ގޮނޑި ގެއްލިއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއްޔާ ބައި އިލެކްޝަން ބާއްވާނަން: އީސީ

ގޮނޑިގެއްލިފައިވާ ކަމަށް ބުނާ ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް އިއްވަވައިފިނަމަ އެ ދައިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު އިލެކްޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ އެ ކޮމިޝަނުން އިންތިޒާރު ކުރަމުންދަނީ ސުޕްރީމް ކޯޓުން ނިންމާނެ ގޮތަކަށް ކަމަށާއި އެ ކޯޓުން މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައިފި ނަމަ ބައި އިލެކްޝަން ބާއްވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު ކުރަމުންދަނީ ބައި އިލެކްޝަނަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށާއި އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މިދިޔަ އަހަރު މަޖިލީހުން އެ އިންތިހާބު ބާއްވަން ދިން ސަޕްލިމެންޓްރީ ބަޖެޓް އެ އަހަރު އިންތިހާބު ނުބޭއްވުމުން އަނބުރާ ގެންދަވާފައިވާ ކަމަށާއި އަލުން ޖެހިވަޑައިގަންނަވާނީ ބަޖެޓެއް ހޯއްދަވަން ކަމަށެވެ.

"މިދިޔަ އަހަރު ދެއްވި ސަޕްލިމެންޓްރީ ބަޖެޓެއް. އެކަމަކު އެނގިވަޑައިގަންނަވާނެ އަހަރު ނިމުނު އިރު އިންތިހާބު ނޭބޭއްވި އޮތީމަ އޮންނަ އުސޫލުގެ ތެރެއިން މިއަހަރު ޖެހޭނީ އަނެއްކާވެސް ބަޖެޓަކަށް އެދެން. ކޮމިޝަނަށް މި އަހަރަށް ލަފާކޮށް ދިން ބަޖެޓްގައި އެކަން ހިމަނާފައެއް ނުވޭ. އެހެން ކަމުން އަލުން ޖެހޭނީ އެކަމަށް ބަޖެޓެއް ހޯދަން. އެމަސައްކަތް އެބަދޭ ކުރިއަށް،" ޝަރީފް ވިދާޅުވިއެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ދިޔަ މަޝްވަރާގެ ތެރެއިން ޕާޓިގެ އާންމު މެމްބަރުން ޕާޓިން ވަކި ކުރާ އުސޫލާއި އިންތިހާބު ކޮށްފައި ތިބޭ މަގާމްތަކުގައި ތިބޭ މެމްބަރުން ޕާޓީން ވަކިވާ އުސޫލު ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރުމުން ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ފުވައްމުލަކު ދެކުނު ދާއުރާގެ މެމްބަރު އަލީ ޝާހެވެ.

އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނީ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމަކާ ހަވާލާދީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް އަމުރެއް ނެރެފައެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތްތައް ބަޔާންކޮށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފައެވެ.

އެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅޭގޮތުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ.

comment ކޮމެންޓް