ޓެލެގްރާމް ބްލޮކްކުރަން ރަޝިއާގެ ކޯޓަކުން އަމުރުކޮށްފި

ޓެލެގްރާމް އެޕްލިކޭޝަން --

މަގުބޫލު މެސެޖިން އެޕްލިކޭޝަން "ޓެލެގްރާމް"، ރަޝިއާގައި ބްލޮކް ކުރަން އެގައުމުގެ ކޯޓަކުން އަމުރުނެރެފިއެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ މެސެޖް ސްކްރެމްބްލް ކުރާ އެންކްރިޕްޝަން ކީސް ދިނުމަށް ޓެލެގްރާމުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުންތައް ފަސްކުރަން ޓެލެގްރާމުން އެދުނު މައްސަލާގައި ރަޝިއާގެ ޓަގަންސްކީ ޑިސްޓްރިކްޓްގެ ކޯޓުން ބުނީ ޓެލެގްރާމްގެ އެދުން ގަބޫލުނުކުރެވޭނެ ކަމަށާއި އަދި މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ޓެލެގްރާމުން ބުނީ އެ ހުކުމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ.

ރަޝިއާގެ އިންޓަނެޓާ ބެހޭ މުއައްސަސާއިން ރޮސްކޮމްނަޑްޒޯރުގެ ގާނޫނީ ޓީމުން ބުނީ ޓެލެގްރާމުން އެންކްރިޕްޝަންގެ ކީތައް ސަރުކާރާ ހަވާލުކުރަން އެއްބަސްވެއްޖެނަމަ އަލުން ޓެެލެގްރާމްގެ ހިދުމަތް ދިނުމަށް ހުއްދަ ދޭނެ ކަމަށެވެ.

އެންކްރިޕްޝަން ކީސް ހޭންޑް އޯވާ ކުރުމަށް ރަޝިއާ ސަރުކާރުން ޓެލެގްރާމަށް ދިން މުހުލަތު މިމަހުގެ ހަތަރަކަށް ވަނީ ހަމަވެފައެވެ. ނަމަވެސް ޓެލެގްރާމުން ވަނީ އެންކްރިޕްޝަން ކީސް ރަޝިއާގެ ސަރުކާރާ ހިއްސާ ކުރަން ދެކޮޅު ހަދައިފައެވެ.

އެންކްރިޕްޝަން ކީސް ބޭނުން ކުރާނީ ޓެލެގްރާމް މެދުވެރިކޮށް ކުރާ މެސެޖުތައް ބަލައި، ރަޝިއާއަށް އަމާޒުވެދާނެ ޓެރަރިސްޓު ހަމަލާއަކުން ސަލާމަތްވުމަށް ކަމަށް ރަޝިއާގެ ސެކިއުރިޓީ އެޖެންސީ އެފް އެސް ބީ އިން ވަނީ ބުނެފައެވެ.

ޓެލެގްރާމުން ބުނީ އެންކްރިޕްޝަން ކީސް ހޯދަން ރަޝިއާ ސަރުކާރުން އެކުންފުންޏާ ދެކޮޅަށް ކުރި ދައުވާއަކީ ގާނޫނީ ގޮތުން އަދި ޓެކްނިކަލް ގޮތުން ބެލި ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް