ސަނީ ޑިއޯލްގެ 'ބައްޔާޖީ ސުޕަހިޓް' ރިލީޒް ކުރެވޭ ގޮތް ވެއްޖެ

ސަނީ ޑިއޯލްގެ "ބައްޔާޖީ ސުޕަރހިޓް"ގެ މަންޒަރެއް-- ފޮޓޯ: ޓީއޯޓީ

ރިލީޒް ކުރާނެ ދުވަހެއް ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތުގައި ތާށިވެފައި އޮތް، ސަނީ ޑިއޯލްގެ ފިލްމު 'ބައްޔާޖީ ސުޕަހިޓް' ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފިއެވެ.

ސަނީ އާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ފިލްމު ރިލީޒް ކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ހަމަގައިމުވެސް ސަނީގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ސަނީގެ އިތުރުން ފިލްމުގެ ކާސްޓުގެ ތެރޭގައި ޕްރިތީ ޒިންތާ، އަމީޝާ ޕަޓޭލް، އަރްޝަދް ވާރްސީ އަދި ޝްރެޔާސް ޓަލްޕާޑޭ ހިމެނެއެވެ. ނީރަޖް ޕާޓަކް ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު މިދިޔަ އަހަރުގެ ބޮޑު އީދާއި ދިމާކޮށް ރިލީޒް ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް، ރަނގަޅު ތާރީޚެއް ނުލިބުމުން ފިލްމު ރިލީޒް ކުރުން ފަސްކުރީ އެވެ.

'ބައްޔާޖީ ސުޕަހިޓް' އަކީ ކޮމެޑީ ފިލްމެކެވެ. ނަމަވެސް ފިލްމުގައި އެކްޝަން މަންޒަރުތައް ގިނަވާނެ ކަމަށް ސަނީ ވަނީ ބުނެފައެވެ.

ފިލްމުގައި ސަނީ ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ. މިއީ ޑަބަލް ރޯލަކުން ސަނީ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ސަނީ ބުނީ އެއީ އެއްމާބަނޑު ދެބެން ނޫން ކަމަށާއި، އޭނާ އަދާކުރާ ދެ ރޯލު ވަރަށް ތަފާތު ވާނެ ކަމަށެވެ.

ފިލްމުގައި އޭނާ އަދާކުރާނީ ފިލްމު އިންޑަސްޓްރީ އަށް ނުކުތުމުގެ ހުވަފެން ދެކެމުން އަންނަ ގޭންގް ލީޑަރެއްގެ ރޯލެވެ. ޕްރިތީ ފެނިގެން ދާނީ އޭނާގެ އަނބިމީހާގެ ރޯލުންނެވެ.

comment ކޮމެންޓް