ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް ޕޮލިސް ކްލަބާއި އެމްޕީއެލް ފައިނަލުން ޖާގަ ހޯދައިފިއެވެ.
މާފަންނު މިނީ ގްރައުންޑުގައި ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރީ އެންމެފަހުގެ ޗެމްޕިއަން ފެނަކަ އަދި ޕޮލިސް ކްލަބެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ 5-2ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީ ކޮޅުގައި ވަރުގަދައަށް ކުޅުނީ ޕޮލިސް ކްލަބުންނެވެ. އެހެން ނަމަވެސް ފެނަކަ ޓީމުން ވަރަށް ރަނގަޅަށް ޑިފެންސް ކުރިތަން ފެނިގެންދިޔައެވެ.
ރޭގެ މެޗުގެ 31 ވަނަ މިނެޓުގައި ފެނަކައިން ލީޑު ނެގީ ޝައުލާ ތައުފީގު (ތުއްތުނާ)ގެ ގޯލުންނެވެ. އެހެން ނަމަވެސް އެ ގޯލަށް މާ ގިނައިރެއް ނުވެ، އަނީޓާ ބަސްނަޓްގެ ރީތި ގޯލުން ޕޮލިސްވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ޕޮލިހުން ނަތީޖާ ހަމަހަމަ ކޮށްފައިވަނިކޮށް ފެނަކައިންވަނީ އަނެއްކާވެސް ލީޑު ނަގައިފައެވެ. ބިދޭސީ ކުޅުންތެރިޔާ ނާމްގެ ހިލޭ ޖެހުމަކުން ފެނަކައިން ލީޑު ނެގި ނަމަވެސް، މާ ގިނައިރު ވަންދެން އެޓީމަށް ލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ.
ނޭޕާލްގެ ސަބްރިތާ ބަންޑާރީ ޕޮލިސް ކްލަބަށް ހެޓްރިކް ހަދާފައިވާ އިރު، އޭނާގެ ތިން ގޯލް ތެރެއިން ދެ ގޯލަކީ ފެނަކައިން ފަހު ހާފްގައި ފަސް ފައުލް ހަމަވުމުން ލިބުނު ދެ ޕެނެލްޓީން ކާމިޔާބުކުރި ދެ ގޯލެވެ.
ރޭގެ މެޗުގައި ފެނަކައިގެ ކެޕްޓަން އައިޝަތު ސަމާއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އެމްޕީއެލްއިން ފަސޭހަ ކަމާއެކު ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކުރީ 10-1ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެމްޕީއެލްއިން ޖެހި ފުރަތަމަ ގޯލަކީ ކަސްޓަމްސްގެ ފިރުޝާނާ ނަސީރު (ފިނާ) ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ރޭގެ މެޗުގައި އެމްޕީއެލްގެ އައިމިނަތު ޝާމިލާ ވަނީ ހަތަރު ގޯލް ޖަހައިފައެވެ. އަދި ފާތުމަތު ޖޫޒާން ޒަރީރު ވަނީ ދެ ގޯލް ޖަހައިފައެވެ. މެޗުގައި ފަރާހް އަހުމަދު (ފަރާ)، ފާތުމަތު ޝާލިޔާ (ޝާ) އަދި މަރިޔަމް ރިފާ (މަރިލީން) ވެސް ވަނީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖަހައިފައެވެ.
މެޗުގައި ކަސްޓަމްސްގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފިނާއެވެ.
18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެމްޕީއެލްއާއި ޕޮލިސް ކްލަބު ވާދަކުރާ މެޗު އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.