ރާއްޖޭގެ ފުރަތަމަ ޕްލޮގިން ރަން: ޑޮކްޓަރުން ނުކުމެ 1.7 ޓަނުގެ ކުނި ހޮވައިފި!

މިއަދު ބޭއްވި ރާއްޖޭގެ ފުރަތަމަ ޕްލޮގިން ރަންގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

"ޕްލޮގިން ރަން" އަކީ ސްވިޑެންގައި ޓްރެންޑްވެގެން އައި ހާއްސަ ދުވުމެކެވެ. ދުވަމުން ކުނި ހޮވަމުގެ ދުވުމެއްގެ ގޮތުގައި ކުރިއަށްދާ "ޕްލޮގިން ރަން"އަކީ ރާއްޖެއިން އަދި ފެނިފައި ނުވާ ކަމެކެވެ.

ދުވުމުގެ ސަބަބުން ލިބޭ ކަސްރަތުގެ އިތުރުން ތިމާވެއްޓަށްވެސް ފައިދާއެއް ލިބޭ ގޮތަށް ކުރިއަށްދާ "ޕްލޮގިން ރަން"ގެ ފުރަތަމަ ދުވުމަށް ރާއްޖެއިން އިސް ނެގީ ޑޮކްޓަރުންނެވެ. މިމަހުގެ 18 ވަނަ ދުވަހަކީ ޑޮކްޓަރުންގެ ދުވަހަށްވާ އިރު، އެދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް މޯލްޑިއަން މެޑިކަލް އެސޯސިއޭޝަނުންވަނީ ގިނަ ހަރަކާތްތަކެއް ރާވައިފައެވެ. އަދި އެ ހަރަކާތްތައް މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އިރު، އެންމެ މުހިއްމު އެއް ހަރަކާތެއްގެ ގޮތުގައި ފާހަގަ ކުރެވުނީ މިއަދު ފަތިހު ކުރިއަށްދިޔަ ޑޮކްޓަރުންގެ "ޕްލޮގިން ރަން"އެވެ.

މިއަދު ބޭއްވި ރާއްޖޭގެ ފުރަތަމަ ޕްލޮގިން ރަންގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

ދިވެހި 70 އަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވި އެ ދުވުމުގައި ޑޮކްޓަރުންނާއެކު އައި-ރަނާޒްގެ ދުވުންތެރިން ބައިވެރިވެފައިވާ އިރު، ވެމްކޯގެ އެހީގައި މާލޭ ބޭރު މަގުން އެތައް ކުންޏެއް ޑޮކްޓަރުން ވަނީ ހޮވައިފައެވެ.

"އަޅުގަނޑުމެންނާއެކު ދުވުމުގައި އެހީތެރިވެދިން އައި-ރަނާޒްގެ ދުވުން ތެރިން. އަދި މީގެ އިތުރުންވެސް ވެމްކޯގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެއްބާރުލުމެއް. ކުނި އެއްކުރަމުން ކުރިއަށްދިޔަ ދުވުމުގައި ދިވެހި 70 އަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވި. އަޅުގަނޑުމެންނަށް 1.7 ޓަނުގެ ކުނި މިއަދުގެ ދުވުމުން އެއްކުރެވުނު. އެއީ ބޭރު މަގުން އެކަނި،" މިއަދު ކުރިއަށްދިޔަ ޑޮކްޓަރުންގެ ދުވުމާ ގުޅިގެން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. އަލީ ޝާހިދު މުހައްމަދު "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

ޑޮކްޓަރުން ބައިވެރިވި ދުވުމުން ފެށީ އެކުވެނީ ދުވާ ޓެރެކުންނެވެ. ބޭރު މަގު ވާށާ ދުވުން ނިންމާލީ ސީހައުސްއަށެވެ. ސީހައުސްގެ ހާއްސަ ސްޕޮންސާއެއްގެ ދަށުން ދުވުމުގައި ބައިވެރިވި ޑޮކްޓަރުންނަށް ދުޅަހެޔޮ ހެނދުނުގެ ނާސްތާއެއް އަރުވާފައި ވެއެވެ.

މިއަދު ބޭއްވި ރާއްޖޭގެ ފުރަތަމަ ޕްލޮގިން ރަންގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

މިއަހަރުގެ ޑޮކްޓަރުންގެ ދުވަހުގެ ޝިޔާރަކީ "ވޯކް ދަ ޓޯކް، ލީޑް ބައި އެގްޒާމްޕަލް" މިއެވެ.

ޑރ. އަލީ ޝާހިދު ވިދާޅުވީ މިއަހަރުގެ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ކަންކަމަކީ އެ ޝިޔާރުގެ ދަށުން، ރާއްޖޭގެ ޑޮކްޓަރުންނަކީ ބަލިމީހާއަށް ނަމޫނާ ޑޮކްޓަރުންނަށް ހެދުމަށް ކުރިއަށް ގެންދާ ކަންކަން ކަމަށެވެ.

"ޑޮކްޓަރު ކައިރިއަށްދާ ބަލިމީހާއަށް އެބަޖެހޭ ބަލިމީހާ ކައިރީ ކުރަން ބުނާ ކަންކަން ޑޮކްޓަރު ކުރާތަން ފެންނަން. ޑޮކްޓަރުންނަކީ މުޖުތަމައުގައި ދުޅަހެޔޮ އާދަތައް އަށަގަންނަވަން ނަމޫނާ ބަޔަކަށް ވާން އެބަޖެހޭ،" ޑރ. ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަހަރު ކުރިއަށް މިގެންދާ ހަރަކާތްތަކަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޑޮކްޓަރުންގެ ގިނަ ހަރަކާތްތަކެއް ފެންނާނެ ކަމަށެވެ.

"މިއީ އަދި ފެށުމެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް. މިހާރު ނިންމައިފައި އިންނާނީ ކޮންމެ މަހަކުވެސް އެއް ދުވަހު މިކަހަލަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް. އަދި ޑޮކްޓަރުންގެ އިތުރުން މުޅި ހެލްތް ސެކްޓާގައި ހިމެނޭ ހުރިހާ ބޭފުޅުންނަށްވެސް މިކަމުގައި ބައިވެރިވެވޭ ގޮތަށް ކުރިއަށް އޮތް ތަނުގައި މިކަންކަން ކުރިއަށް ގެންދާނީ،" ޑރ. ޝާހިދު ވިދާޅުވިއެވެ.

ޑރ. ޝާހިދު ވިދާޅުވީ ޑޮކްޓަރުންގެ ޑިއުޓީތައް ހުންނަ ގޮތުން ހުރިހާ ޑޮކްޓަރުން ހަރަކާތްތަކުގައި ބައިވެރި ނުވެވުނު ނަމަވެސް މިފަހަރުގެ ހަރަކާތްތަކަށްވެސް ގިނަ ޑޮކްޓަރުންތަކެއްގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

މިއަދު ބޭއްވި ރާއްޖޭގެ ފުރަތަމަ ޕްލޮގިން ރަންގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އަންނަނީ ގިނަ ހަރަކާތްތަކެއް ހިނގަމުންނެވެ. އެގޮތުން ފުޓްސަލް، ހޭންޑް ބޯލް އަދި ބެޑްމިންޓަން މުބާރާތެއްވެސް ކުރިއަށްދާ އިރު، ޑޮކްޓާސް ޑައިވްއެއްވެސް މާދަމާ ކުރިއަށްދާނެއެވެ.

މީގެ އިތުރުންވެސް ސްކްރެބަލް މުބާރާތަކާއި އަންހެން ޑޮކްޓަރުންގެ ނެޓްބޯޅަ މެޗެއްގެ އިތުރުން ފީފާ ޕީއެސް4 މުބާރާތެއްވެސް ޑޮކްޓަރުންގެ ދުވަހާ ގުޅުވައިގެން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ރާވައިފައިވެއެވެ.

މިއަހަރުގެ ޑޮކްޓަރުން ދުވަހުގެ ފަރިއްކޮޅު މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އޮންނާނީ ހޮޓެލް ޖެންގައެވެ.

comment ކޮމެންޓް