މިހާރު އެކްޑެމީގައި ތަމްރީނު ކުރާނީ 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ކަމަށާއި، އެހެން ނަމަވެސް އެކަޑެމީ ނިންމާ ހުރިހާ ކުދިންވެސް 13 އަހަރުން ދަށުގެ ޓީމަކަށް ތައްޔާރު ކުރާނެ ކަމަށްވެސް މާއްޓޭ ފާހަގަކުރިއެވެ.

"އެލީޓް ކުޅުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް މިކުރަނީ. މި ސިސްޓަމްގެ ތެރެއިން ބޭރު ވެގެން ދިޔަ ނުދީ، ދެމެހެއްޓޭނެ ގޮތަކަށް. 13 އަހަރުން ދަށުގެ ޓީމެއް. 17 އަހަރުން ދަށުގެ ޓީމެއް ވެސް މި ކުދިންނާއެކު އުފައްދާ، ފުރޭނިގެން އަންނަ ކްރީމް ކޮޅު، ޕްލޭޔާސް މާކެޓަކާ ހަމައަށް ދާ ގޮތަށް މި ވިސްނަނީ،" މާއްޓޭ ބުންޏެވެ.

މާއްޓޭ ބުނީ ރާއްޖޭގައި އާއްމުކޮށް ޓެކްނިކަލީ މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، އިންޓަލިޖެންޓް ކުޅުންތެރިން މަދު ކަމަށެވެ. އޭނާގެ އެކަޑެމީން މައިގަނޑުކޮށް ބަލާނީ ތިން ކަމަކަށް ކަމަށާއި، އެއީ އިންޓަލިޖެންޓް ކުޅުންތެރިން ބިނާ ކުރުމުގެ އިތުރުން މޯރަލް ކަންކަމާއި ކިޔެވުމާއެކު ކުދިންގެ ޑިސިޕްލިން އަށަގަނުވައި އަދި ކޯޗުންވެސް ޑިވަލޮޕްކޮށްގެން ކުޅުންތެރިން ނެރުމަށް ކަމަށެވެ.

މާއްޓޭ އެކަޑީމިގެ ހަރަކާތްތަކުގެ ތެރެއިން ---

މާއްޓޭގެ އެކަޑެމީއަކީ ހަމައެކަނި އެކަޑެމީއެއްގެ ހިސާބުން ނިންމާލުމަށް އޭނާ ގަސްދުކުރާ ޕްރޮޖެކްޓެއް ނޫނެވެ. ރާއްޖޭގައި "އެލީޓް" ކުޅުންތެރިން އުފައްދާ އެ ކުދިންނަށް މާކެޓެއްގެ ތެރެއިން ފުޓުބޯޅައަށް ޕްރޮފެޝަނަލީ ނެރުމަށް މާއްޓޭގެ ދުރު ވިސްނުން އެބަހުއްޓެވެ. ހާއްސަކޮށް އޭނާ ފާހަގަކުރީ ރާއްޖޭގެ އެފްއޭއެމް އަދި ކްލަބުތަކުގެ މެނޭޖްމަންޓުންވެސް އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"ލެޖެންޑެއް"ގެ ލަގަބު ނަގައިގެން ފުޓުބޯޅައިގައި ހިދުމަތެއް ނެތި ހުރިމަކީ މާއްޓޭ ގަބޫލުކުރާ ފިލޯސަފީއެއް ނޫނެވެ. ލެޖެންޑުންގެ މައްސޫލިއްޔަތަކީ ފުޓުބޯޅައަށް އަބަދުވެސް ހިދުމަތް ކުރުން ކަމަށް މާއްޓޭ ފާހަގަކުރެއެވެ.

comment ކޮމެންޓް