އިނގިރޭސި ލީގު މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް --- ފޮޓޯ/ އޭޕީ

އިނގިރޭސި ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ވޯޓުން ހޮވާ ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ)ގެ އިނގިރޭސި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް މިސީޒަންގައި ވާދަކުރާ ހަ ކުޅުންތެރިންގެ ނަން އިއުލާންކޮށްފިއެވެ.

މިއަހަރު އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ހަ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިންނެވެ. އެއީ އެޓީމުގެ ޖަރުމަން ފޯވަޑް ލެރޮއި ސާނޭގެ އިތުރުން މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި ކެވިން ޑިބްރޭނާ އަދި ސްޕެއިންގެ ޑޭވިޑް ސިލްވާއެވެ.

މީގެ އިތުރުން ދެން ލިސްޓްގައި ހިމެނެނީ ޓޮޓެންހަމްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން، ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

ޕީއެފްއޭ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިއަހަރު ވާދަކުރާ ތިން ކުޅުންތެރިން ހިމެނޭ ސިޓީ މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ބާކީ ހަ މެޗު އޮތް އިރު، ޗެމްޕިއަންކަން ހޯދުމަށް ސިޓީ ބޭނުން ވަނީ ދެ މޮޅެވެ.

މިސީޒަންގައި ސިޓީ ޓީމުގެ މެދުތެރެއިން އެންމެ މުހިންމު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިއަކީ ބެލްޖިއަމް މިޑްފީލްޑަރު ޑިބްރޭނާ އަދި ސިލްވާއެވެ. ހާއްސަކޮށް ޑިބްރޭނާއަށް މިސީޒަނަކީ ފާހަގަކޮށްލެވޭ ސީޒަނެކެވެ. އޭނާ ވަނީ މިހާތަނަށް ލީގުގައި 11 ގޯލް ޖަހައި 15 އެސިސްޓް ހަދައިފައެވެ. ސިޓީގެ ސިލްވާވެސް ވަނީ 14 އެސިސްޓް ހަދައިދީފައެވެ. ސިލްވާ ފާހަގަކުރެވެނީ ސިޓީގެ އެޓޭކްގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކެވިން ޑިބްރޭނާ: އޭނާ އަންނަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން ---

މިސީޒަނަށް ސިޓީއާ ގުޅުނު އުމުރުން 22 އަހަރުގެ ސާނޭއަކީ މިހާރުވެސް ޕްރިމިއާ ލީގުގެ ތަރިއެކެވެ. ސާނޭ ވަނީ ސިޓީއަށް ކުޅުނު 44 މެޗުން 13 ގޯލް ޖަހައި، 16 އެސިސްޓް ހަދައިފައެވެ.

މިއަހަރުގެ ލިސްޓްގައި ހިމެނޭ ސަލާހަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއަހަރު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ހައްގު ކުޅުންތެރިޔާއެވެ. ލީގުގައި މިހާތަނަށް 29 ގޯލް ޖަހައިފައިވާ ސަލާހާއެކު ރަން ބޫޓަށް އެންމެ ވާދަކުރަނީވެސް ލިސްޓްގައި ހިމެނޭ ކޭންއެވެ. ކޭން ވަނީ މިހާތަނަށް ލީގުގައި 25 ގޯލް ޖަހައިފައެވެ.

ލީގުގެ ދެވަނައިގައި ޔުނައިޓެޑް އޮތް އިރު، އެޓީމަށް ގިނަ ޕޮއިންޓްތަކެއް ސަލާމަތްކޮށްދިނީ ގޯލްކީޕަރު ޑެހެއާގެ މޮޅެތި ސޭވްތަކާ އެކުގައެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ހަތަރު ފަހަރަށް ޕްރިމިއާ ލީގުގެ އެންމެ މޮޅު 11ގައި ހިމެނިފައިވާ ޑެހެއާ ވަނީ މިސީޒަަންގައިވެސް 16 ކްލީންޝީޓް ހަދައިފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ --- ފޮޓޯ: އޭޕީ

މިއަހަރުގެ ޕްރިމިއާ ލީގުގެ ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައިވެސް ސިޓީގެ ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ ފޯވަޑް ސާނޭގެ އިތުރުން 23 އަހަރުގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިން އަދި އުމުރުން 24 އަހަރުގެ އެޑިސަން މޮރެއާސްއެވެ.

މީގެ އިތުރުން ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންނަކީ ޔުނައިޓެޑްގެ 20 އަހަރުގެ ފޯވަޑް މާކަސް ރަޝްފޯޑް، ޓޮޓެންހަމްގެ ކޭން އަދި ދެވަނަ ޑިވިޝަންގެ ފުލްހަމްގެ ފުލްބެކް ރަޔަން ސެސިއޯންއެވެ.

ފުލްހަމްއަށް ކުޅޭ އުމުރުން 17 އަހަރުގެ ސެސިއޯން ވަނީ މިސީޒަންގެ ތެރޭގައި އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުންވެސް ޖާގަ ހޯދައިފައެވެ. ސެސިއޯން ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގު ފިޔަވާ އެހެން ލީގަކުން ޕީއޭއެފް އެވޯޑަށް ވާދަކުރި ފުރަތަމަ ކުޅުންތެރިއާ އަށެވެ.

މިދިޔަ އަހަރުގެ ޕީއެފްއޭ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެލްސީގެ އެންގޯލޯ ކަންޓޭއެވެ. މިދިޔަ ދެ އަހަރުވެސް ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ޓޮޓެންހަމްގެ ޑެލީ އަލީއެވެ.

comment ކޮމެންޓް